އަބްދުﷲ ރިޔާޒް "މައިތިރިކޮށް ހުންނަން" އެމްޑީޕީގެ ތަރުޖަމާން އެދިއްޖެ

ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އަދި "ތަންކޮޅެއް މައިތިރިކޮށް ހުންނަން" އެމްޑީޕީގެ އިންޓަނޭޝަނަލް ތަރުޖަމާން ހާމިދު އަބްދުލް ޣަފޫރު އެދިއްޖެއެވެ.
އަބްދުﷲ ރިޔާޒް މައިތިރިކޮށް ހުންނަން ހާމިދު އެދުނީ މިއަދު ހެނދުނު ކުރި ޓްވީޓެއްގައެވެ.
ހާމިދު އަބްދުﷲ ރިޔާޒަށް "ނަސޭހަތް" ދީފައި ވަނީ ޕާޓީތަކުން ފޮނުވާހާ މީހަކު އިބޫ ގަބޫލުފުޅެއް ނުކުރައްވާނެ ކަމަށާއި މަގާމުތަކަށް އައްޔަން ކުރައްވާނީ ގާބިލު މީހާ ކަމަށް ރިޔާޒު ވިދާޅުވުމުންނެވެ.
ހާމިދުގެ ޓްވީޓަށް ކޮމެންޓް ކުރި އެމްޑީޕީގެ އެކްޓިވިސްޓަކު ބުނީ (ޖަލުން) ނިކުތުމާއި އެކު "ބާޣީ" ރިޔާޒް ބޭނުން ވަނީ ބާރު ހޯދަން ކަމަށެވެ.
އެހެން މީހަކު ބުނީ އަބްދުﷲ ރިޔާޒް ފަދަ ފެއިލް ވެފައިވާ ސިޔާސީ ބޭފުޅުން ދުރުކޮށް ހެޔޮ ވެރިކަމެއް (އިބޫ) ކޮށްދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ޓްވީޓް ކުރި އެމްޑީޕީ ސަޕޯޓަރަކު މިއަދު ވެސް ވަނީ ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ދުވަހު އިސްތިއުފާގެ ސިޓީ ހިތްޕަވައިގެން އަބްދުﷲ ރިޔާޒް ރައީސް އޮފީހުން ފުލުހުންގެ އިދާރާ އަށް ވަޑައިގެންނެވި ހަނދާން އާކޮށް އެކަމާއި ބެހޭ ގޮތުން ވެސް ޓްވީޓް ކޮށްފައެވެ.
އެމްޑީޕީ އިން ގަބޫލު ކުރާ ގޮތުގައި ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމަށް މެދުވެރިވި "ބަޣާވާތް" ރާވާ، ހިންގުމުގައި އެންމެ އިސްކޮށް ހުރި އެއް ބޭފުޅަކީ އަބްދުﷲ ރިޔާޒެވެ. ރައީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށް އަބްދުﷲ ރިޔާޒް ނިކުތުމުން އެމްޑީޕީ އިން ގޮވަމުން އައި "ބާޣީ" ގެ އަޑު ވަނީ މަޑުވެފައެވެ. ނަމަވެސް ވެރިކަން އެމްޑީޕީ އަށް ލިބުނު ފަހުން އަނެއްކާވެސް "ބާޣީންނަކީ" ކޮބައިކަން އެމްޑީޕީގެ އެކްޓިވިސްޓުން ދަނީ މީސް މީޑިއާގައި ހާމަކޮށްދެމުންނެވެ.
ހާމިދުގެ ޓްވީޓާއި ގުޅިގެން އަބްދުﷲ ރިޔާޒް އަދި މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ