200 މިލިއަން ޑޮލަރުގެ ސޮވަރިން ބޮންޑް ވިއްކުމަކީ ބޮޑު ގެއްލުމެއް: މައުމޫން

ސަރުކާރުގެ ބައެއް މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ ފައިސާ ހޯދުމަށްޓަކައި، ބޭރުގެ ހިއްސާގެ ބާޒާރަށް 200 މިލިއަން ޑޮލަރުގެ ސޮވަރިން ބޮންޑު ވިއްކުމަކީ ފަހުން އޭގެ ގެއްލުން ފޯރާނެ ކަމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު މިއަދު ވިދާޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ބޭރުގެ ހިއްސާ ބާޒާރަށް ބޮންޑް ވިއްކުމަށް ބޭންކްތަކަށާއި އިންވެސްޓްމަންޓް ހައުސްތަކަށް ލީޑް މެނޭޖާސް ނުވަތަ ބުކް ރަނާސްގެ ދައުރު އަދާކުރުމަށް ކުރިމަތިލުމަށް ހުޅުވާލައިފަ އެވެ.
އެކަމަށް ފާޑު ވިދާޅުވެ، މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 200 މިލިއަން ޑޮލަރުގެ ސޮވަރިން ބޮންޑް ވިއްކުމަކީ އިގްތިސޯދީ ގޮތުން ރަނގަޅު ނިންމުމެއް ނޫން ކަމަށެވެ. އަދި އޭގެ ނުބައި އަސަރު، ފަހުން ރާއްޖެ އަށް ކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ބޭރުގެ ހިއްސާ ބާޒާރަށް ބޮންޑު ވިއްކަން އެހީތެރިވެދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ލީޑް މެނޭޖަރެއްގެ ދައުރު އަދާކުރުމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތް އައްޔަން ކުރުމުގެ ޖާގަ އޮންނާނެ ކަމަށެވެ. އަދި އެކަމަށް އައްޔަން ކުރާނެ ފަރާތްތަށް ކަނޑައެޅުމަށް ވަކިވަކި ބޭންކުތަކާ ވާހަކަ ދެއްކުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތަށް ފައިސާ ހޯދުމުގެ ގޮތުން ބޭރުގެ ފަރާތްތަކަށް ބޮންޑާއި ސުކުކް ވިއްކައިގެން 1.4 ބިލިއަން ރުފިޔާ ހޯދަން 2017 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވެ އެވެ. އަދި އެ ފައިސާ ހަރަދުކުރަން ހަމަޖެހިފައި ވަނީ އައިޖީއެމްއެޗްގައި ހަދާ 25 ބުރީގެ އިމާރާތަށް ކަމަށާއި އެ މަޝްރޫއުގެ އިތުރުން އެހެން މަޝްރޫއުތަކަށް ބޮންޑު ވިއްކައިގެން ހަރަދުކުރަން ހަމަޖެހިފައިވާ ކަމަށް ބަޖެޓުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ