ޣައްޒާގައި ކާބޯތަކެތި ހޯދަން ކިޔޫގައި ތިއްބައި މިއަދު ވެސް 20 މީހުން ޝަހީދުކޮށްލައިފި
ޣައްޒާ (10 ޖުލައި 2025): ޣައްޒާގެ ދީރުލްބަލަޙްގައި ކާބޯތަކެތި ހޯދުމަށް ކިޔޫގައި އެތަށް ސަތޭކަ ބަޔަކު ތިއްބައި އެ މީހުންނަށް އަމާޒުކޮށް އިސްރާއީލުގެ ފައިޓާޖެޓްތަކުން ހަމަލާދީ އޭގެ ތެރެއިން 20 މީހަކު ޝަހީދުކޮށް 30 އަށް ވުރެ ގިނަ މީހުން ޒަޚަމުކޮށްލައިފިއެވެ. މިއީ ކޮންމެ ދުވަހަކު އިސްރާއީލު ހިންގާ ގަތުލުއާންމުތަކުގެ ތެރޭގައި ހިމެނޭ ގަތުލުއާންމެއް ކަމަށް ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުން ބުނެއެވެ. ޣައްޒާގެ ސިއްހަތާބެހޭ އިދާރާ ބުނާގޮތުން އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ގަތުލުއާންމު ހިންގަނީ މައިގަނޑު ގޮތެއްގައި ހަތަރު ގޮތަކަށެވެ. އެއީ، ކާބޯތަކެތި ނުދީ ބަނޑަށް ޖައްސައިގެންނާ ކާބޯތަކެތި ހޯދުމަށް ކިޔޫގައި ތިބޭ މީހުންގެ ބޮލަށް ބޮންއަޅައިގެންނާއި އެ މީހުންގެ ގަޔަށް ބަޑިޖަހައިގެންނާއި ޣައްޒާގެ ހޮސްޕިޓަލްތަށް ފުނޑާލައި އެ ތަންތަނުން ފަރުވާދިނުމުގެ ގާބިލުކަން ނައްތާލައިގެންނާއި އަދި ޣައްޒާގެ އާންމުން ދިރިއުޅޭ ފޮތި ފޭލިގެތަކަށް ބޮންއަޅައިގެންނެވެ. މިގޮތަށް އިސްރާއީލު ހިންގާ ގަތުލުއާންމު ތަކުގައި އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 60 މީހުންނާއި 70 މީހުންނާ ދެމެދުގެ އަދަދަކަށް މީހުން ޝަހީދު ކުރަމުން ގެންދާކަމަށް ޣައްޒާގެ ސިއްހަތާބެހޭ އިދާރާއިން ބުނެއެވެ. ރިޕޯޓްތައް ބުނާގޮތުން އިސްރާއީލުގެ ހަމަލާތަކުގައި ޒަޚަމުވާ މީހުންނަށް ފަރުވާ ދެވޭނެ ގޮތެއް ނެތުމުން އެ މީހުން ވެސް އެންމެ ފަހުން ޝަހީދުވަނީއެވެ. ނަމަވެސް، ޝަހީދުވަނީ ލިބިފައިވާ ޒަޚަމުތަކާ އެކު ލޭމަނާނުވުންފަދަ ކަންކަމުގައި ވަރަށް ވޭނުގައި އުޅުމަށް ފަހުގައެވެ. ޣައްޒާގައި ޖިހާދުކުރާ ފަލަސްތީނު މުޖާހިދުންގެ ހަމަލާތަކުގައި ޣައްޒާގައި އިއްޔެ ވެސް ވަނީ އިސްރާއީލު ސިފައިންގެ މީހަކު މަރާލާފައެވެ. އޭގެ ކުރީ ދުވަހު އިސްރާއީލު ސިފައިންގެ ފަސް މީހަކު މަރާލިއެވެ. އަދި، މިދިޔަ ހަފުތާގައި ވެސް އިސްރާއީލު ސިފައިންގެ ހަތް މީހަކު ޣައްޒާގައިވަނީ މަރާލާފައެވެ. ޣައްޒާގައި ކުރިމަތިވަމުންދާ މައްސަލަތަކާ ގުޅިގެން އިސްރާއީލު ސިފައިންގެ ބައެއް މީހުން އަމިއްލައަށް މަރުވަމުންދާކަން އިސްރާއީލު ސިފައިން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ހާމަކޮށްފައެވެ. އިސްރާއީލުގެ މަގްސަދަކީ ޣައްޒާގެ ރައްޔިތުން އެ މީހުންގެ ވަޒަނުން ބޭރުކޮށް މުޅި ޣައްޒާ އިސްރާއީލުގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔުމެވެ. މީގެ އިތުރުން، ހަމާސް ޖަމާއަތް ނައްތާލުމަކީ މައިގަނޑު ލަނޑުދަނޑިކަމަށް އިސްރާއީލުގެ ބޮޑުވަޒީރުވަނީ އެތައް ފަހަރަކު ބުނެފައެވެ. ނަމަވެސް، ޣައްޒާގެ ރައްޔިތުން އެ މީހުންގެ ވަޒަނުން ބޭރުކޮށްލުމާއި ހަމާސް ޖަމާއަތް ނައްތާލުމަކީ އިސްރާއީލަށް ކުރެވޭނެ ކަމެއް ކަމަށް ނުބެލޭވެ ކަމަށް ޚުދު އިސްރާއީލުގެ އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް އީޔަލް ޒާމިރު ވަނީ އެއްބަސްވެފައެވެ. އިސްރާއީލުގެ ކުރީގެ މަސްއޫލުވެރިން ވެސް ވަނީ ހަމާސް ނައްތާލުމަކީ މުސްތަހީލްކަމެއްކަމަށް ބުނެފައެވެ. ހަމާސް ޖަމާއަތް ބުނާގޮތުން އިސްރާއީލުން ހަމަލާދީ ޝަހީދު ކުރަމުންދާ ޣައްޒާގެ ރައްޔިތުންގެ ތެރެއިން 80 އިންސައްތަ މީހުންނަކީ ފަލަސްތީނުގެ ޒުވާނުންނެވެ. ޒުވާނުން ޝަހީދުކޮށްލުމުގެ ސްޓްރެޓެޖީއަކީ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރާނެ ބަޔަކު މުސްތަގުބަލުގައި ތިބުމުގެ ފުރުސަތު ނުދިނުން ކަމަށް ވެސް ހަމާސްއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ