މުޒާހަރައިގެ ބައިވެރިން އަދި ފުލުހުން ގާނޫނާ ހިލާފުނުވުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވސް (އެޗްއާރްސީއެމް)އިން އިލްތިމާސްކޮށްފިއެވެ.
އެޗްއާރްސީއެމްއިން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ އެޕްރީލް މަހުގެ 23 ވަނަ ދުވަހުން ފެށިގެން މާލޭގެ މަޖީދީ މަގުގައި ކުރިއަށްދާ ސިލްސިލާ އެއްވުންތައް މި ކޮމިޝަނުން ދަނީ ވަރަށް ގާތުން މޮނީޓާ ކުރަމުންދާ ކަމަށެވެ.
އެޗްއާރްސީއެމްއިން ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނުނުއަސާސީއިން އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ރައްޔިތުންނަށް ދީފައިވާ އިރު، ހައްގުގެ ބޭނުން ކުރުމުގައި އެއްބަޔަކު އަނެއްބައެއްގެ ހައްގަށް އަރައިނުގަނެ ހައްގުތަކަށް އިހުތިރާމްކުރުމަކީ މުޖުތަމައުގެ ހަމަޖެހުމަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.
އާންމު އިޖްތިމާއީ މިންގަޑާއި ހިލާފު ނުވާނެހެން މުޒާހަރާ ކުރިއަށް ގެންދިއުމަށް ގޮވާލައި އެޗްއާރްސީއެމްއިން ވަނީ އެއްވުންތައް ބޭއްވުމުގައި ދަތުރުފަތުރުކުރާ މީހުންނާއި ހިނގާބިނގާވާ މީހުންނާ އަދި އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކާއި ވިޔަފާރިތަކަށް ދަތިނުވާނެގޮތަކަށް އެއްވުންތައް ހަމަޖެއްސުމަށް އިލްތިމާސްކޮށްފައެވެ. އަދި މި ދުވަސްވަރަކީ ޖީސީއީ އޯލެވެލް އިމްތިހާނު ދުވަސްވަރުކަމުން މަގުތަކުގައި އަޑުގަދަނުކޮށް މިފަދަ އެއްވުންތަކުގައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ އިމުގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ވެސް އެ ކޮމިޝަނުން އިލްތިމާސްކޮށްފައިވެއެވެ.
މީގެއިތުރުން އެޗްއާރްސީއެމްއިން ވަނީ މުޒާހަރާ ރޫޅާލުމުގައި ގާނޫނާއި ގަވާއިދުގެ ތެރެއިން ފުލުހުންގެ އަމަލުތައް ބެހެއްޓުމަށް ދިވެހި ފުލުހުންނަށް އިލްތިމާސްކޮށްފައެވެ. އަދި އަމަލުކުރަންޖެހޭ އިޖުރާއަތްތަކާ އެއްގޮތަށް އަމަލު ކުރުމަށާއި އެއްވުންތައް ރޫޅާލުމުގައި ފުލުހުން ސުލްހަވެރިކަން އިސްކުރުމަށް ކޮމިޝަނުން ވަނީ ގޮވާލާފައެވެ.
އެޗްއާރްސީއެމްއިން އިތުރަށް ބުނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގާ އެއްގޮތްވާ ގޮތުގެ މަތިން ސުލްހަވެރި އެއްވުންތަކުގައި ގިނަ ޒުވާނުންތަކެއް ބައިވެރިވެ އުޅުމަކީ އެޗްއާރްސީއެމްއިން ބަލައިގަންނަ ކަމެއް ކަމަށެވެ.
މުޒާހަރައިގެ ބައިވެރިން ވެސް ފުލުހުން ގާނޫނާ ހިލާފުނުވުމަށް އެޗްއާރްސީއެމްއިން އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ