އިސްލާމީ މަރުކަޒުގެ ފުރާޅުން ފެން ލީކުވާ މައްސަލަ ހައްލު ކުރަނީ

މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް (އިސްލާމީ މަރުކަޒު)ގެ ފުރާޅުން ފެންލީކުވާ މައްސަލަ ހައްލު ކުރަން، އެންމެ މަތީ ދަރަޖައިގައި މަސައްކަތް ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. އިސްލާމީ މަރުކަޒުގެ ފުރާޅުން ފެން ލީކުވާ ދިމަދިމާލުގައި މިއަދި ހުރީ ބާލިދީތައް ބަހައްޓައިފައެވެ. މި މައްސަލަ ސަމާލު ކަމަށް އައުމާއެކު ސޯޝަލް މީޑިއާގައި މީހުންވަނީ ކަންބޮޑުވުން ފާޅުކުރަން ފަށައިފައެވެ. މި މައްސަލައިގައި ޝަހީމް ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށެވެ. އިސްލާމީ މަރުކަޒުގެ ޓިނު ބަދަލުކުރީ މިދިޔަ އަހަރެވެ. އެސްޓީއޯގެ ޓިނު އެ ތަނުގައި ޖަހާފައިވާއިރު، އެ މަސައްކަތް ކުރީ އެމްޓީސީސީންނެވެ. އެ ކަން ކުރީ ވެސް އެ ތަނަށް ވާރޭގެ އަސަރުކުރާތީ، އެ މައްސަލަ ހައްލު ކުރުމަށެވެ. ޝަހީމް ވިދާޅުވި ގޮތުގައި އިސްލާމީ މަރުކަޒަށް ފެންލީކުވާ މައްސަލަ ހައްލު ކުރުމަށް، ކަމާގުޅޭ ޓީމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. މި މައްސަލަ ހައްލު ކުރުމަށް، އިސްލާމިކް މިނިސްޓްރީން އެންމެ މަތީ ދަރަޖައިގައި މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާވަނީ ދެއްވައިފައެވެ. އިސްލާމީ މަރުކަޒު ބިނާކުރީ މީގެ 40 އަހަރު ކުރިން، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައެވެ. އިސްލާމިކް މިނިސްޓްރީ ވެސް ހިންގަނީ އެ އިމާރާތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ