ގިނަ ލަނޑުތަކެއް ފެނުނު ވަރުގަދަ މެޗެއް؛ ބާސާ ހިތްދަތިކޮށްލާފައި އިންޓާ ފައިނަލަށް

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި އިންޓާ މިލާނާއި އެފްސީ ބާސެލޯނާ ބައްދަލުކުރި ސެމީ ފައިނަލްގެ ފޯރިގަދަ ހަތް ކަނޑު ފެނުނު މެޗު ކާމިޔާބުކޮށް، އިންޓާއިން މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ. ރޭގެ މެޗަކީ ފުރަތަމަ ލެގެކޭ އެއްގޮތަށް ގިނަ ލަނޑުތަކެއް ފެނުނު މެޗެކެވެ. ޖުމުލަ ހަތް ލަނޑު ރޭ ފެނުނުއިރު ދެ ޓީމުން ވެސް ކުޅުނީ ވަރަށް ބަލާހިތްވާ، އެޓޭކިން ފުޓުބޯޅައެކެވެ. އިންޓާއިން މި މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައިވަނީ ބާސާގެ މައްޗަށް 7-6ގެ އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެންނެވެ. ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު ބާސާގެ ދަނޑުގައި މިދިޔަ ހަފުތާގައި 3-3 އިން ދެ ޓީމު އެއްވަރުވީއިރު އިންޓާގެ ދަނޑުގައި ކުޅުނު ދެވަނަ ލެގު ވެސް ފުރިހަމަ ވަގުތު ހަމަވިއިރު 3-3 އިން އެއްވަރުވުމުން ނަތީޖާ ނެރެންޖެހުނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެގެންނެވެ. މިލާންގެ ސެންސީރޯ ކުޅުނު ދެވަނަ ލެގުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ ބާސާއިން އުފެއްދި ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދައްކާފައިވަނީ އިންޓާއިންނެވެ. މިގޮތުން މެޗުގެ 21 ވަނަ މިނެޓުގައި ޑެންޒެލް ޑަމްފްރީސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ލަނޑު ޖަހައި ލީޑު އިންޓާއަށް ނަގައިދީފައިވަނީ ކެޕްޓަން ލައުޓާރޯ މާޓިނޭޒެވެ. މި ލަނޑާ އެކު މެޗުގެ ލީޑު ލިބުމުގެ އިތުރުން އިންޓާއަށް އެގްރިގޭޓް ނަތީޖާއިން ވެސް ކުރި ލިބުނެވެ. ފުރަތަމަ ހާފު ނިމެން ގާތްވެފައިވަނިކޮށް އިންޓާގެ މާޓިނޭޒްއަށް ބާސާގެ ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ވީއޭއާރުން ޗެކްކުރުމަށް ފަހު އިންޓާއަށް ޕެނަލްޓީއެއް ލިބުނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދީ އިންޓާއަށް މެޗުގައި ދެ ލަނޑުގެ ލީޑެއް ނަގައިދިނީ ހަކާން ޗަލަނޮގްލޫއެވެ. ދެވަނަ ހާފުގެ ވެސް ފުރަތަމަ ފަސް ވަރަކަށް މިނެޓް ބާސާއިން ވަރަށް މަޑު މައިތިރިކޮށް ފެނުނު ނަމަވެސް މެޗުގެ 54 ވަނަ މިނެޓުގައި އެރިކް ގާސިއާ އެ ޓީމަށް ކާމިޔާބުކޮށްދިން ލަނޑާ އެކު މެޗުގައި ދެން ފެނުނީ ތަފާތު ބާސެލޯނާއެކެވެ. މިގޮތުން އެ ޓީމުގެ ހަމަލާތައް ފުލުފުލުގައި އުފައްދަމުންދިޔައިރު އިންޓާ ފެނުނީ ގޮތް ހުސްވެގެން އުޅުނު ތަނެވެ. ނަތީޖާއަކަށްވީ މެޗުގެ 60 ވަނަ މިނެޓުގައި ޑަނީ އޯލްމޯ ކާމިޔާބުކޮށްދިން ލަނޑުން މެޗުގެ އިތުރުން އެގްރިގޭޓް ނަތީޖާއިން ވެސް ފަހަތުން އަރައި ބާސާއިން އިންޓާ އާ ހަމަކުރުމެވެ. މެޗުގައި ބާސާއިން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ރަފީނިއާ ކާމިޔާބުކޮށްދިނުމާ އެކު މިމެޗުން ބާސާ މޮޅުވެ، ފައިނަލްގެ ޖާގައެއް އެ ޓީމުން ކަށަވަރުކުރީ ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރިއެވެ. ނަމަވެސް، ނޭވާ ހިފަހައްޓާލައިގެން ތިބެން ޖެހުނު ގިނަ ކަންތައްތަކެއް ފުރަތަމަ ލެގާއި ދެވަނަ ލެގުގެ އެހާ ހިސާބަށް ވެސް ފެނުނުގޮތަށް ދެން ފެނުނީ އިންޓާއިން މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ލަނޑެއް ޖަހައި ބާސާ ސިއްސުވާލި ތަނެވެ. މި ލަނޑާ އެކު ސެންސީރޯ ވެސް އިންޓާގެ ސަޕޯޓަރުންގެ އަޑުން ގުގުމައިގެންދިއައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ޑިފެންޑަރު ފްރެންސެސްކޯ އަސާބީއެވެ. ނަތީޖާއަކަށްވީ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 3 ލަނޑު 3 ލަނޑުން އެއްވަރުވެ، ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުމެވެ. އިތުރު ވަގުތުގައި އިންޓާއަށް މެޗުން މޮޅުވުމުގެ އިތުރުން އެ ޓީމު ފައިނަލަށް ގެންގޮސްދިން މުހިންމު ލަނޑު ކާމިޔާބުކޮށްދިނީ ޑޭވިޑް ފްރެޓޭސީއެވެ. އިތުރު ވަގުތުގައި ބާސާއިން އިތުރު ލަނޑެއް ޖަހޭތޯ މަސައްކަތް ކުރި ނަމަވެސް އެކަން އިންޓާއިން ކާމިޔާބު ވިޔަކަ ނުދިނެވެ. މި މުބާރާތުގެ ފައިނަލްގައި އިންޓާ ބައްދަލުކުރާނީ އާސެނަލާއި ޕެރިސް ސެއިންޓް ޖާމެއިން ބައްދަލުކުރާ ސެމީ ފައިނަލުން ކުރި ހޯދާ ޓީމަކާއެވެ. ދެ ޓީމިގެ މެދުގައި ކުޅުނު ފުރަތަމަ ލެގު އެއް ލަނޑު ސުން ލަނޑުން ރަށުން ބޭރުގައި ކާމިޔާބުކޮށްފައިވަނީ ޕީއެސްޖީންނެވެ. ދެ ޓީމުގެ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ ޕީއެސްޖީގެ ދަނޑުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ