ސިޓީބިޓީ: ޒުވާނުންގެ މުޒާހަރާ ރޫޅާލީ ގާނޫނުއަސާސީއާ ހިލާފަށް ސިޓީބިޓީ: ޒުވާނުންގެ މުޒާހަރާ ރޫޅާލީ ގާނޫނުއަސާސީއާ ހިލާފަށް

މިހާރު މާލޭގައި ޒުވާނުން އިސްވެތިބެ ކުރަމުންދާ ސުލްހަވެރި މުޒާހަރާތައް ރޫޅައިލައިފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ލިބިދީފައިވާ ދައުލަތުން ކުރިން ހުއްދައެއް ހޯދުމަކާނުލާ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގާ މުޅިން ހިލާފަށެވެ.
ފެހި ގާނޫނުއަސާސީ 2008 ވަނަ އަހަރު އައު ގާނޫނުއަސާސީ ވުޖޫދަށް އައުމާއެކު، ރައްޔިތުންނަށް ގިނަގުނަ ހައްގުތަކެއް ލިބިގެން ދިޔައެވެ. މިގޮތުން އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު ވެސް ގާނޫނުއަސާސީއިން ކަށަވަރުވެގެންދިޔަ އެވެ. ގާނޫނުއަސާސީގެ މި ހައްގު ތަންފީޒުކުރުމަށް، 10 ޖަނަވަރީ 2013 ގައި ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމަށް ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ނަމުގައި ގާނޫނެއް ވުޖޫދުވެފައިވެ އެވެ. މި ގާނޫނުގެ މަގުސަދަކީ ގާނޫނުއަސާސީގައި މި ބަޔާންކުރާ އެއްވެއުޅުމުގެ ހައްގުގެ ހަމަތައް ބަޔާންކުރުމާއެކު ބައިނަލްއަގުވާމީ މުޢާހަދާތަކުން ލިބިދޭ އެއްވެއުޅުމުގެ ހައްގު ދިވެހިރާއްޖޭގައި އިންތިޒާމްވެގެންވާ ގޮތް ބަޔާންކުރުކަމާއި މި ހައްގު ޤާނޫނަކުން ހަނިކުރެވިދާނެ ހާލަތްތައް ބަޔާންކުރުމެވެ.
އެހެންނަމަވެސް 23 އޮގަސްޓު 2016 ގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނެވުނު ފުރަތަމަ އިސްލާހު ތަސްދީގުކުރެވުމާއި ގުޅިގެން އެއްވެއުޅުމުގެ މިނިވަންކަމަށް ބޮޑު ހުރަހެއް އެޅިގެން ދިޔަ އެވެ. މި އިސްލާހުގެ ދަށުން، މާލޭގައި އެއްވެސްކަހަލަ އެއްވުމެއް ބޭއްވޭނީ ހަމައެކަނި ފުލުހުންގެ ހުއްދައާއެކު، ހޯމް މިނިސްޓްރީން ކަނޑައަޅާ ވަކި ސަރަހައްދުތަކެއްގައި އެކަނިކަމުގައި ކަނޑައެޅިގެންދިޔަ އެވެ. މިއާއެކު ފެނިގެންދިޔައީ ގާނޫނުއަސާސީން ލިބިދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގާއި 19 ސެޕްޓެންބަރު 2009 ގައި ދިވެހިރާއްޖެއިން ސޮއިކޮށް ތަސްދީޤުކޮށްފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާގެ 21 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އެއްވެއުޅުމުގެ ހައްގު ރައްޔިތުންގެ އަތުން ނިގުޅައިގަނެވިގެން ދިޔަތަނެވެ.
ދިވެހިރާއްޖެއިން ސޮއިކޮށް ތަސްދީގުކޮށްފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާގެ އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ތަފްސީލުކޮށްދީ ފައިވާ ޖެނެރަލް ކޮމެންޓް 37 ގައި، ސުލްހަވެރި އެއްވުންތައް އަމާޒުކުރާ ފަރާތްތަކަށް ނުވަތަ އާއްމު ރައްޔިތުންގެ ސަމާލުކަން ނުލިބޭނެފަދަ ގޮތަކަށް ދުރު ސަރަހައްދުތަކުގައި އެއްވުން ބޭއްވުމަށް އަންގައިގެންނުވާނެކަމަށާއި އާންމު އުޞޫލަކުން އެތަނެއްގެ ވެރިރަށުގައި ބާއްވާ ހުރިހާ އެއްވުންތަކެއް ވަކި ތަނެއް ފިޔަވައި އާންމު ހުރިހާ ތަންތަނާއި މަގުތަކުގައި މަނާކުރެވިފައި އޮވެގެންނުވާނެކަމުގައި ބަޔާންކޮށްފައިވެ އެވެ.
މިކަން އިތުރަށް ތަފްސީލުކޮށްދީ، އެއްވުމެއް ބޭއްވުމަށް ކުރިން ހުއްދަ ހޯދަންޖެހުމަކީ އެއްވެއުޅުމުގެ އަސާސީ ހައްގު ފުށުއަރާ ކަމެއްކަމުގައި ވެސް ބަޔާންކޮށްފައިވެ އެވެ. މީގެ އިތުރުން ވެސް މި ޖެނެރަލް ކޮމެންޓް 37 ގައި ނޮޓިފިކޭޝަން ސިސްޓަމެއް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އެހީތެރިވުމުގެ ގޮތުން ގާއިމްކުރެވިދާނެކަމާއި އެއީ އެއްވުންތަކަށް މަގުފަހިކުރުމަށް ފަސޭހަކުރުމުގެ ގޮތުންކަމުގައި ބަޔާންކޮށްފައިވެ އެވެ. އަދި ދަޢުލަތުގެކަމާބެހޭ އިދާރާއަށް ނޮޓިފިކޭޝަން ދެވިފައިނެތުމުން އެ އެއްވުމެއް ޣައިރު ގާނޫނީ އެއްވުމަކަށް ނުވަތަ އެ އަސާސުގެ މައްޗަށް އެ އެއްވުމެއް ރޫޅާލައި އެއްވުމުގައި ބައިވެރިވާ އަދި އިންތިޒާމްކުރާ ފަރާތްތަކަށް ޖިނާޢީ އަދަބު ދެވިގެންނުވާނެކަމުގައިވެސް ބަޔާންވެގެންވެ އެވެ.
އެއްވެ އުޅުމުގެ މިނިވަންކަން ގާނޫނުއަސާސީއާ ހިލާފަށް ހަނިކޮށްފައިވާތާ 3 އަހަރުފަހުން، އޯގަސްޓް 2019 ގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނެވިފައިވާ އިސްލާހު އުވާލުމުގެ ބިލެއް މަޖިލީހަށް ހުށަހަޅާފައިވެ އެވެ. އެހެންނަމަވެސް، 60 މެންބަރުންގެ ތެރެއިން މި އިސްލާހު ފާސްކުރުމަށް ފެނިވަޑައި ގަންނަވާކަމަށް އެންމެ 13 މެންބަރުންގެ ތާއީދުލިބުމުނ މި ބިލު ފާސްކުރުމަށް ނުފެންނަކަމަށް ނިންމަވާ އަލުން ބިލު އިސްލާހުކުރުމަށް އަނބުރާ ކޮމިޓީ މަރުހަލާއަށް ފޮނުވާލެވުނެވެ. އެއަށްފަހު މި ބިލު ދިރާސާކޮށްނިމިފައި އޮންނާތާ ވެސް ހަތަރު އަހަރުވެއްޖެ އެވެ.
އޭގެ އިތުރުން، 25 ޖުލައި 2020 ވަނަ ދުވަހު، ބާ ކައުންސިލުގެ ފަރާތުން ގާނޫނުއަސާސީއިން ލިބިދެވޭ އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު ހަނިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، ސުހްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު އިސްލާހު ކުރުމަށް ގޮވާލާފައިވެ އެވެ. އަދި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ރައްކާތެރިކޮށްދިނުމަކީ ޤާނޫނުއަސާސީގެ 18 ވަނަ މާއްދާގެ ދަށުން ދިވެހިދައުލަތުގެ މައްޗަށް މަތިކޮށްފައިވާ ދުސްތޫރީ ވާޖިބެއްކަމާއި ޤާނޫނަށް ގެނެވުނު މި އިސްލާހަކީ ދިވެހިރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލް އަޤުވާމީ މުއާހަދާތަކާވެސް ހިލާފު އިސްލާހެއް ކަމުގައި ބަޔާންކޮށް ނޫސްބަޔާނެއް ނެރެފައިވެ އެވެ.
ޤާނޫނުއަސާސީއާ ހިލާފަށް މި އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނެވުނު އިސްލާހަށް މިއަދު މިވަނީ ނުވަ އަހަރުވެފަ އެވެ. މިކަމާމެދު ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ހޮވި މެންބަރުން ތިއްބެވީ ހަނެވެ. ތިންބާރުގެ މިނިވަންކަން ވަނީ ނެތިގެން ގޮސްފައެވެ. މި ހައްޤު ހަނިކުރިފަހުން ދެ ދައުރެއްގެ ދެ ޕާޓީއެއް އައިސް ވެރިކަންކުރިއިރު މި ހައްގު ހޯދައިދިނުމަށް މަސައްކަތް ކުރެވިފައެއް ނުވެ އެވެ. ރައްޔިތުންގެ ހައްގުތަކަށް ވަކާލާތުކުރަން ތިބި މުއައްސަސާތަކުގެ އަޑުވަނީ ކަނޑުވާލައިފި އެވެ. އެކެއްގެ މުށުތެރެއަށް ގައުމު ވެއްޓިގެންދާއިރު ބަލަން ތިބުން ނޫންގޮތެއް އަހަރުމެން ހޯދަންޖެހެ އެވެ.
ގާނޫނީ ވަކީލެއް
ސިޔާސަތާ މެދު ފާޑެއް ކިޔަން އޮތީ ހެއްޔެވެ؟ ކަމެއް އިސްލާހުކުރަން މުއައްސަސާއެއްގެ ސަމާލުކަމަށް ގެންނަން ބޭނުންވަނީ ހެއްޔެވެ؟ ޝަކުވާއެއް ބޮޑުވެ އާއްމުންނާ ހިއްސާކުރަން ބޭނުންވީ ހެއްޔެވެ؟ އެހެން ކަމެއްގައި ވިޔަސް ހިޔާލެއް ހިއްސާކުރަން ބޭނުން ހެއްޔެވެ؟
ކިޔުންތެރިންގެ ހިޔާލާއި ފިކުރު މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމަށް "އަދަދު"ން ތަނަވަސްކޮށްދީފައި ވަނީ "ސިޓީބިިޓީ" އެވެ. ހިޔާލުތައް ލިޔުމަށް ތިރިކޮށްލުމަށް ފަހު، "އަދަދު"ގެ އެޑިޓަރަށް އެޑްރެސްކޮށް [email protected] އަށް އީމެއިލްކޮށްލާށެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ