50 އަހަރަށް ރިސޯޓްތައް ދޫކުރުމާ ދެކޮޅުހެދުމުގެ ގޮތުން މަޖިލީސް ކައިރީގައި މުޒާހަރާއެއް ބާއްވައިފި

ރިސޯޓްތައް ކުއްޔަށް ދޫކުރާ މުއްދަތު 25 އަހަރުގެ ބަދަލުގައި 50 އަހަރަށް އިތުރުކުރުމާ ދެކޮޅުހެދުމުގެ ގޮތުން ރައްޔިތުންގެ މަޖިލީސްކުރާ ގޭދޮށަށް އެއްވެ މިއަދު ބަޔަކު މުޒާހަރާކޮށްފި އެވެ.
އައިޑީޕީގެ ރައީސް އުމަރު ނަސީރު އިސްވެހުންނަވައިގެން، މަޖިލީސްކުރާ ގޭދޮށުގައި މިއަދު ހެނދުނު 30: 8 އިން މެންދުރު 30: 12 އަށް ކުރިއަށް ގެންދިޔަ މި މުޒާހަރާގައި ވަނީ ރިސޯޓްތައް 50 އަހަރަށް ދޫކުރާ ދެކޮޅަށް އަޑުއުފުލައިފަ އެވެ. އެގޮތުން ރިސޯޓްތަކާއި ބިންބިން ކުއްޔަށް ދޫކުރާ މުއްދަތު 50 އަހަރަށް އިތުރުކުރުމަށްޓަކައި ސަރުކާރުން މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ބިލް އަނބުރާ ގެންދިއުމަށް މުޒާހަރާގައި ގޮވާލާފައިވެ އެވެ.
ބިލުގެ ބަހުސް މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވީ ނަމަވެސް އެޖެންޑާގެ ކުރިއަށް ހުރި މައްސަލަތައް ނުނިމޭތީ އެ ބިލުގެ ބަހުސެއް ނުފަށަ އެވެ. މަޖިލީހުގެ ރިޔާސަތުން ރައީސް މުހައްމަދު ޝިހާބު މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ވިދާޅުވީ ދެން އިތުރު ކަމެއް މަޖިލީހަށް އެޖެންޑާ ކުރައްވާނީ މާދަމާ ފަށާ ބަޖެޓްގެ ޖަލްސާތަކަށް ފަހު ކަމަށެވެ. ބަޖެޓް ޖަލްސާތައް ނިމޭނެ ކަމަށް ބެލެވެނީ މި މަހު 15 ހިސާބުގަ އެވެ.
މަޖިލީސްކުރާ ގޭދޮށަށް އެއްވެ، 50 އަހަރަށް ރިސޯޓްތައް ކުއްޔަށް ދޫކުރުމާ ދެކޮޅު ހެދި މީހުން ވަނީ "ބިލް ބޭރުކުރޭ،" "މެމްބަރުން ބޭރުކުރޭ،" ފަދަ އިބާރާތްތަކުން ގޮވައި އެ މީހުންގެ ޝުއޫރު ފާޅުކޮށްފަ އެވެ. އަދި މުޒާހަރާކުރި މީހުން ވަނީ ބައެއް މެމްބަރުން މަޖިލީހަށް ވަދެވަޑައިގަތުމަށްޓަކައި ވަޑައިގެންނެވިއިރު މަޖިލީހުގެ މައި ގޭޓު ކައިރީގައި އެ ބޭފުޅުންނަށް ހުރަސްއަޅަން މަސައްކަތްކޮށްފަ އެވެ. އެގޮތުން އެޓާނީ ޖެނެރަލް ފާތުމަތު ދިޔާނާ ސައީދު މަޖިލީހުގެ މައިގޭޓުން ވަދެވަޑައިގަންނަވަން ވަޑައިގަންނަވަނިކޮށް، މުޒާހަރާގައި ބައިވެރިވި ބައެއް މީހުން ވަނީ އެކަމަނާ އަށް ހުރަސްއެޅުމަށް މަސައްކަތްކޮށްފަ އެވެ. އެކަމަކު އެ ވަގުތު ފުލުހުން އެކަން ހުއްޓުވި އެވެ. އަދި އެޓާނީ ޖެނެރަލަށް ހުރަސްއެޅި ބައެއް މީހުން ދުރުކުރުމުގެ ތެރޭގައި މީހަކަށް އަނިޔާވެގެން އިމަޖެންސީގައި އެމްބިއުލެންސްގައި ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭނާއަށް ވެފައިވާ ގެއްލުމެއް ބޭރުފުށުން ފެންނަން ނެތް ނަމަވެސް މޭމައްޗަށް ތަދުވެ ނޭވާލުމަށް އުނދަގޫވެގެން އުޅުނުކަން ފާހަގަކުރެވުނެވެ.
އައިޑީޕީގެ އިތުރުން ޑީއާރުޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ވެސް ބައިވެރިވި މިއަދުގެ މުޒާހަރާގައި މީހުން ފުރަތަމަ އެއްވީ މަޖިލީހުގެ މައި ގޭޓް ކައިރިއަށެވެ. ހެނދުނު 30: 10 އާ ހަމައަށް މައި ގޭޓް ކުރިމަތީގައި ތިބެ މުޒާހަރާ ކުރުމަށް ފަހު ދެން އޭގެ ފަހުން ގޮސް އެ މީހުން ތިބީ އިރުމަތީ ގޭޓް ކުރިމަތީގަ އެވެ. އެ ގޭޓް ކައިރިއަށް ދިއުމަށް ފުލުހުން ފުރަތަމަ ހުރަސްއެޅި ނަމަވެސް ފަހުން ވަނީ ދޫކޮށްލައިފަ އެވެ. އަދި ފުލުހުންގެ ސަފުތައް ރޫޅާލާފައި ބައެއް މީހުން ދިޔަކަން ވެސް ފާހަގަކުރެވުނެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފެށުނު ފަހުން މިހާތަނަށް މަޖިލީސް ކައިރީގައި ބޭއްވި ފުރަތަމަ މުޒާހަރާ ކުރިއަށްދިޔައިރު ވަކި ހިސާބަކުން އެމްޑީޕީ ނުވަތަ 50 އަހަރަށް ރިސޯޓްތައް ކުއްޔަށް ދޫކުރުމަށް ތާއީދުކުރާ ބަޔަކު ގޮސް ވަނީ އުމަރު ނަސީރުގެ މުޒާހަރާއާ ދެކޮޅަށް އަޑުއުފުލައިފަ އެވެ. " 99 އަހަރަށް ރިސޯޓްތައް ފާސްކޮށްދެއްވާ" އެ ގޮތަށް ކަރުދާސްގަނޑެއްގައި ޖަހައިގެން ތިބި ބަޔަކު ގޮސް ގޮވަމުން ދިޔައީ 50 އަހަރަށް ރިސޯޓްތައް ކުއްޔަށް ދޫކުރުމުގެ ބިލް އަވަހަށް ފާސްކުރުމަށެވެ. އަދި އެ މީހުން އެ ގޮތަށް ގޮވުމުން، ދެ ބައި މީހުންގެ ތެރޭގައި ކޮންމެވެސް ވަރަކަށް ޒުވާބުތަކެއް ވެސް ހިނގި އެވެ.
ފަންސާސް އަހަރަށް ރިސޯޓްތައް ދޫކުރުމާ އެއްކޮޅު މީހުން ބުނަމުންދިޔައީ އެ މީހުންނަށް ވެސް ޝުއޫރު ފާޅުކުރުމުގެ ހައްގު އެބައޮތް ކަމަށެވެ. އެހެން ނަމަވެސް 50 އަހަރާ ދެކޮޅު މީހުން ބުނަމުންދިޔައީ އެ މީހުން ރުޅިއަރުވައި ހަމަނުޖެހުން އުފެއްދުމަކީ އެ މީހުންނާ ދެކޮޅު މީހުންގެ މަގުސަދު ކަމަށެވެ.
މިއަދުގެ މުޒާހަރާ ކުރި ގިނަ މީހުން ބުނި ގޮތުގައި ފުލުހުން އެ މީހުންނާ މެދު އަމަލުކޮށްފައި ވަނީ ވަރަށް ރަނގަޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ