ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ޓޭންކަރަކުން އޮމާން ކައިރިއަށް ތެޔޮ ލީކު ވަނީ

ރަޝިޔާގެ ތެޔޮ އުފުލާތީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވާ އުޅަނދަކުން އޮމާންގެ އައްސޭރީގައި ހިމާޔަތްކޮށްފައިވާ ކަނޑުގެ ސަރަހައްދަކަށް ތެޔޮ ލީކުވުން އެކަށީގެންވާ ކަމަށް ސެޓެލައިޓް ފޮޓޯތަކާއި ތަޖުރިބާކާރުންގެ ތަހުލީލުތަކުން ދައްކައިފިއެެވެ. މި މަހުގެ ދެވަނަ ދުވަހުން 13 ގެ ނިޔަލަށް ނަގާފައިވާ ކޮޕާނިކަސް ސެންޓިނެލް-1 އަދި ސެންޓިނެލް-2 ގެ ފޮޓޯތަކުން ދައްކާ ގޮތުގައި ރިހި އަދި އަޅި ކުލައިގެ ހުރި އެއްޗެއް އޮމާންގެ އަލް ޤިބްލިއްޔާ ޖަޒީރާގެ ހުޅަނގު ދެކުނުން އޮންނަ ސަރަހައްދަށް ވަނީ ފެތުރިފައެވެ. މިނިވަން ތިން ސްޕެޝަލިސްޓުން ކަމަށްވާ ސްކައިޓްރޫތުގެ ޖޯން އޭމޯސް އާއި ކޮންފްލިކްޓް އެންޑް އެންވަޔަރަންމަންޓް އޮބްޒަވޭޓަރީގެ ލިއޮން މޯރެންޑް އަދި ޑޭޓާ ޑެސްކްގެ ލޫއީ ގޯޑާޑް، ރޮއިޓާސްއަށް ބުނި ގޮތުގައި ފޮޓޯތަކުން ފެންނަނީ ތެޔޮ ލީކުވެފައިވާ މަންޒަރެވެ. ކެރޮލައިން ބެޒެންގީ ނަމަކަށް ކިޔާ އެ އުޅަނދު އެންމެ ފަހުގެ ދަތުރަށް ފުރުމުގެ ކުރިން ނޮވޮރޮސިސްކްގައި ރަޝިޔާގެ ތެޔޮ ގެންގޮސްފައިވާ ކަމަށް ބޯޓު ޓްރެކިން ޑޭޓާއިން ދައްކައެވެ. އެންމެ ފަހުން އާންމު އޭއައިއެސް ޓްރެކިންގައި އެ އުޅަނދުގެ ސިގްނަލް ލިބުނީ ޖޫން މަހުގެ 11 ވަނަ ދުވަހު ޔަމަނުގެ އައްސޭރިފަށުންނެވެ. އެ އުޅަނދު ލިސްޓުކޮށްފައި ވަނީ ޝަންހާއީގައި ހުންނަ ރެންޓޫ ޝިޕްމެނޭޖްމަންޓްގެ ނަމުގައެވެ. ތެޔޮ ލީކުވާ މައްސަލައާ ގުޅިގެން އޮމާންގެ މެރިޓައިމް ސެކިއުރިޓީ ސެންޓަރާއި އޮމާންގެ އެންވަޔަރަންމަންޓް އޮތޯރިޓީންވެސް އެއްޗެއް ހާމަކޮށްފައެއްނުވެއެވެ. ރަޝިޔާގެ ތެޔޮ އެކްސްޕޯޓު ކުރުމަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށްޓަކައި ރަޝިޔާއިން ތެޔޮ އުފުލަނީ ގިނަ ދުވަސްވެފައިވާ އެގައުމުގެ "ޝެޑޯ ފްލީޓް" ތަކުގައެވެ. އެ އުޅަނދުން ތެޔޮ ލީކު ވަމުން ދަނީ ރަޝިޔާއާ ގުޅުންހުރި ޓޭންކަރުތަކަށް އަމާޒުކޮށްގެން ޔޫކްރޭނުން ދިން ހަމަލާއަކުން ނުވަތަ އެމެރިކާއާއި އީރާނާ ދެމެދު ގަލްފް ސަރަހައްދުގައި ބަދަލުކުރާ ހަމަލާއަކުން ކަމެއް ސާފެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ