ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އާއި އެމަނިކުފާނަށް ތާއިދު ކުރައްވާ ބޭފުޅުންނަށް ޕީޕީއެމް ލިބިދާނެ ކަމަށާއި ނަމަވެސް ލިބޭނީ "ޕީޕީއެމްގެ ތޮށިގަނޑު" ކަމަށް ޕީޕީއެމްގެ ކައުންސިލަށް ރައީސް މައުމޫން އިއްޔެ އައްޔަން ކުރެއްވި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މިރޭ "ވީޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ އޭރުން ޕީޕީއެމް އަށް ވެސް ވެގެން ދާނީ ޑީއާރްޕީ އަށް ވެސް ވެގެންދިޔަ ގޮތް ކަމަށެވެ.
"ޕީޕީއެމްގެ ނަން ބޯޑު އަތުލެވިދާނެ. އެކަމަކު ގްރާސްރޫޓް މެންބަރުން ނުދާނެ. ރައީސް މައުމޫން ޕީޕީއެމް ނިކުންނަ ދުވަހު ނުވަތަ ބޭރުކުރާ ދުވަހު ޕީޕީއެމް ތޮށިގަނޑަކަށް ބަދަލުވާނެ. މީގެ މިސާލު ޑީއާރުޕީ އިން މިއަދު އެއޮތީ ފެންނަން." އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އެދުވަހަކުން ޕީޕީއެމް އޮންނާނީ "ތޮށިގަނޑު މަތީގައި މަރުވެފައި އޮންނަ ކަކުންޏެއް އޮންނަހެން" ކަމަށެވެ.
އުމަރު ވިދާޅުވީ ރައީސް މައުމޫންނާއި ނުލާ ޕީޕީއެމްއަށް މުސްތަޤުބަލެއް ނެތް ކަމަށެވެ. "ހުރިހާ ކޯޓެއްގައި ވެސް ތިއްބެވީ އެބޭފުޅުންގެ މީހުން" އޭނާ ވިދާޅުވިއެވެ.
"ވީޓީވީ" ގެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވެސް ވިދާޅުވީ ރައީސް މައުމޫން އާއި ނުލާ ޕީޕީއެމްގެ މުސްތަޤުބަލެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ޔުމްނާ ވިދާޅުވީ "ރައީސް މައުމޫނަށް ވެސް ގޭގައި މަޑުކޮއްލައިގެން ހުންނަވަން ވަރަށް ފަސޭހަފުޅު ވާނެ" ކަމަށެވެ. ނަމަވެސް މިގޮތައް ކަންތައް ކުރައްވަން ޖެހިވަޑައިގެންނެވީ ކަންތައްތަކެއް ގޯސްކޮށް ދާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
އެބޭފުޅުންނަށް ޕީޕީއެމް ލިބިދާނެ، އެކަމަކު ލިބޭނީ ތޮށިގަނޑު – އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ