ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުން ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކަކީ ޖާއިޒު މުޒާހަރާތަކެއް ކަމަށާއި އެކަމަށް ޝުއޫރު ފާޅުކުރުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޔުމްނު، 21،އަށް އިންސާފު ހޯދައިދިނުމަށް ޒުވާނުން ބާއްވަމުން އައި މުޒާހަރާތަކުގެ ފުރަތަމަ ރެއަށް ފަހު ފުލުހުން ކޮންމެ ރެއަކު ވެސް ވަކި ހިސާބަކުން ބެރިކޭޑު ޖަހައި މުޒާހަރާ ކުރާ ސަރަހައްދު ބަންދުކުރެ އެވެ.
މުޒާހަރާއަށް ހަފްތާއަކަށް ވުރެ ގިނަ ދުވަސްވީއިރު:
މަޖީދީމަގުގައި ކުރަމުން އައި އެ މުޒާހަރާތައް އެ ސަރަހައްދުގައި ބޭއްވުމުގެ ފުރުސަތެއް ފުލުހުން ނުދޭ
މިދިޔަ ބުރާސްފަތި ދުވަހު އެ ތަނުގައި ބޭއްވި މުޒާހަރާ ފުލުހުން ބާރުގެ ބޭނުންކޮށްގެން ރޫޅާލައި މުޒާހަރާތަކުގައި އިސްކޮށް އުޅުނު ދެ ޒުވާނަކު ވަނީ ހައްޔަރު ކޮށްފައި؛ އެ ދެ ޒުވާނުންގެ ބަންދަށް ތިން ދުވަސް އިއްޔެ ޖެހިޔަސް މިރޭ ވަނީ ދޫކޮށްލާފައި
ފުލުހުން މިހާރު ބުނަނީ އެ ސަރަހައްދުގައި މުޒާހަރާ ކުރާ ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް
ބުނީ ކީކޭ؟ - އެ މުޒާހަރާތަކާ ގުޅޭ ގޮތުން ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ދައުރު'ން ސުވާލުކުރުމުން ރައީސް ވިދާޅުވީ އެ މުޒާހަރާތަކަކީ ބައެއްގެ ޖާއިޒު ޖަޒުބާތުތަކާ އެކު ކުރާ، ޖާއިޒު މުޒާހަރާތަކެއް ކަމަށެވެ.
އެކަމާ ގުޅިގެން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާއި ބާއްވަމުންދާ މުޒާހަރާތަކަށް ފުރިހަމައަށް މަރުހަބާ ކިޔާ ކަމަށާއި އެ ކަމަށް ދެކޮޅު ނުހައްދަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑަށް ފުލީ އަންޑަސްޓޭންޑުވޭ، އަޅުގަނޑު އިިހުތިރާމުކުރަން އެ ޝުއޫރުތަކަށް. އަޅުގަނޑު ގަބޫލުކުރަނީ އެއީ ހަމަ ނެޗުރަލީ އައިސްފައި ހުރި ޝުއޫރުތަކެއް ކަމަށް. އެއަކަށް ނެތް އަޅުގަނޑުގެ އެއްވެސް ދެކޮޅު ހެދުމެއް. އެހެންވީމާ އެ ޝުއޫރުތައް ފާޅުކުރަން ފުރުސަތު ލިބެންޖެހޭނެ،" ރައީސް ވިދާޅުވި އެވެ.
އެ މައްސަލާގައި ފުލުހުން ކުރާ ތަހުގީގުތަކަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ އެފަދަ ނުފޫޒެއް ފޯރުވިކަން އެނގިވަޑައިގެންފައިނުވާ ކަމަށާއި އެ މައްސަލާގައި އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުގެ ތަހުގީގުން އެފަދަ ކަމެއް ފާހަގަކުރެވިއްޖެ ނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެފަދަ ކަންބޮޑުވުންތަކާއި ގަބޫލުކުރުންތައް އާންމުންގެ އޮންނަނީ ޒަމާނުންސުރެ ކަން ހިނގަމުން އައި ގޮތަކީ ބާރުގަދަ ބޭފުޅުން ބާރުގެ ބޭނުންކުރުން ކަމަށްވާތީ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތޭ ޒުވާން ކުދިން ވެސް، އެންމެން ވެސް ހަމަ މިކަމާ ވާހަކަދައްކައި ހިޔާލު ފާޅުކޮށް، އެ ގޮތް ބަދަލުކުރަން، އިންސާފާ ހަމަ އާއި ދެފުށްފެނުމާ، މިކަން ކަމަށް ގޮވާލަން އަޅުގަނޑު ހަމަ ތާއީދު ވެސް ކުރަން އެނގޭތޯ. އެއީ އެކަން ވާންޖެހޭނެ ގޮތް،" ނުބައި އާދަތައް ދޫކޮށްލެވޭނީ އެންމެން ބައިވެރިވެގެން ކުރާ މަސައްކަތަކުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ޔުމްނުއަށް އިންސާފު ހޯދުމަށް ގޮވާލާ ޒުވާނުން ކުރަމުންދާ މުޒާހަރާއަށް ފުރުސަތު ދޭންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއިރު މިރޭގެ މުޒާހަރާއަށް ވެސް ފުލުހުން ވަނީ ހުރަސް އަޅާފަ އެވެ.
ޒުވާނުންގެ މުޒާހަރާ: ރައީސް ވިދާޅުވީ ޒުވާނުންނަށް ޝުއޫރު ފާޅުކުރަން ފުރުސަތު ދޭންޖެހޭނެ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ