ޑިންގީއެއްގައި ގައްދޫއިން ފުރި 75 އަހަރުގެ ގެއްލިގެން ހޯދަނިކޮށް ދުވާފަރުން ފެނިއްޖެ

ޑިންގީއެއްގައި ގދ. ގައްދޫއިން އެ އަތޮޅު ގަމަށް ދަތުރު ފެށި 75 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަނިކޮށް ރ. ދުވާފަރުން ފެނިއްޖެއެވެ. ފުލުހުން ބުނީ އެ މީހާ ގައްދޫއިން ފުރީ މިއަދު ހެނދުނު 09:30 ހާއިރު ކަމަށާއި، އޭނާގެ ހިލަމެއް ނުވެގެން ފުލުހަށް އެ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 17:05ގައި ކަމަށެވެ. ހެނދުނު 11:15ހާއިރު، އެ މީހާ ގަމުން ފުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާ އެންމެ ފަހުން ފެނުނުއިރު، ލައިގެން ހުރީ ނޫ ކުލައިގެ އަތްކުރު ގަމީހަކާއި ކަޅު ކުލައިގެ ސޯޓެއް ކަމަށް ފުލުހުން ބުންޏެވެ. އެމްއެންޑީއެފް ސައުތު ރީޖަން ކޯސްޓް ގާޑުން، އެ މީހާ ހޯދުމަށް މަސައްކަތް ވެސް ކުރިއެވެ. އެއާއެކު ފުލުހުން މިރޭ ބުނީ އޭނާ ފެނިފައިވާ ކަމަށާއި ރ. ދުވާފަރަށް ގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށް ވެސް ފުލުހުން ބުންޏެވެ. އެކަނި މަހަށް ގޮސް އުޅުމުގެ ތެރެއިން ވެސް ބައެއް މީހުން ގެއްލޭ މައްސަލަތައް މަދުމަދުން ފެންމަތިވެއެވެ. ގދ. ގަމަކީ ގައްދޫގެ އިހްތިސާސުގެ ތެރޭގައި ހިމެނޭ ފަޅުރަށެކެވެ. އަދި އެ ރަށަކީ ގުދުރަތީ ގޮތުން ރާއްޖޭގައި އުފެދިފައި އޮތް ދެވަނައަށް އެންމެ ބޮޑު ރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ