ޑިމޮކްރެޓިކް ވެރިކަމެއްގައި ގައުމުގެ އެންމެ ފަހުބަސް ބުނާ ތަނަކީ ސުޕްރީމް ކޯޓުކަން ކޮމަންވެލްތުގެ އޮބްޒާވަރުންވެސް ޤަބޫލްކޮށްފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ގުޅުމުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަމުރަށް ގޮންޖަހާ އެ އަމުރާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކުން މަސައްކަތް ކުރަމުން ދަނީ ގައުމުގެ އަގު ވައްޓާލަން ކަމަށެވެ. އަދި ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަމުރުގެ މުހިންމުކަން މިއަދު އިލެކްޝަންސް ކޮމިޝަނަށާއި އިދިކޮޅު ފަރާތްތަކަށް ގަބޫލް ނުކުރެވުނަސް އިންތިހާބު އޮބްޒާވްކުރި ބޭރުގެ ފަރާތްތަކުގެ ތެރެއިން ކޮމަންވެލްތުގެ ވަފުދު އެކަން ގަބޫލް ކުރާ ކަމަށައި އެކަމާ އުފާކުރައްވާ ކަމަށެވެ.
އެމްޑީޕީން ކޯޓުގެ އަމުރު ބަލައިނުގަންނަ ސަބަބާ މެދު ވިސްނަންޖެހޭ ކަމަށާއި، އެމީހުން ބުނާ ވަރަށް ވޯޓު ލިބުނުނަމަ ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރަށް ގޮންޖެހުމުގެ ބޭނުމެތް ނެތް ކަމަށް ވެސް ގާސިމް މިރޭ ވިދާޅުވި އެވެ.
"ކީއްވެންތޯ އެފަރާތްތަކުން އެފަދައިން ޢަމަލު ކުރަމުން ގެންދަނީ. އެ ވިދާޅުވާ އަދަދަށް ވޯޓް ލިބިވަޑައިގެންނެވިނަމަ ކޮބައިތޯ މުޒާހިރާކޮށް ގާނޫންގެ ވެރިކަމަށް ގޮންޖެހުމުގެ ބޭނުމަކީ. އަޅުގަނޑު ދަންނަވާނީ ގަބޫލް ކުރަން އެބަޖެހޭ މި ނިޒާމުގައި އެންމެ ފަހުބަސް ބުނާނީ ސުޕްރީމް ކޯޓުންކަން. އެކަން ކޮމަންވެލްތުގެ އޮބްޒާވަރުން ވެސް ވަނީ ގަބޫލްކޮށްފަ،" ގާސިމް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ގައުމު މިހާރު މިއޮތް ހާލަތަށް ގެންދިޔައީ ޖުމްހޫރީ ގުޅުމުން ކަމަށް އެމްޑީޕީން ބުނާއިރު، މި މައްސަލަ މި ހިސާބަށް ގެންދިޔައީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ކަމަށެވެ. ސަބަބު ބަޔާން ކޮށްދެއްވަމުން ޤާސިމް ވިދާޅުވީ، އެ ގުޅުމުން އެދުނު ގޮތަށް ވޯޓުލީ މީހުންގެ ލިސްޓް ދެއްކި ނަމަ ކޯޓަށް ދާން ނުޖެހުނީސް ކަމަށާއި، ކޯޓަށް ދިޔުމުން އެކަން ހަޖަމް ނުކުރެވިގެން އިދިކޮޅު ފަރާތްތަކުގެ ހަމަލާތައް އަމާޒުވީ ފަނޑިޔާރުންނާއި ފުލުހުންގެ އާއިލާތަކަށް ކަމަށެވެ.
"އަޅުގަނޑުމެން އެދުނު ގޮތަށް އެކަންކަން ކޮށްދެއްވިނަމަ ކޯޓަށްދާކަށް ނުޖެހުނީސް ދެއްތޯ؟ ކީއްވެގެންތޯ އަޅުގަނޑުމެން ކޯޓަށްދާން ޖެހުނީ. ހަޤީޤަތުގައި ޤައުމު މިހާލަތަށް ވައްޓާލީ ކޮމިޝަންގެ މެންބަރުން،" ގާސިމް ވިދާޅުވި އެވެ.
ފަހުބަހަކީ ސުޕްރީމް ކޯޓުގެ ނިޔާކަން ކޮމަންވެލްތުގެ އޮބްޒާވަރުން ގަބޫލުކުރޭ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ