މި ޒުވާން ގްރޫޕުގެ ބޮޑުބެރުގެ އަޑު އެންމެ ފުރަތަމަ އިވުނީ ސްކޫލްގެ އެންމެ ފަހު ރެ އެވެ. އެ ރެއަށް ފަހުގައި އަދިވެސް އަޑު ނުކެނޑެ އެވެ. ބެރުގެ އަޑު އިތުރަށް ގަދަވެ، ވަރުގަދަ ގްރޫޕަކަށް ވަނީ އެވެ.
މަޖީދިއްޔާ ސްކޫލުން 2024 ވަނަ އަހަރު ގްރޭޑު 10 ނިންމި ފިރިހެން ދަރިވަރުން އުފެއްދި ގްރޫޕަށް "މަންނަ" ކިޔުނީ ވެސް އޭގެ އަދި މާ ފަހުންނެވެ.
"މަންނަ ބޮޑުބެރު"ގެ ފައުންޑަރު މުހައްމަދު އިޒްދާން އާއި ކޯ-ފައުންޑަރު މުހައްމަދު ފާރިޝް މި ކިޔައިދެނީ މި ގްރޫޕު އުފެދުނު ގޮތާއި ލިބުނު ކާމިޔާބީތަކާއި ކުރާ އުއްމީދުތަކެވެ.
މަންނަ ބޮޑުބެރު ގްރޫޕްގެ ފެށުމަކީ ކޮބާ؟
އިޒްދާން: ގްރޫޕް އުފެދިގެން އައީ މަޖީދިއްޔާ ސްކޫލްގެ ގާލާ ނައިޓަށް ރެޑީވާން ވެގެން، އެ ފަހަރު އަޅުގަނޑާއި ފާރިޝްއާ ބޭނުންވީ ގާލާ ނައިޓްގައި ބޮޑުބެރު ގްރޫޕެއް ނެރެގެން ޕާފޯމްކުރަން. އެ ފަހަރު ބޯއިޒްއަށް ހަވާލުކުރީ ވަކި ޕްރޮޖެކްޓެއް ހަދަން، ގާލްސްއަށް ވެސް ވަކި ޕްރޮޖެކްޓެއް ހަދަން. އަޅުގަނޑުމެން ކޮންޓިނިއުކުރީ ބޮޑުބެރާ އެކީ.
ގްރޫޕަށް ކުދިން ނަގަން ވެގެން، ސްކޫލް ތެރޭގައި ބޮޑުބެރު ޖަހަން އެހާ ގިނަ ކުދިންނެއް ނުދަންނަން، އެކަމަކު ފާރިޝް ފުދޭވަރަކަށް ކުދިން ދަނޭ. އެހެން ދަމުން ފާރިޝް ބުނެފި، 15 ވަރަކަށް ކުދިން ހަމަވެއްޖެޔޭ، އެ ހިސާބުން ސްކޫލް ތެރޭގައި އަޅުގަނޑުމެންގެ ފިޒިކްސް ލެބް ނަގައިގެން އެތަނުގައި ޕްރެކްޓިސް ކުރަން ފެށީ. ގާލާ ނައިޓްގައި ޕާފޯމްކޮށްފައި އޭގެ މަހެއްހާ ދުވަސް ފަހުން، މިދިޔަ އަހަރު އޯގަސްޓުހާ ހިސާބު އަޅުގަނޑުގެ ކަޒިންއެއް ދިން ހިޔާލަކުން ގްރޫޕް އުފެދިގެން އައީ.
މި ގްރޫޕަށް "މަންނަ" ކިޔުނީ ކިހިނެއް؟
އިޒްދާން: ގްރޫޕަށް ނަން ދިން ގޮތަކީ، އަޅުގަނޑުމެންގެ ކަޒިންއެއްގެ ގޭގައި ތާސް ކުޅެން ތިބީ އަޅުގަނޑާއި ފާރިޝް އާއި ދެތިން ރައްޓެއްސަކާ. އެތަނުން ފެއްޓި ކޮންވަޒޭޝަނެއް ގުރޫޕަށް ކޮން ކަހަލަ ނަމެއްތޯ ދޭނީ. ދެތިން ވަރަށް މަޖާ ނަންތައް ވެސް އައި ބޮލަށް އެކަމަކު، ކިރިޔާ ވެސް ހިތްހަމަޖެހޭ ނަމަކަށް އައީ "މަންނަ".
ގްރޫޕްގެ ފުރަތަމަ ހުށަހެޅުމުގެ ހަނދާންތައް ކިޔައިދީބަލަ!
އިޒްދާން: އެންމެ ފުރަތަމަ ގްރޫޕްގެ ހުށަހެޅުމަކަށް އެއީ [މަޖީދިއްޔާ ސްކޫލްގެ] ގާލާ ނައިޓްގެ ހުށަހެޅުން. އޮފިޝަލީ ލިބުނު ހުށަހެޅުމަކަށް ފުރަތަމަ ލިބުނީ ވެޑިންއެއްގައި، އެކަމަކު ގާލާ ނައިޓް އެއީ އެންމެ ހަނދާންވާ ހުށަހެޅުން. ގާލާ ނައިޓްގައި އެންމެ ފުރަތަމަ އެ އުޅުން ކުދިންތައް އެއްވެސް ވަރަކަށް އޭރު އެކްސްޕީރިއެންސެއް ނެތް، އެކަމަކު ގާތްގަނޑަކަށް 2-3 ދުވަސް ތެރޭގައި ޕްރެކްޓިސް ކޮށްގެން ހަމަ ވަރަށް މަޖާކޮށް އޭތި ދިޔައީ. އެންމެ ފުރަތަމަ ސްޓޭޖަށް އަރާފައި އެވާ ސްޓްރެސް، ސްޓޭޖް ފްރައިޓު ވަރަށް އެންޖޯއި ކުރިން އެ ފަހަރު.
ގްރޫޕް އުފެއްދިއިރު ތިބީ ކޮންބައެއް؟ މިހާރު ގްރޫޕްގައި އުޅެނީ ކިތައް މީހުން؟
ފާރިޝް: ފެށިއިރުގައި އޭރު ތިބޭނީ ހުސް އަޅުގަނޑުމެންގެ ކްލާސްމޭޓްސް. މިހާރު ވެސް އެބަތިބި އޭރު އަޅުގަނޑުމެންނާ އެއްކޮށް ކްލޯޒްކޮށް އުޅުނު މީހުން.
އިޒްދާން: މިހާރު ގްރޫޕްގައި އުޅޭ ގާތްގަނޑަކަށް 62 ކުދިން. އެއީ ހަމަ އެކި ތަންތަނުން މިކަން ކުރާހިތުން އައިސްގެން އުޅޭ ކުދިން.
ގްރޫޕް ފެށި ދުވަސްވަރު ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކޮބާ؟
ފާރިޝް: އޭރު އެންމެ ފުރަތަމަ ފެށިއިރުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އެކްސްޕޯޒާ ލިބޭނެ ބޮޑު ގޮތެއް ނެތީމަ. އިތުރަށް އިކުއިޕްމަންޓްސް ހޯދުމުގައި ސްޕޮންސާއެއް އެއްޗެއް ނެތީމަ، އަޅުގަނޑުމެން ޖޮބުގައި އުޅެމުން އެ ލިބޭ މުސާރައިން ބޮޑު އެއްޗެއް ގްރޫޕަށް ލައިގެން ސެޓާއި މައިކްސް އެ ހުރިހާ އެއްޗެއް އަޅުގަނޑުމެން ގަތީ. މިހާރު އާދެފައި ތިބި ހިސާބަށް ބަލާއިރު ވަރަށް ޕްރައުޑްވޭ، ވަރަށް އުފާވޭ އެތީ އޯވަކަމް ކުރެވުނީމަ.
މި ގްރޫޕް ހާއްސަވާ ސަބަބުތަކަކީ ކޮބާ؟
އިޒްދާން: ވަރަށް އޯގަނައިޒްޑްކޮށް އަޅުގަނޑުމެން ގެންދަނީ. ގްރޫޕް އެންމެ ފުރަތަމަ ފެއްޓިގެން އައިރު، ވީވާ ޖަސްޓު ޑުއިން އިޓް ފޯ ފަން. އެއްވެސް ވަރަށް ވިސްނައެއް ނުލަން އަނެއްހެން ބޮޑު ސްކޭލްއެއްގައި ކުރާނެ ކަމަކަށް. އަޅުގަނޑުމެންގެ ތެރެއަށް އަންދު (އެސިސްޓެންޓު މެނޭޖަރު) އައި ހިސާބުން ވަރަށް ފަސޭހަވި. ވަރަށް ބައިވަރު ކަންތައް ގްރޫޕަށް ކޮށްދީގެން، ގްރޫޕް ސްޓްރަކްޗާ އެއްކޮށް ބަދަލުކޮށްދީ، ވަރަށް ބޮޑަށް އެހީވި.
ޒުވާން ކުދިން މީގެ ތެރެއަށް ވަނުން އެންމެ ހާއްސަ ކަމަކީ. އަލަށް މިކަން ކުރަން ބޭނުންވާ ކުދިން ބޭނުންކޮށްގެން ބޮޑުބެރު ގްރޫޕް ހިންގާތީ.
އެންމެ ހަނދާނުގައި ހުންނަ ހުށަހެޅުމަކީ ކޮބާ؟
ފާރިޝް: އަޅުގަނޑު ހަނދާންވާ ގޮތުން "ވަރަ އެކްސްޕޯ"ގައި، މިދިޔަ އަހަރު ނޮވެމްބަރުގައި ސެންޓްރަލް ޕާކުގައި ޖެހި ބޮޑުބެރު. އަޅުގަނޑުމެން އޭރު ގްރޫޕް ފަށައިގެން މަޑުމަޑުން ކުރިއަށް އަންނަމުން "ވަރަ އެކްސްޕޯ"ގައި ޕާފްމޯކުރަން ޗާންސެއް ލިބުނީ. އެ ޕާފޯމަންސް ނިންމާފައި ގިނަ ބަޔަކަށް އެ ޕާފޯމަންސް ކަމުގޮސްގެން އަޅުގަނޑުމެންނަށް އެކްސްޕޯޒާ ލިބި، އިތުރު ގިގްތައް ވެސް ލިބުނު.
އިޒްދާން: އެ ޕާފޯމަންސްގެ އިތުރަށް އެންމެފަހުން މި ޖެހި، ބޮޑު އީދުގައި ބ. އޭދަފުށީގައި ޖެހި ޕާފޯމަންސް އަޅުގަނޑު ހަނދާންވާ ގޮތުން އެންމެ މެމޮރެބަލް އެއް ޕާފޯމަންސް. ސްޓޭޖަށް އަރައި، އެ ލިބުން ޕްރައުޑް ފީލް.
އަމިއްލަ އުފެއްދުންތަކަށް އިސްކަންދެނީ ކިހާވަރަކަށް؟
އިޒްދާން: ގްރޫޕްގެ ތެރެއިން އަމިއްލަ އުފެއްދުންތައް އުފައްދަން ވަރަށް ހަމަ މަސައްކަތް ކުރަން. ގާތްގަނޑަކަށް ޑޭ-ޓު-ޑޭ މަސައްކަތްކުރާ އެކަކު އެއީ ޝައްމަލް. އެއީ އަޅުގަނޑުމެންގެ ލިރިކްސް ލިޔެ، ލަވަ ޑައިރެކްޓު ކުރުމާއި ގިނަ ފަހަރަށް ލަވަތައް ކުރިއަށް ގެންދާނީ އޭނަ.
އަމިއްލަ އުފެއްދުމަށް އެންމެ ފުރަތަމަ ހެދީ ކުޑަ އީދަށް ނެރުނު ލަވަ، އެއީ "އީދަކަށް މަރުހަބާ". ވަރަށް ސަކްސެކްސްފުލްކޮށް ދިޔައީ، އަޅުގަނޑުމެންގެ ފުރަތަމަ ލަވައަށް ބަލާއިރު ވަރަށް ރަނގަޅު، ޔޫޓިއުބްގައި 100،000 ވިއުސް ވެސް ލިބިއްޖެ.
ކުރިއަށް އެބަހުރި ވަރަށް ބައިވަރު ޕްރޮޖެކްޓުތައް. އޮންގޮއިން ޕްރޮޖެކްޓަކަށް އެބައިން "ހިތްދޫވޭ"، ލޯބީގެ ލަވައެއް އެއީ. ބޮޑުބެރު ފީލް އާއި މިއުޒިކް ފީލް، ދޭތި އެއްކޮށްލައިގެން އެ ލަވަ ހެދީ. ކުރިއަށް އޮތް ދެ ވަރަކަށް މަސްދުވަހުގެ ތެރޭގައި އިތުރު ޕްރޮޖެކްޓުތައް ވެސް ދާނެ ކުރިއަށް.
"ހިތްދޫވެ"ގެ މަސައްކަތް ފަށައިގެން އުޅޭތާ އެއްމަހާއި ބައި ވެއްޖެ. ފުދޭވަރަކަށް ބޮޑު ޕްރޮޖެކްޓެއް، މިހާރު އިނީ އެޑިޓިން ސްޓޭޖުގައި، އޭގެ ވީިއޯގްރަފީ އާއި އޯޑިއޯ ޕްރޮޑަކްޝަންއާ ހުރިހާ އެއްޗެއް ނިމިފައި ހުރީ. ޝައްމަލް އާއި އަލީ ނިޔާފްއާ މީގެ ޕްރޮޑަކްޝަން މަސައްކަތުގައި ބޮޑަށް އުޅެނީ. ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި ލަވަ ނެރޭނެ.
ގްރޫޕަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ކޮބާ؟
ފާރިޝް: އެންމެ ބޮޑު ކާމިޔާބީއަކަށް ބަލަންޏާ، އެކި މީހުންގެ ފަރާތުން އެ ލިބޭ އެޕްރިސިއޭޝަންނާއި ސަޕޯޓް، އެހެން ބޮޑުބެރު ގްރޫޕްތައް ވެސް ހިމެނޭހެން.
ދެން އެންމެ ބޮޑު އެއްޗަކީ އަޅުގަނޑުމެން އެ ލިބޭ ޕްރައުޑް ފީލް. ދެ އަހަރުގެ ތެރޭގައި އެންމެ ފުރަތަމަ ތިބި ލެވެލް އާއި މިހާރު އައިސް ތިބި ލެވެލްއާ ބަލައިފައި، އެ ގެޕް ކަވަކޮށްފައި އަޅުގަނޑުމެންނަށް ލިބޭ ޕްރައުޑް ފީލް އެންމެ ބޮޑު އެއްޗަކީ.
އިޒްދާން: ދެން އެންމެ ބޮޑު ކާމިޔާބީއެއް ކަމަށް ދެކެނީ އަޅުގަނޑުމެންގެ ފުރަތަމަ އޮރިޖިނަލް ލަވަ. އެއީ "އީދަކަށް މަރުހަބާ". ފައްޓައިގެން މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ކުރި ހުރިހާ މަސައްކަތެއް ފެންނަން ހުރީމަ ވަރަށް ޕްރައުޑްވޭ. އޭރުންސުރެ ގްރޫޕްގައި މަސައްކަތްކުރި އެންމެން ވަރަށް އެޕްރިޝިއޭޓްކުރަން.
ގްރޫޕްގެ ކުރިއެރުމަށް މިހާރު ކުރާ އެންމެ ބޮޑު އުއްމީދުތަކަކީ ކޮބާ؟
އިޒްދާން: ގްރޫޕްގައި މިހާރު އެންމެ ބޮޑު ގޮންޖެހުމަކަށް އޮތީ އަމިއްލަ ސްޓޫޑިއޯއެއް ނެތުން. މި އަހަރު ނިމޭ ހިސާބަށް ވަރަށް ބޮޑަށް އުއްމީދުކުރަން ތާކަށް ވަދެވޭ ވަރުވާނެޔޭ، ރާއްޖެ ލެވަލްގެ ސްޓޫޑިއޯއަކަށް. ގްރޫޕްގެ ސްޓޭންޑާޑް ވެސް ހިއްލާލަން ވަރަށް ބޮޑަށް ބޭނުންވޭ. މިދިޔަ 4-5 މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް ވަރަށް ބޮޑަށް އެބަކުރެވޭ.
މިދިޔަ އަހަރު ނިމުނުއިރު އޮތް ބޮޑުބެރު ގްރޫޕެއް ނޫން މިހާރު މިއޮތީ. އޭރު އެންމެންނަށް ވެސް ފެންނާނީ ވަރަށް ހަމަ އާ ޔަންގް ބައެއް. މިހާރު ފެންނާނީ ވަރަށް އެކްސްޕީރިއެންސްޑް، ޕްލަސް ކޮމްޕެޓިޓިވް އަދި ނިއު ޖެނެރޭޝަންއަށް ބަލާއިރު މިހާރު ތިބި އެންމެ މޮޅު މީހުންނޭ މި ގްރޫޕްގައި ތިބީ.
މަޖީދިއްޔާގެ ގާލާ ނައިޓުން އުފަންވި "މަންނަ ބޮޑުބެރު"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ