އަންނަ ބުދަދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިވަގުތު ޖަރުމަނުވިލާތުގައި ހުންނެވި ގާސިމް އިބްރާހިމް، ވީޓީވީ ފަސްމަންޒަރު ޕްރޮގްރާމަށް މިރޭ ފޯނުން ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ، ﷲ އިރާދަފުޅާއެކު އަންނަ ބުދަދުވަހުގެ މެންދުރުފަހު 3 ޖަހާއިރު ހުންނަވާނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ކަމަށެވެ.
ރާއްޖެ ވަޑައިގަންނަވާނެކަން ގާސިމް އިބްރާހިމް މި ހާމަކުރެއްވީ، ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަންކުރުމަށް ހައިކޯޓުން މިރޭ އަމުރުކުރެއްވުމާ ގުޅިގެންނެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ، އެމަނިކުފާނުގެ އަރިހުގައި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދާއި، އެމަނިކުފާނުގެ ސިޔާސީ މުޝީރު އަދި ކުރީގެ ނާއިބް ރައީސް ޑރ. މުހަންމަދު ޖަމީލު އަހްމަދާއި، ޖޭޕީގެ މެމްބަރ ޑރ. ޝާހު މާހިރުވެސް ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.
ހަމަ އެއާއެކު އެމަނިކުފާނުގެ ދެދަރިކަލުން ކަމަށްވާ މުހަންމަދުއާއި، އިސްމާއީލްވެސް އެމަނިކުފާނުގެ އަރިހުގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.
ޖުޑިޝަރީ ރަނގަޅު މަގަށް ސާބިތުކަމާއެކު ފިޔަވަޅު އަޅަން ފަށައިފި ކަމަށް ގަބޫލުކުރެއްވޭ ކަމަށް ވިދާޅުވެ ގާސިމް އިބްރާހިމްވަނީ އުއްތަމަ ފަނޑިޔާރަށާއި، ހައިކޯޓުގެ ފަނޑިޔާރުންނަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ފެންނަމުންމިދަނީ އަދުލުއިންސާފުގެ ދާއިރާއަށްވެސް މިނިވަކަން ލިބިގެންދާކަމުގެ ހެކިތައްކަމަށް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ، އެމަނިކުފާނު ރާއްޖެވަޑައިނުގެން ހުންނެވީ ބިރުންނޫން ކަމަށާއި، ބޭސްފަރުވާގެ ކަންކަން އަދިވެސް ނުނިމޭ ކަމަށެވެ. އެމަނިކުފާނު ހޯއްދަވަމުން ގެންދަވަނީ ނިމޭކަހަލަ ބޭސްފަރުވާއެއް ނޫން ކަމަށާއި، އެކަމަކު ހެލިފެލިވެ އުޅެވޭނެ ކަމަށާއި، ތަންތަނަށް ގޮސްއުޅެވޭނެ ކަމަށް ވިދާޅުވިއެވެ.
މެދުނުކެނޑި ޑޮކްޓަރަށް ދެއްކުމާއި، ރިހެބިލިޓޭޝަން ހެދުން ކުރިއަށްގެންދަންޖެހޭތީ، ޖަލުގަ ހުންނަން ފިޓްނޫންކަމަށް ޑޮކްޓަރުން ވިދާޅުވެފަވާ ކަމަށާއި، އެކަހަލަ މަރްހަލާއެއްގަ ހުރިމީހަކަށްވާތީ ރާއްޖެ ވަޑައިނުގެން ހުންނެވީ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑަށް މާލެ ދެވުނީމާ ހައިކޯޓުން އަޅުގަނޑު ހާޟިރުކޮށް އެބޭފުޅުން ފައިސަލާކުރުވަނިވި ހުކުމެއް ދެއްވަވާނެ ކަމަށް ގަބޫލުކުރަނީ. އަޅުގަނަޑަށްވެސް އަދި އެހެން މީހަކަށްވެސް ހައްގުގެ މަގުން ޝަރީއަތް ނުގޮސް، އަނިޔާވެރިކަމަކާއެކު ހުކުމެއް އިއްވަފާނެ ކަމަށް ގަބޫލު ނުކުރަން" ގާސިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމްވަނީ، 23 ސެޕްޓެމްބަރުގައި ނެގި ރިޔާސީ އިންތިޚާބުގެ ވޯޓުގައި ދިވެހި ލޮބުވެތި ރައްޔިތުން ދެއްކި ސާބިތުކަމަށްޓަކައި ވަރަށް އިޚްލާސްތެރިކަމާއެކު ފަށްފަށުން ޝުކުރު ދަންނަވާފައެވެ. ހަމަ އެއާއެކު، ދިވެހިރާއްޖޭގެ ސިފައިންނާއި ފުލުހުން އަދި އިލެކްޝަންސް ކޮމިޝަނުންވެސް ސާބިތުކަމާއެކު ކުރެއްވި ހިންމަތާއި މިންނަތަށާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރި އިޚްލާސްތެރި މަސައްކަތަށްވެސް ފަށްފަށުން ޝުކުރު އަދާ ކުރައްވާފައި ވެއެވެ.
ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަންކުރުމަށް ހައިކޯޓުން ކުރެއްވި އަމުރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، އިސްލާހީ މަސައްކަތުގައި އުޅޭ މީހެއްގެ ހަޔާތުގައި "އަޕްސް އެންޑް ޑައުންސް" ދިމާވާނެ ކަމަށެވެ. މިނިވަންކަމަށް މަސައްކަތްކުރާ ބަޔަކަށް އަބަދުވެސް ކަންތައްތަކާ ދިމާވާނެ ކަމަށެވެ.
"އެގޮތުން އަޅުގަނޑަށްވެސް ކުރިމަތިވި ކަމެއްމީ. އެހެންނަމަވެސް މިއަދު އަޅުގަނޑުމެންނަށް ލިބުނު ނަތީޖާއާ ގުޅިގެން އަނެއްކާވެސް ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ޑިމޮކްރަޓިކް ހަޔާތެއް ލިބެމުން އަންނަކަމުގެ ހެކިތައް ފެންނަމުންމިދަނީ. އަދުލުއިންސާފު ގާއިމްކުރެވިގެންދާ ކަމުގެ ހެކިތައް ފެނިގެންމިދިޔައީ. ވަކި ބާރުތަކެއްގެ ތެރޭގައި ހިފެހެއްޓިފައިހުރި އަދި ނުހައްގުން މީހުންނަށް ކުރެވެމުންދިޔަ ހުކުމްތަކާއި އަދި ކުރަމުންދިޔަ ތަހްގީގުތަކާއި، އެނޫންވެސް އެހެން ކަންތައްތައް ވަކި ފަރާތެއްގެ ބާރުވެރިކަމުގެ ތެރޭގައި ހިފެހެއްޓިފައިހުރިކަން، ނުފޫޒު ފޯރުވަމުން ގެންދިޔަކަން ވަރަށް ރަނގަޅަށް ސާބިތުވަމުންމިދަނީ" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
އަދުލުއިންސާފުގެ މަގަށާއި، އަމަން ބެލެހެއްޓުމުގެ މަގަށާއި، އެނޫންވެސް މަގުތަކަށް ދޮރުތައް ހުޅުވިގެންދާކަން ފެނިގެންދާ ކަމަށާއި، މިއީ، އިބްރާހިމް މުހަންމަދު ސޯލިހަށާއި، ފައިސަލް ނަސީމަށް ދިވެހި ލޮބުވެތި ރައްޔިތުން ދެއްވި ކާމިޔާބީއާ ގުޅިގެން ހުޅުވިގެންދާ ދޮރުތައް ކަމަށްވެސް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
"އަޅުގަނޑަކީ ޑިމޮކްރަޓިކް ހަޔާތެއް ގެނައުމަށް 1984 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އައިމީހެއް. ވަރަށް ބުރަ މަސައްކަތް އަޅުގަނޑު ކުރިން. އަބަދުވެސް އިންސާފާއި ހައްގުގެ ވާހަކަ އަޅުގަނޑު ދައްކަމުން އައީ. ކޮރަޕްޝަނާއި ފަސާދަ ނެތިކޮށްލުމަށްޓަކައި އަޅުގަނޑަށް ކުރެވެންއޮތް މަސައްކަތެއް އަބަދުވެސް ކުރީ. ގައުމު އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ވަރުގަދަކޮށް، ސިއްހީ ދާއިރާއާއި، ތައުލީމީ ދާއިރާއާއި، އުމްރާނީ ގޮތުންނާއި އުފެއްދުންތެރިކަމުގެ ގޮތުން އަޅުގަނޑަށް ކުރެވެންއޮތް ހުރިހާކަމެއް ކުރަމުން އައީ. ހަމަ އެއާއެކު، ގައުމުގެ މިނިވަންކަމާއި، އިސްތިގްލާލު ދެމެހެއްޓުމަށާއި، އަދި އަމިއްލަ ފަރުދުންގެ މިނިވަންކަން، ޚާއްސަ ގޮތެއްގައި ރައްޔިތުންގެ އަސާސީ ހައްގުތައް އެބައިމީހުންނަށް ލިބިދިނުމަށާއި، ދައުލަތުން ހިންގާ ކޮރަޕްޝާއި ފަސާދަ ނެތިކޮށްލުމަށާއި، ގައުމުގެ މުއްސަނދިކަން ކުރިއެރުވުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރަމުންދިޔައީ. އެހެންވީމާ، ދަންނަވާލަން މިއުޅެނީ، ކަނޑުމައްޗަށް ނުކުމެއުޅޭއިރު ރާޅާވެސް ޖަހާނެއޭ. ކަނޑުގަދައިރު މޫސުން ގޯސްއިރު ކަނޑުމައްޗަށް ނުކުމެ އުޅޭއިރު ބޭނުންވާ ރަށަށް ނުލެފި ހޭރިޔާ ކުރަމުންގޮސް އަނބުރަންޖެހޭ ފަހަރުވެސް ދާނެއޭ. އެގޮތަށް ދިމާވި ދަތުރެއް މިކުރީ. މިދަތުރުގެ ފައިސަލާ އަޅުގަނޑު ގަބޫލުކުރާގޮތުގައި ނިމުމަކަށް މިއަންނަނީ. މާތްﷲ އިރާދަ ކުރެއްވިއްޔާ މާ ލަސްތަކެއްނުވެ އަޅުގަނޑުމެން ދިވެހި ރާއްޔިތުންނަށް އެނގިގެންދާނެ އަޅުގަނޑުމެން ކުރި މަސައްކަތުގެ ފޮނި ނަތީޖާ، ފޮނިރަހަ. މީރުވަސް. ﷲ ސުބްހާނަހޫ ވަތައާލާގެ އިރާދަފުޅުން އެކަން ދެން މާދުރަކުނެތް. އެކަމުގެ ހެކިތައް ދަލީލުތައް ވަށައިގެން މިފެންނަނީ" ޖޭޕީގެ ލީޑަރ ގާސިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ، ރާއްޖޭގެ ޑިމޮކްރަސީ ފައްކާވާން އަދި ދުވަސްކޮޅެއް ނަގާނެ ކަމަށެވެ. ރާއްޖޭގައި މިހާރު މަސައްކަތް ކުރަމުންދަނީ 2008 ގަ ފާސްކުރި ޑިމޮކްސީގެ ގާނޫނުއަސާސީގެ މައްޗަށް ކަމަށާއި، ޅަފަތުގެ ދިހައަހަރުވެފައި ވާއިރު، ތަސައްރަފްފުދޭން ދެން މާގިނަ ދުވަހެއްނެތް ކަމަށްވެސް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، މިފެށިގެންދާ ފަސްއަހަރުގެ ދައުރު ނިމޭއިރު ޑިމޮކްރަސީ ފައްކާވެގެންދާނެ ކަމަށާއި، އެމަތިވެރި ޚިދުމަތް އިބްރާހިމް މުހަންމަދު ސޯލިހް ކުރައްވާނެ ކަމަށެވެ.
ވީޓީވީން ގާސިމް އިބްރާހިމްގެ ފޯނު ލައިވް އިންޓަރވިއުއެއް މިގެނެސްދެވުނީ، ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކާއި ކުށުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިތިބޭ މީހުންގެ އިންޓަވިއުތަކާއި ބަޔާންތައް ބްރޯޑްކާސްޓް ކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެ ބްރޯޑްކާސްޓިން ކޮމިޝަނުން މިއަހަރުގެ މެއިމަހުގެ 29 ވަނަ ދުވަހު ދިން އިންޒާރާ ގުޅިގެން، ގާސިމް އިބްރާހިމްގެ އިންޓަރވިއުއް އަދި އަޑުފުޅެއްވެސް ވީޓީވީން ގެނެސްނުދެވި އެތައް ދުވަހެއް ފަހުންނެވެ.
ގާސިމް އިބްރާހިމް އަންނަ ބުދަދުވަހު ރާއްޖެ ވަޑައިގަންނަވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ