"މަޖިލިސް އިދާރާއަށް އާންމުންނަށްވެސް ވަދެވޭނެ، އެކަމަކު ވަގަކަށް ނޫން" - މެމްބަރު ރިފާޢު

ރައްޔިތުންގެ މަޖިލީހަށް އާންމުންނަށް ވަދެވޭނެކަމަށާއި، އެހެންނަމަވެސް ފާރުމަތިން ފުންމާ، ފުރާޅުން ޓިނު ނަގައިގެން މަޖިލިސް އިދާރާއަށް ނުވަދެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާޢު ވިދާޅުވެއްޖެއެވެ.
ފޯނު މެދުވެރިކޮށް ޚަބަރު އެމްވީއަށް ދެއްވި ބަސްތީގަތުމެއްގައި މެމްބަރު ރިފާޢު ވިދާޅުވީ ކުނޫޒުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ވިދާޅުވި ފަދައިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް އާންމު ރައްޔިތުންނަށް ވަދެވޭނެކަމަށެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހަކީ ޙިމާޔަތް ކުރެވި، ސަލާމަތީ ކަންކަން ބަލަހައްޓާ ތަނަކަށް ވެފައި އެތަނުގެ ހުރުމަތަށް ބުރޫ ނާރާނެފަދަ ގޮތަކަށް މަޖިލިސް ޖަލްސާތަކަށް މީހުން ވަނުމުގެ ކަންކަން އުޞޫލު ކުރެވިފައިވާކަމަށެވެ.
"ސެކިއުރިޓީއިން ބަލައްޓާ ތަނެއްގައި، ސެކިއުރިޓީންގެ ހުއްދަ ނެތި މަޖިލިސް އެކަންޏެއް ނޫން، ކޮންމެ ތަނަކަށްވެސް ވަނުމަކީ ވަގަށް ވަނުން. އެހެންވީމަ އުޞޫލުތަކެއްގެ ތެރެއިން ކަންކަން ކުރެވެން ވާނީ" ރިފާޢު ވިދާޅުވިއެވެ.
މީގެ އިތުރުން މެމްބަރު ރިފާޢު ވިދާޅުވީ އާންމުންނަށް މަޖިލިސް އިދާރާއަށް ވަދެވޭނީ މަޖިލިސް ޖަލްސާއެއް އެޖެންޑާ ކުރެވިފައިވާ ދުވަހެއްގައި ކަމަށެވެ. އެނޫން ދުވަސްތަކުގައި މަޖިލިސް އިދާރާއިން ބައްދަލުވުމަކަށް ދެންނެވުމުން ނޫނީ އާންމުންނަށްވެސް ނުވަދެވޭނެކަމަށް ރިފާޢު ވަނީ ވިދާޅުވެފައެވެ.
ވަލިއްޔުލް އަމުރަކީ ރައީސުލްޖުމްހޫރިއްޔާ ނޫންކަމަށް ކުރީގެ ރައީސް މަޢުމޫނު ވިދާޅުވުމުން އެކަމަށް އިޝާރާތް ކުރައްވާ ރިފާޢު ވިދާޅުވީ، ވަލިއްޔުލް އަމުރަކީ ދަޢުލަތް ތަމްޞީލު ކުރައްވާ މީހާކަމަށެވެ. އެހެންކަމުން ޤާނޫނު އަސާސީއާއި ޤާނޫނުތައް ހުރިހާ ރައްޔިތުންގެ މެދުގައި ހަމަހަމަ ކަމާއިއެކު ތަންފީޒު ކުރުމުގެ ބާރު ވަލިއްޔުލް އަމުރަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭކަމަށް ރިފާޢު ވިދާޅުވިއެވެ.
މެމްބަރު ރިފާޢު ވިދާޅުވީ ރައީސް ޔާމީން ގެންދަވަނީ ޤާނޫނު ނަގަހައްޓާ، ރައްޔިތުންގެ ޙައްޤުތައް ދެމެހެއްޓުމުގައިވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ