ފަރީދުގެ ނަމާ ގުޅިފައި އޮތީ އޭނާގެ ގަދަ ހިތްވަރު

ދެހާހުގެ އަހަރުތަކުގެ ކުރީކޮޅެވެ. އާދަޔާ ހިލާފު ރީތި އަޑަކުން ޤުރުއާން ކިޔަވައި ޒުވާނަކު އިމާމުމެ ހުކުރުކުރައްވަން ފެއްޓެވި އެވެ. އޭނާ ހުތުބާ ވިދާޅުވުމުގެ ގޮތްގަނޑު ވެސް އެހާމެ ތަފާތެވެ. ވަރުގަދަ ބަރު އަޑެކެވެ. އެ އަޑުން ޤުރުއާން ކިޔަވާވިދާޅުވަނީ ވެސް އެހާމެ ރީތި ރާގަކަށެވެ.
ޒުވާނާއަށް އާންމުންގެ ސަމާލުކަން ލިބިވަޑައިގެންފި އެވެ. އޭނާ ހުކުރުކުރައްވާ މިސްކިތްތައް ބަލައިގެން، އެ ތަންތަނަށް ހުކުރަށް ދިއުމަކީ ވެސް ބައެއްގެ އާދައަކަށް ވި އެވެ.
އިބްރާހިމް ފަރީދު އަހުމަދުގެ ނަންފުޅާއި އޭނާގެ ޤުރުއާން ކިޔަވާވިދާޅުވުން މަޝްހޫރުވީ އެހާމެ އަވަހަށެވެ. ގަތަރުގައި އިސްލާމީ ޝަރީއާގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އޭރުގެ މައުހަދުގެ ބައެއް ކޯސްތަކުގައި ކިޔަވާދެއްވަމުން ގެންދެވި ޒުވާން ޓީޗަރެކެވެ.
އެކަަމަކު ފަރީދުގެ ދީނީ ވިސްނުން އޭރުގެ ސަރުކާރުގެ ސިޔާސަތާ ފުށުއަރާ ގޮތްވި އެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމް ގެންގުޅުއްވި ބައެއް ވިސްނުންފުޅުތަކާ ހިޔާލު ތަފާތު ދީނީ ފިކުރުގެ މީހުންގެ ތެރެއަށް ފަރީދު ވެންނެވި އެވެ. އެހާ ހިސާބުން ހުކުރުކުރެއްވުމުގެ ފުރުސަތު ގެއްލުނެވެ. އާންމުންގެ ލޯމަތިން ވެސް އޭނާ 'ގެއްލުވާލެވޭނެކަމު'ގެ ނިޔަތާ އެކު ހައްޔަރު ވެސް ކުރި އެވެ. އެތައް ދައުވާއެއް ވެސް އުފުލި އެވެ.
ނަމަވެސް ފަރީދުގެ ހިތްވަރު ބަލިކޮށިކޮށްލެވޭ ވަރެއް ނުވި އެވެ. މައުމޫންގެ ވެރިކަމާ ދެކޮޅު ހަރަކާތުގައި ދީނީ އިލްމުވެރިއެއްގެ ގޮތުން ކުރީ ސަފަށް ވެސް ނުކުންނެވި އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ލިއުއްވި މެސެޖުން ދައްކައިދެއްވީ އެކަމެވެ.
"ބިރުދެއްކުމަކަށް ފަހަތަށް ޖެހިވަޑައިނުގެންނެވި، އިސްލާހީ މަސައްކަތުގެ ބައިވެރިޔާ" މިއީ ފަރީދުގެ ހިތްވަރު ސިފަކުރައްވަން ނަޝީދު އިއްޔެ ބޭނުންކުރެއްވި ޖުމްލައެކެވެ.
އިސްލާހީ މަސައްކަތުގެ އެންމެ ކުރީގައި އޮތް އެމްޑީޕީގެ ފަރާތުން ދެވަނައަށް ވެރިކަންކުރެއްވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބޭނުންކުރެއްވީ ހަމަ އެކަހަލަ ބަސްކޮޅެކެވެ.
"ޝައިޚް ފަރީދަކީ ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރު ކުރެއްވުމަށް ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ޢާލިމެއް. އަދި ސިޔާސީ އިޞްލާޙީ ޙަރަކާތުގަައި އެހާމެ މުހިންމު ދައުރެއް އަދާކުރެއްވި ހިތްވަރުގަދަ ބޭފުޅެއް،" އެކްސްގައި ލިއުއްވަމުން ސޯލިހު ވިދާޅުވި އެވެ.
ނަމަވެސް ސިޔާސީ މިނިވަންކަން ލިބި އަދި ދީނީ އިލްމުވެރިންނަށް ތަގުރީރުކުރަން ކުރިން އޮތް ހުރަސްތައް ވެސް ނެތި، ހުޅުވާލެވިފައިވާ މުޖުތަމައުއަކަށް ރާއްޖެ ދިއުމާ އެކު ފަރީދު ހުސްވެވަޑައިގަތީ ހަމައެކަނި ދީނީ ކަންކަން ކުރިއެރުވުމުގެ މަސައްކަތަށެވެ. ސިޔާސީ އެއްވެސް ކަމެއްގައި އޭނާ ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އަބަދުމެ ފެންނަނީ ދީނީ ކޮންމެވެސް ހަރަކާތެއްގައި، ނުވަތަ މުސްލިމުންގެ ކޮންމެވެސް ބަޔަކަށް އެހީތެރިވުމުގެ ކަންކަމުގައި އުޅުއްވާާ ތަނެވެ.
އިއްޔެ މެލޭޝިއާގެ އެއާޕޯޓަށް ފައިބައިވަޑައިގެންނެވިތަނާހެން ހާޓްއެޓޭކެއް ޖެހިވަޑައިގެން އަވަހާރަވި ފަރީދުގެ އެ ދަތުރުގެ މަގުސަދަކީ ވެސް ދީނީ ދަރުސްއެއް ދެއްވުމެވެ. އެހެންކަމުން އޭނާގެ ހަޔާތުގެ ފަހު ވަގުތު ވެސް ދެމިހުންނެވީ ދީން ކުރިއެރުވުމުގެ ފިޔަވަޅުމަތީގަ އެވެ.
އިއްޔެގެ ކުއްލި އެ ހަބަރާ އެކު ސޯޝަލް މީޑިއާ ފުރުނީ ފަރީދަށް އޮތް ލޯބިންނެވެ. އޭނާއަށް ކުރި ހެޔޮ ދުއާތަކުންނެވެ. ދީން ކުރިއެރުވުމުގައި އޭނާ ކުރެއްވި މަސައްކަތްތަކުގެ ހަނދާނުންނެވެ. ގުރުއާން ކިޔެވުމުގައި އޭނާގެ ރީތި އަޑާއި ނަސޭހަތްދެއްވުމުގައި އެހެން މީހުންގެ ހިތް އަތުލި ސްޓައިލްގެ އަގުވަޒަންކުރުންތަކުންނެވެ.
"ދަރުސް ދެއްވާ އެ އަޑު، އެ އަސަރު ހަނދާން ނުނެތޭނެ،" މިއީ ފޭސްބުކްގައި އެކަކު ލިއުނު ޖުމްލައެކެވެ.
ދީނީ އިލްމުވެރިންނާއި ސިޔާސީ ހަރަކާތްތެރިންގެ އިތުރުން އާންމުންގެ އެތައް ބަޔަކަށް ވެސް ފަރީދުގެ ވަކިވެދިއުމުގެ ހަބަރުން ވަރަށް ފުން އަސަރެއްކުރުވި އެވެ. މަރަކީ އެންމެ ގާތް ހަގީގަތް ކަމަށް ވިޔަސް ބޮޑު ބައްޔެއްގައި ނޫޅުއްވާ ބޭފުޅަކު ހަމަ ކުއްލިއަކަށް ވަކިވެދިއުމުން، ކޮންމެ މީހަކަށް ވެސް ލިބޭނީ ކުއްލި ހައިރާންކަމެކެވެ. ފަރީދުގެ އުމުރުފުޅަކީީ 55 އަހަރެވެ. ރާއްޖޭގެ އެވްރެޖް އުމުރަށް ބަލާ ނަމަ އަދި ހަގު ބޭފުޅެއް ވެސް މެ އެވެ.
ފަރީދުގެ ފިރިހެން ދަރިފުޅެއް ކަމަށްވާ އަބްދުﷲ ފަރީދު ބުނި ގޮތުގައި ބައްޕަގެ ކުއްލި ވަކިވުމާ އެކު އޭނާގެ ހިތް 'ޗިސްޗިސް' ވެއްޖެ އެވެ.
ނަމަވެސް (كُلُّ نَفْسٍ ذَآئِقَةُ الْمَوْتِ )ގެ މާނަ ވެސް ފަހުމް ކޮށްދެއްވެވީ ހަމަ އަޅުގަނޑުގެ ލޮބުވެތި ބައްޕަ އެވެ. ފުރާނަ ވަކިވެ ދިއައަސް ބައްޕަގެ ހެޔޮ ޒިކުރާ މި ދުލަކުން ހަމަ ގައިމު ނުފިލާނެ އެވެ،" އަބްދުﷲގެ ފޭސްބުކްގައި ލިއުނު ޕޯސްޓްގައި ބުންޏެވެ.
"ބައްޕަގެ ފާފަ ފުއްސަވާ ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަ ދެއްވުމަށް އެދި ދުޢާކުރަމެވެ. ގިނައިން ބުނެވިފައި ނެތް ނަމަވެސް، ބައްޕަ ދެކެ އިންތިހާއަށް ލޯބިވަމެވެ. ސޫރަ ފަނޑުވެ ދިއައަސް، ބައްޕައަށް މި ހިތުގައިވާ ޤަދަރު ހަމަ ގައިމު ފަނޑު ނުވާނެ އެވެ."
ދެހާހުގެ އަހަރުގެތަކުގެ ކުރީކޮޅެވެ. ކުރީގެ ނޫސް 'ހަވީރު'ން 'ހުވާސް' ނެރުނު ދުވަސްވަރެވެ. އެއް ދުވަހަކު 'ހަވީރު'ގެ ނިއުސްރޫމަށް ފަރީދު ވަޑައިގަތެވެ. އޭނާއާ ބެހޭ ގޮތުން އަޅުގަނޑު ލިއުނު ރިޕޯޓްގެ އެންމެ ފަހު ޑްރާފްޓް ނިންމާލުމުގެ ކުރިން ބައެއް މައުލޫމާތު ދެއްވުމަށެވެ.  އޭރު ސަރުކާރުން އޭނާއާ މެދު ދެކޭ ގޮތް އޮތީ ބަދަލުވެފަ އެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޭރު އަދި ނުލިބެ އެވެ. އެހެންކަމުން އޭނާއާ ބެހޭ ރިޕޯޓެއްގައި ހިމެނޭނެ އެއްޗިއްސާއި ނުރައްކަލަކަށް ވެދާނެ ބައިތައް ވެސް ހުންނާނެތާ އެވެ.
އެއީ ފަރީދުއާ ބެހޭ ގޮތުން އެހާތަނަށް ލިއުނު އެންމެ ތަފުސީލީ ރިޕޯޓެވެ. ނުވަތަ ފުރަތަމަ ރިޕޯޓެވެ. އޭރު ހަށިފޮޅާލައްވާފައި ފަރީދު އަދި ނުނިކުންނަވަ އެވެ. އެކަމަކު ދީނީ އިލްމުވެރިންނަށް މިނިވަންކަމާ އެކު ދަރުސްތައް ދެވެން ޖެހޭނެކަމުގެ ވިސްނުން އޭނާގެ އޮތެވެ. އެ މަގު ހުޅުވާލަން އެންމެ ވަރުގަދަ ހިތްވަރެއް ކުރެއްވި ބޭފުޅަކަށް، ފަހުން ވެވަޑައިގަތީ ވެސް އޭނާ އެވެ.
މިއަދު ދީނީ އިލްމުވެރިންނަށް އެއްވެސް ހުރަހެއް ނެތެވެ. އެކަމަކު އެ މިނިވަންކަން ލިބުނީ ކިހިނެއްކަން އެނގޭ މީހުންގެ ހަނދާނަށް ފުރަތަމަ ވެސް އަންނާނެ އެއް ބޭފުޅަކީ ފަރީދެވެ. އެއީ ހަޔާތުގެ މަރުހަލާއެކެވެ. އެއަށް ފަހު އޭނާ ވެސް ހުންނެވީ ހަމަޖެހިވަޑައިގެންފަ އެވެ. އޭނާގެ ވަގުތުތައް ހުސްކުރެއްވީ ދީން ކުރިއެރުވުމާއި އެހީތެރިވުމުގެ މަސައްކަތަށެވެ.
މިހާރުގެ އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި ފަރީދުގެ ވަކިވުމަކީ "އިސްލާމީ ޚިދުމަތަށް ލިބިގެން ދިޔަ ދެރައެކެވެ."
"ޝައިޚު ފަރީދަކީ އިސްލާމީ މަސައްކަތުގައި ފާހަގަކޮށްލެވިފައިވާ އުސްތާޛެކެވެ. ޚިދުމަތްތެރި ޝަޚްޞިއްޔަތެކެވެ. ވަރަށް ބޮޑު ޤުރުބާނީތަކެއްވެ ވަޑައިގެންފައިވާ ބޭފުޅެކެވެ. ބައްދަލުވާ ކޮންމެ ފަހަރަކުމެ ހެޔޮ ނަސޭހަތް ދެއްވަ އެވެ،" ފޭސްބުކްގައި ޝަހީމް ލިއުއްވި އެވެ.
ފަރީދުގެ ހަޔާތްޕުޅުގެ އެންމެ ފަހު ނޭވާ ވެސް އިއްޔެ އެ ދޫކުރެއްވީ ހަމަ އެ ހިދުމަތުގައި އުޅުއްވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ