ރައީސް މައުމޫނުގެ އިންޑިއާ ދަތުރުފުޅު: ރާއްޖެ އަށް މިހާރު ބޭނުންވަނީ މެގަ ޕްރޮޖެކްތައް: ރައީސް މައުމޫން

ރާއްޖެ އަށް މިހާރު ބޭނުން ވަނީ މެގަ ޕްރޮޖެކްޓްތައް ކަމަށާއި ކުދިކުދި ޕްރޮޖެކްޓްތައް ހިންގާ ވަރަށް ވުރެ ބޮޑަށް ރާއްޖެ ތަރައްގީވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އިންޑިޔާ އަށް ބުދަ ދުވަހު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި މަތިންދާބޯޓުގައި އިންނަވައި، ރައީސް މައުމޫން ވިދާޅުވީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓަށް ރާއްޖެ މި އަހަރުން ފެށިގެން ބަދަލުވެފައިވާއިރު ކުރިން ހިންގި ގޮތަށް ކުދިކުދި އިންވެސްޓްމަންޓްތައް ބޭނުމެއްނުވާ ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކަ އަކީ ރާއްޖެ އަށް މިހާރު ބޭނުންވަނީ ބޮޑެތި މަޝްރޫއުތަކޭ. މިކިޔާ މެގަ ޕްރޮޖެކްޓްތައް ބޭނުންވަނީ. މިސާލަކަށް 10 މިލިއަން، 15 މިލިއަން، 20 މިލިއަން ޔޫއެސް ޑޮލަރުގެ ޕްރޮޖެކްޓްތައް ބޭނުމެއް ނޫން. އެއަށް ވުރެ ބޮޑަށް ރާއްޖެ މިހާރު ތަރައްގީވެއްޖެ،" ހަވީރުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މައުމޫން ވިދާޅުވި އެވެ. "މި އަހަރުގެ 1 ޖެނުއަރީން ފެށިގެން (ރާއްޖެ) މި ބަދަލުވަނީ ތަރައްގީވަމުން އަންނަ ގައުމަކަށް. ކުރިން އޮތީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓްގައި 50 ގައުމު އޮތް އޮތްއިރު އޭގެ އެއް ގައުމަކަށް ރާއްޖެ މި އޮތީ. އެކަމަކު އޭގެ ތެރެއިން ވަރަށް މަދު ގައުމެއް ނޫނީ ގްރެޖުއޭޓެއް ނުވޭ. އަޅުގަނޑު ހަނދާންވާ ގޮތުން ނަމަ އެންމެ ގައުމެއް، ނުވަތަ ދެ ގައުމެއް ކަން ނޭނގޭ އެއީ. އެހެންވީމަ އަޅުގަނޑުމެންނަށް މި ކާމިޔާބު ކުރެވުނީ ވަރަށް މުހިންމު ކަމެއް."
އެމަނިކުފާނު ވިދާޅުވީ "މިހާރު ކުދިކުދި ޕްރޮޖެކްޓްތަކުން އަޅުގަނޑުމެންނަށް އެހާ ބޮޑު ފައިދާއެއް ގެނެސް ނުދޭނެ" ކަމަށާއި "ބޭނުންވަނީ މެގަ ޕްރޮޖެކްޓްތައް" ކަމަށެވެ.
"މާނައަކީ 500 މިލިއަން ޑޮލަރު، 600 މިލިއަން ޑޮލަރު ނުވަތަ 1،000 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓްތައް ބޭނުންވަނީ. ދުބާއީ ވޯލްޑުން ހަދާ ހުޅުމާލޭގެ ޕްރޮޖެކްޓް، ގުޅިފަޅު ޕްރޮޖެކްޓް، ދެން އަނެއްކާ އިހަވަންދިއްޕޮޅު ޕްރޮޖެކްޓް. މިހިރީ ވަރަށް ބޮޑެތި ޕްރޮޖެކްޓްތައް. އެތައް ސަތޭކަ މިލިއަން ޑޮލަރެއް ހަރަދުވާނެ ޕްރޮޖެކްޓްތައް. މި ޕްރޮޖެކްޓްތައް އަޅުގަނޑުމެން ރާއްޖެ އަށް ގެންދަން ބޭނުންވަނީ. އޭރުން ރާއްޖެ ދުވެފައި ދާނީ. ކުރިން ދިޔައީ ފިރުކިފައި، ހިނގައިފައި. ދެން ދާނީ ދުވެފައި،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ބައެއް ޕްރޮޖެކްޓްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށްޓަކައި މިދޭތެރެއިން ބައެއް ވަޒީރުން ދުބާއީ އަށް ވަޑައިގެންނެވި ކަމަށާއި މިހާތަނަށް ލިބިވަޑައިގެންފައިވާ މައުލޫމާތުތަކަށް ބަލާއިރު ވަރަށް ކާމިޔާބު ކަމަށެވެ.
މި ނޫސްކޮންފަރެންސްގައި ރައީސް މައުމޫން އިތުރަށް ވިދާޅުވީ އިއްޔެ އިން ފެށިގެން މި މަހުގެ 12 އިގެ ނިޔަލަށް އެމަނިކުފާނު އިންޑިޔާ އަށް ކުރައްވާ މި ދަތުރުފުޅުގައި ރާއްޖެއާ އިންޑިޔާއާ އެކު ވިޔަފާރީގެ ގުޅުން ބަދަހި ކުރުމުގެ ވާހަކަތައް ވެސް ކުރިއަށް ގެންދަވާނެ ކަމަށެވެ. އެހެން ނަމަވެސް އެކަމުގެ ތަފުސީލުތަކެއް ރައީސް ނުދެއްވަ އެވެ.
ރައީސް މައުމޫނާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް އިންޑިޔާ އަށް ކުރައްވާ މި ދަތުރުފުޅުގައި، އިންޑިޔާގެ ރައީސާ ޕްރަތީބާ ޕަޓޭލް އާއި ބޮޑުވަޒީރު މަންމޯހަން ސިންހާއާ ވެސް އަންނަ ހޯމަ ދުވަހުގެ ރޭ ބައްދަލު ކުރައްވާނެ އެވެ. އަދި ރަޖީވްގާނދީ ފައުންޑޭޝަނަށް ޒިޔާރަތް ކުރެއްވުމާއި އިންޑިޔާގެ ބައެއް ތަންތަން ބެއްލެވުން ވެސް ރައީސްގެ ދަތުރުފުޅުގައި ރޭވިފައި ވެ އެވެ. ރައީސްގެ ދެކަނބަލުންގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހަފުތާގެ އަންގާރަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ