ސްޕްރީމު ކޯޓުން ގޮތެއް ނިންމުމުން ޖީއެމްއާރު މައްސަލަތަކުގެ ތަހުގީގަށް ވަރަށް ލުއިވާނެ:އޭސީސީ

ޖީއެމްއާރު އެއްބަސްވުމަށް ދިވެހި ރާއްޖޭގެ ގާނޫނު ހިނގާނެ ކަމަށް ކަނޑައަޅައި ދިނުމަށް ދައުލަތުން ސްޕްރީމު ކޯޓަށް ހުށަހަޅާފައިވާ މައްސަލައާއި މެދު ގޮތެއް ނިންމުމުން އެންޓިކޮރަޕްޝަން ކޮމިޝަނުން ކުރަމުން ގެންދާ ތަހުގީގުތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވީ، ޖީއެމްއާރުގެ މައްސަލަތައް ބެލުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. ނަމަވެސް ޖީއެމްއާރު އެއްބަސްވުން އެކުލަވާލާފައިވާ ގޮތުން އެމައްސަލަ ތަހުގީގު ކުރުމަށް ގޮންޖެހުންތަކެއް ހުރި ކަމަށް ލުތުފީ ވިދާޅުވިއެވެ.
އެގޮތުން ޖީއެމްއާރާއި އެކު ހަދާފައިވާ އެއްބަސްވުމުގައި އިނގިރޭސިވިލާތުގެ ގާނޫނަށް އަމަލު ކުރުމަށް އޮންނަ އޮތުމުގެ ސަބަބުން ވަރަށް ބޮޑަށް ދަތިވަމުންދާ ކަމަށް ލުތުފީ ވިދާޅުވެފައެވެ.
ނަމަވެސް ސްޕްރީމު ކޯޓަށް މިހާރު ވައްދާފައިވާ މައްސަލާގައި ގޮތެއް ނިންމުމުން ވަރަށް ބޮޑަށް ލުއި ވެގެންދާނެ ކަމަށް ލުތުފީ ވިދާޅުވިއެވެ.
ޖީއެމްއާރު މައްސަލާގައި އޭސީސީންދަނީ ތިން މައްސަލައެއް ތަހުގީގު ކުރަމުންނެވެ. އޭގެ ތެރެއިން އެއާރޕޯޓު ޑިވެލޮޕްމެންޓް ޗާރޖާއި ގުޅިގެން އެކޮމިޝަނުން ކުރަމުން ގެންދާ ތަހުގީގު ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް އޭސީސީން މައުލޫމާތުދެއެވެ.
ޖީއެމްއާރަށް އެއާރޕޯޓު ދިނުމުގައި ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވޭތޯ އޭސީސީން ބަލަމުން ގެންދާ އިރު، އެއާރޕޯޓު ދީފައިވަނީ އެންމެ ރަނގަޅަށްތޯ ބެލުމަށް އޮޑިޓް ކުރުމަށް އޮޑިޓް އޮފީހުންދަނީ ތައްޔާރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ