މި ދަނޑިވަޅު ފައްޔާޒު މަގާމުން ދުރުކުރުމަކީ ރަނގަޅު ގޮތެއް ނޫން: ޓްރޭޑް ޔޫނިއަން

މި ނާޒުކު ދަނޑިވަޅު އިކޮނޮމިކް މިނިސްޓަރުގެ މަގާމުން ފައްޔާޒު އިސްމާއީލް ދުރު ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަންއިން ބުނެފިއެވެ.
މޯލްޑިވްސް ޓްރޭޑް ޔޫނިއަން އިން ބުނީ، މި ނާޒުކު ދަނޑިވަޅުގައި އިކޮނޮމިކް މިނިސްޓަރ މަގާމުން ދުރު ކުރުމަކީ ގައުމުގެ އިގްތިސާދަށް އެންމެ ފައިދާހުރި ގޮތް ނޫން ކަމަށާއި އިންވެސްޓަރ ކޮންފިޑެންސަށް މީގެ ސަބަބުން ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ. ރާއްޖޭގެ އިގްތިސާދު މި ދަނޑިވަޅުގައި ހުރީ ރަނގަޅު މިސްރާބަށް ކަމަށް އެ ޔޫނިއަން އިން ގަބޫލްކުރާ ކަމަށްވެސް ވަނީ ބުނެފައެވެ.
ޓްރޭޑު ޔޫނިއަން އިން މިފަދައިން ބުނެފައި މިވަނީ ރައީސް ސޯލިހުގެ ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއް ވަޒީރުގެ ގޮތުގައި ބެލެވިފައިވާ އިކޮނޮމިކް މިނިސްޓަރުު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމުގެ މަސައްކަތް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ފަށާފައިވާ ދަނޑިވަޅެއްގައެވެ.
އެމްޑީޕީގެ މަޖިލިސް މެމްބަރަކު ނަން ހާމަނުކުރައްވައި "އައްޑޫ ލައިވް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމުގެ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވަނީ މަޖިލީހުގެ ރައީސް ނަޝީދު އާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ކަމަށެވެ.
މެމްބަރުން ސޮއި ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އެގޮތުން މިހާރުވެސް 22 މެމްބަރުން ސޮއިކޮށްފައިވާ އޭނާ ވިދާޅުވިއެވެ. ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ބޭނުންވާނީ 10 މެމްބަރުންގެ ސޮޔެވެ.
އަދި ވަޒީރެއްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރަން 43 މެމްބަރުންގެ ވޯޓު ބޭނުންވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ