މިސަރުކާރަކީ ރައްޔިތުންގެ އުއްމީދު ތަކުގައި ކުލަ ޖައްސާ ސަރުކާރެއް: މެމްބަރު އައްސަދު

ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރަކީ ރައްޔިތުން މާޔޫސް ކުރުވާނެ ސަރުކާރެއް ނޫންކަމަށާއި، މިސަރުކާރަކީ ރައްޔިތުންގެ އުއްމީދުތަކުގައި ކުލަޖައްސަމުންދާ ސަރުކާރެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު އަހުމަދު އަސްއަދު ވިދާޅުވެއްޖެއެވެ. އަސްއަދު މިހެން ވިދާޅުވީ ޗެނަލް ތާރޓީންގެ ނިއުސްޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. މިސަރުކާރުން ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދިނުމަށް ކުރައްވަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާ ލައްވާ ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕް މެންބަރު އަހުމަދު އަސްއަދު ވިދާޅުވީ ރައީސް އަބްދުﷲޔާމީންގެ ސަރުކާރަކީ ރައްޔިތުން އެވަގުތަކަށް ބޭނުންވެފައިވާ އެންމެ މުހިންމު ކަންތައްތަކަށް ބަލައި އެ އުއްމިދުތަކުގައި ކުލަޖައްސަމުންދާ ސަރުކާރެއް ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ބޭނުންވާ އެންމެހާ ކަންކަން ކޮށްދިނުމުގައި ރައީސް ޔާމީން ހުރިހާ ވަގުތެއް ހުސްކުރައްވަމުން ގެންދަވާކަން އޭނާ ފާހަގަކުރެއްވިއެވެ. އައްސަދު ވިދާޅުވީ ރައީސް ޔާމީނު ބޭރު ގައުމަކަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރެއްވި ނަމަވެސް އަދި ލޯނެއް ނެންގެވިނަމަވެސް އެކަން އެކުރައްވަނީ ރައްޔިތުންނަށް އެންމެ ރަނގަޅުގޮތުގައި ޚިދުމަތް ފޯރުކޮށްދިނުމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންނާއެކު އެރައްޔިތުންގެ އުއްމީދުތަށް ފުރިހަމަ ކޮށްދީގެން ގައުމު ހިންގަން އެނގޭ ވެރިންނަކީ މަދުންނޫނީ ނުފެންނަ ބައެއްކަމަށެވެ.ރައީސް ޔާމީން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެނީ މިގައުމު ދަރުވާލައިގެންކަމަށް ވިދާޅުވެ، އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވާ މިޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ ރައީސް އިބްރާހިމް ޔޫސުފް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ތިން އަހަރު ވެރިކަން ކުރެއްވުމަށްފަހު ފައިބާވަޑައިގެންނެވިއިރު، ގައުމު އޮނަތިރީސް ބިލިއަން ރުފިޔާއަށް ދަރުވާލާފައިވާކަމަށެވެ. އެހެންކަމުން ގައުމުގެ ދަރަނިވެރިވެފައިވާ ވާހަކަ ދައްކަން ލަދުގަންނަންޖެހޭކަމަށް ޔޫސުފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމަށް 4 އަހަރުވެފައިވާއިރު، ދަރަނީގެ ގޮތުގައި ހުރީ ސާދަ ބިލިއަން ރުފިޔާކަމަށާއި، އޭގެތެރެއިން ތޭރަ ބިލިއަން ރުފިޔާގެ ދަރަނި ދައްކާފައިވާކަމަށެވެ. އަދި ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކުދި އިންޓްރެސްޓް ތަކުގެ ލޯނުތައް ނެގުމަކީ އެއީ މާބޮޑު މައްސަލައެއް ނޫންކަމަށް ޔޫސުފް ވިދާޅުވިއެވެ.  ރައީސް ޔާމީނުގެ ސަރުކާރުގައި ލޯނު ނަންގަވައިގެން ކަންކަން ކުރައްވަމުންދާކަމަށް ވިދާޅުވެ، އެވިދާޅުވާ ބޮޑު ކޯލިޝަނުގެ ބޭފުޅުން ދައްކަވަމުންދާ ވާހަކަތަކަށް އައްސަދު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އައްސަދު ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރުން ތަރައްގީ ގެނެސްދެއްވި ވަރާއި ގާތަށްވެސް މިހާތަނަށް ވެރިކަން ކުރެއްވި ބޭފުޅަކަށް ތަރައްގީ ގެނެސް ދެވިފައިނުވާކަމަށެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުގެ މިވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ނުދިނުމަށް އައްސަދު އިލްތިމާސްކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ