މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ މޫސުން ގޯސްވެ، ހއ. އިން ޅ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މިއަދުގެ ހަވީރު 3 ޖެހުމާ ހަމައަށް ޔެލޯ އެލާޓް ނެރެފައެވެ. މި އެލާޓްގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
ރާއްޖެގެ އުތުރަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދު ބޯކޮށް ވާރޭ ވެހި ކުޅުދުއްފުށީ ސިޓީގެ ބައެއް ސަރަހައްދުގައި ވަނީ ފެންބޮޑުވެފައެވެ.
ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފުން ގެންދަނީ ފެން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.
މި ވިއްސާރައިގައި މިހާތަނަށް ކުޅުދުއްފުށީގެ ފަސް ގެއަކަށް ފެންވަދެފައިވާކަމަށް އެމްއެންޑީއެފުން ބުނެއެެވެ.
މި ވިއްސާރައިގައި މީގެ ދެ ދުވަސް ކުރިން ވެސް ކުޅުދުއްފުށީގެ ގެއެއްގެ ފުރާޅުން ބައެއް ވަނީ ނެއްޓިފައެވެ.
ރާއްޖެއަށް މިހާރު ކުރަމުން ދާ ވިއްސާރައިގެ އަސަރު ބޮޑަށް ކުރަމުން ދަނީ ރާއްޖޭގެ އުތުރަށެވެ. މި ވިއްސާރައިގެ އަސަރު އެކި ރަށްތަކަށް ދަނީ ކުރަމުންނެވެ.
މިގޮތުން ޅ. ކުރެންދޫގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ ހަ ގެއަކަށް މީގެ ކުރިން ފެންވަދެފައިވާއިރު ރޭ ފަތިހުންފެށިގެން ކުރި ވިއްސާރައިގައި ފެންބޮޑުވެ އެރަށުގެ ވިހި ގެއަކަށް ވަނީ ފެންވަދެފައެވެ .
މި ވިއްސާރައިގައި ޅ. ހިންނަވަރު ގެ ތިން ގެއަކަށް، އަދި ނައިފަރުގެ ހަތަރު ގެއަކަށްވެސް ވަނީ ފެންވަދެފައިވެއެވެ.
ރަށްރަށުގައި ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފްއިން ދަނީ އެ ސަރަހައްދުތަކުން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ