ނަޝީދު ރަށުން ނުފުރަން ހުޅުމާލޭ ކޯޓުން އަންގައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވަގަށް ނަގައި، ނިޒާމުން ގެއްލުވާލި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކޯޓުގެ ހުއްދަނެތި ރަށުން ބޭރަށް ނުފުރަން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އަންގައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އޮފިޝަލަކު ވިދާޅުވީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލަ ކޯޓުގައި ރަޖިސްޓްރީކޮށްފައިވާތީ ނަޝީދުގެ އިތުރުން އެދައުވާ ލިބޭ އެއްވެސް ފަރާތެއް ކޯޓުގެ ހުއްދަނެތި ރަށުން ބޭރަށް ފުރައިގެން ނުދިއުމަށް އަންގާފައި ވާނެކަމަށެވެ.
މީގެ އިތުރުން ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން އެފަރާތްތަކަށް ވަކީލުން އައްޔަން ކުރުމުގެ ފުރުސަތުވެސް ކޯޓުން ވަނީ ދީފައިކަމަށާއި އަދި އެމައްސަލައިގެ ލިޔުންތައް ލިބެން ހުރިކަންވެސް އަންގާފައިވާނެ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، ނިޒާމުން ގެއްލުވާލައި ބަންދުކުރި މައްސަލާގައި ދައުވާކުރަނީ ކުރީގެ ރައީސް ކެނެރީގެ މުހައްމަދު ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި، ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލް އަދި ކުރީގެ މާލޭ އޭރިއާ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އަދި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.
އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި އެހުރިހާ ބޭފުޅުންގެ މައްޗަށްވެސް ކުރަނީ ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން، ކުށްނުކުރާ މީހަކު ގާނޫނާ ޚިލާފަށް ގަސްދުގައި ހިފާ ހައްޔަރު ކުރުމުގެ ދައުވާއެވެ.
އެކުށުގެ އަދަބަކީ ގިނަވެގެން ތިން އަހަރަށް ޖަލަށް ލުން ނުވަތަ އަރުވާލުން ނުވަތަ ދެހާސް ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ