މޫސުން ގޯސްވުމުން ރައީސްގެ ހޯރަފުށީ ދަތުރުފުޅު ފަސްކުރައްވައިފި

ރައީސް އަބްދުﷲ ޔާމީން މިއަދު ހއ. ހޯރަފުއްޓަށް ކުރައްވަން ހަމަޖެއްސެވި ދަތުރުފުޅު މޫސުން ގޯސްވުމުގެ ސަބަބުން ފަސްކުރައްވައިފި އެވެ.
ރައީސްގެ ދަތުރުފުޅު ފަސްކުރެއްވިކަން، ރައީސް އޮފީހުގެ އިސް އޮފިޝަލަކު ވަނީ ވީނިއުސްއަށް ޔަގީންކޮށްދެއްވައިފަ އެވެ.
ވީނިއުސްއަށް އިނގިފައިވާ ގޮތުން ރައީސް ހޯރަފުއްޓަށް ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ އެ ރަށުގައި އެންވާރަމަންޓް މިނިސްޓްރީން އިން ކުރިއަށްގެން ދިޔަ ނަރުދަމާގެ މަޝްރޫއު އިފްތިތާހް ކޮށްދެއްވުމަށާއި އަދި އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވުމަށެވެ.
މޫސުން ގޯސްވުމުން ރައީސްގެ ހޯރަފުށީ ދަތުރުފުޅު ކުއްލި ގޮތަކަށް މިއަދު ފަސްކުރެއްވިއިރު، މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މުޅި ރާއްޖެއަށް ވައިޓް އެލާޓެއް ވެސް ނެރިފައެވެ. މިއެލާޓް ނެރިފައި ވަނީ މިއަދު 12:30 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށް ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
މިފަހަކަށް އައިސް ރައީސް ގެންދަވަނީ ރާއްޖޭގެ އެކިއެކި ރަށްރަށަށް ދަތުރުފުޅުތައް ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ