ރާއްޖޭގެ ހުރިހާ ރަށެއްގައި ލައިބްރަރީގެ ޚިދުމަތް ޤާއިމުކުރަނީ

ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ލައިބްރަރީގެ ޚިދުމަތް ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށްޓަވާފައިވާ ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކެއްގައި ޤައުމީ ކުތުބުޚާނާގެ ގޮފިތައް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި މިހާރު ވަނީ އަމަލީ މަސައްކަތްތައް ފަށާފައެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޝުކުރުﷲ ޝަކީލް ވިދާޅުވީ، ލައިބްރަރީތައް ތަރައްޤީކުރުމާ ގުޅޭގޮތުން ސޯޝަލް ކައުންސިލް ކަރުދާސް މިހާރު ފާސްކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް ލައިބްރަރީގެ ޚިދުމަތް ފަސޭހަކަމާއެކު ލިބުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ވިދާޅުވިއެވެ.
"އެކަމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް. އެކަމަށް މަގުފަހިކުރުމުގެ ގޮތުން މަސައްކަތްތަކެއް ދަނީ ކުރިއަށް. ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ކޮންމެވެސް ސިފައެއްގައި ލައިބްރަރީގެ ޚިދުމަތް ލިބެން ހުރުން." ސްޓޭޓް މިނިސްޓަރ ޝުކުރުﷲ ޝަކީލް ވިދާޅުވިއެވެ.
ކުތުބުޚާނާގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝިހާމް ވިދާޅުވީ، ސޯޝަލް ކައުންސިލުގެ ކަރުދާސް ފާސްކޮށްފައިވަނީ 100 އަށްވުރެ ގިނަ ފަރާތްތަކުގެ ލަފަޔާއި އިރުޝާދާ އެކުގައި ކަމަށެވެ. މި މަސައްކަތުގެ ދަށުން ރާއްޖޭގެ ހުރިހާ ކައުންސިލުތަކެއް ހިމެނޭހެން ޚާއްޞަ ސާވޭއެއް ކުރިއަށް ގެންގޮސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މި ސާވޭގެ ނަތީޖާއިން ދައްކާގޮތުގައި، ކުތުބުޚާނާގެ ޚިދުމަތް ޤާއިމުވެފައި އޮތުމަކީ އާންމުން ނުހަނު ބޭނުންވާ އަދި މުހިންމު ކަމެއްގެ ގޮތުގައި އެންމެންވެސް ފާހަގަކޮށްފައިވާ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި އެކަން ކުރުމަށް ރަށްތަކުގައި ޤާއިމްކުރާނެ ލައިބްރަރީތަކުގެ މޮޑެލްތައް ފާހަގަކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"މާލެ ސަރަހައްދަށް ބަލާލިއަސް ލައިބްރަރީގެ ޚިދުމަތް ވަރަށް މުހިންމޭ. ލައިބްރަރީއަކީ ވަރަށް މުހިންމު ތަނެކޭ މިސާލަކަށް ކުޑަކުދިންނަށް ފޮތް ކިއުމުގެ އެކްސެސްއާއި ޒުވާނުންނަށް އަދި މުސްކުޅިންނަށްވެސް އެ މައުލޫމާތު ހޯދަން. ދެން އޮތީ އެކަން ކިހިނެއްތޯ ކުރާނީ. އަޅުގަނޑުމެންނަށް އައިޑެންޓިފައި ކުރެވިފައި އެބަހުރި މޮޑެލްތަކެއް ވަކި ސައިޒެއްގެ ކޮންކަހަލަ މޮޑެލްއެއްތޯ." ކުތުބުޚާނާގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝިހާމް ވިދާޅުވިއެވެ.
ރާއްޖޭގެ ކުތުބުހާނާގެ ޚިދުމަތްތައް ފުޅާކޮށް ޑިޖިޓަަލް ކުރުމުގެ މަސައްކަތުގެ ދަށުން ކުތުބުހާނާއަށް 81 އަހަރުވުމާއި ގުޅިގެން "އޮންލައިން ޑިޖިޓަލް ރިޕޯޓް ކަލެކްޝަން" ރަސްމީކޮށް ވަނީ އިފްތިތާޙު ކޮށްފައެވެ. ޑިޖިޓަލް ރިޕޯޓް ކަލެކްޝަނަކީ ރާއްޖޭގެ އިންސިޓިއުޝަންތަކަށާއި، އޯގަނައިޒޭޝަންތައް އަދި ޖަމުއިއްޔާ ޖަމާއަތްތަކުން ނެރޭ މުހިންމު ރިޕޯޓްތައް އެއްތަނަކުން ފަސޭހައިން ބަލާލެވޭނެ ނިޒާމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ