ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މަރިޔަމް ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުން ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭ ހައްޔަރުކުރި ދެ މީހުން ދޫކޮށްލަން ސިޔާސީ ޕާޓީތަކުން ގޮވާލައިފި އެވެ.
ވީ ކިހިނެއް؟ - ޔުމްނު، 21، ގެ މައްސަލާގައި ފުލުހުން އަމަލުކުރާ ގޮތާ މެދު ހިތްހަމަނުޖެހިގެން ޒުވާނުންތަކެއް މަގުތަކަށް ނުކުމެ ސިލްސިލާ މުޒާހަރާކުރާތާ 10 ދުވަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. 'ދުލެއް ނުކުރާނަން' ނަމުގައި ކުރަމުން އަންނަ މުޒާހަރާ ރޭ ފުލުހުން ރޫޅާލި އެވެ. ބައިވެރިންގެ ތެރެއަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހައި، ބާރުގެ ބޭނުން ކޮށްފަ އެވެ. އެގޮތުން:
އެ ޒުވާނުން ބޭނުންކުރި އަޑުގަދަ ކުރާ ފަދަ ތަކެތި އަތުލައިގެން ގެންދިޔަ
މުޒާހަރާގައި އިސްކޮށް އުޅުނު ދެ ޒުވާނަކު ހައްޔަރުކުރި
މި ދެ ޒުވާނުން ވަގުތުން ދޫކޮށްލުމަށާއި އެ މުޒާހަރާތަކަށް ފުރުސަތު ދިނުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ އިތުރުން އެމްޑީއޭއިން ވެސް ވަނީ ބަޔާން ނެރެފަ އެވެ.
ބުނީ ކީކޭ؟ - އެމްޑީޕީން ރޭ ނެރުނު ބަޔާނުގައި ގޮވާލީ އެއްވެސް ޝަރުތަކާ ނުލައި އެ ދެ ޒުވާނުން ދޫކޮށްލުމަށެވެ. އެގޮތުން ބުނީ:
ދެ ޒުވާނުން ހައްޔަރުކުރުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، އެއްވެސް އިންޒާރެއް ނެތި ޕެޕާ ސްޕްރޭ ޖެހުން ކުށްވެރިކުރަން
އެއްވެ އުޅުމުގެ މިނިވަންކަމަކީ ކޮންމެ ރައްޔިތަކަށް ގާނޫނުއަސާސީން ލިބިދޭ ހައްގެއް
އެ ހައްގު ބޭނުންކޮށްގެން ކަންބޮޑުވުންތަކެއް އިއްވަން ކުރަމުންދާ މުޒާހަރާތައް އަނިޔާވެރިކަމާ އެކު ރޫޅާލުމަކީ ސަރުކާރަށް ގޮތް ހުސްވެ، ހެއްދެވި ބޮޑު ގޯހެއް
ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްގެން ރޭގެ މުޒާހަރާއިން ދެ ޒުވާނަކު ހައްޔަރުކުރި ކުރުން ކުށްވެރިކޮށް ޑިމޮކްރެޓްސްއިން ނެރުނު ބަޔާނުގައި ބުނީ ޒުވާނުން ކުރަމުން އަންނަނީ ޖާއިޒު މުޒާހަރާތަކެއް ކަމަށެވެ.
ޑިމޮކްރެޓްސްއިން ގޮވާލީ:
ސުލުހަވެރި އިހުތިޖާޖުތަކަށް ފުލުހުން ހުރަސް ނޭޅުމަށް
ސުލުހަވެރި އިހުތިޖާޖުތަކުގެ ބައިވެރިން ހިފައި ހައްޔަރުނުކުރުމަށް
ރޭގެ މުޒާހަރާގައި އެކަން ކުރި ފުލުހުންގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް
އެމްޑީއޭގެ ބަޔާނުގައި ވެސް ބުނީ ރޭގެ މުޒާހަރާގައި އެކަށީގެން ނުވާ މިންވަރަށް ބާރުގެ ބޭނުންކޮށް، މުޒާހަރާ ރޫޅާލީ ސުލުހަވެރިކަމާ އެކު ޝުއޫރު ފާޅުކުރަމުން ދަނިކޮށް ކަމަށެވެ.
އެމްޑީއޭއިން ގޮވާލީ:
އެފަދަ އަމަލުތައް ފުލުހުންނާއި ދައުލަތުގެ އެންމެހާ އިދާރާތަކުން ތަކުރާރުނުކުރަން
އެއްވެސް ތަފާތުކުރުމެއްނެތި ހުރިހާ ފަރާތްތަކަށް ވެސް ފުޅާ ދާއިރާއެއްގައި ހިޔާލު ފާޅުކުރުމުގެ ފުރުސަތު ދިނުމަށް
ފާހަގަކޮށްލެވޭ ކަމެއް - ފުލުހުން ބުނީ ރޭގެ މުޒާހަރާ ރޫޅާލީ އާންމު ރައްޔިތުންނަށް ދަތިވުމުގެ އިތުރުން ޖީސީއީ އޯ ލެވެލް ހަދާ ދަރިވަރުންނަށް އެކަމުގެ ސަބަބުން އުނދަގޫވަމުން ދާތީ ކަމަށެވެ.
ޒުވާނުންގެ މުޒާހަރާއިން ހައްޔަރުކުރި ދެ މީހުން ދޫކޮށްލަން ސިޔާސީ ޕާޓީތަކުން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ