މޭޑޭގެ މުޒާހަރާގެ ހިނގާދިޔަ ހަމަނުޖެހުންތަކެއް ބައިވެރިވި ކަމުގެ ކުށް ސާބިތުވެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް މަރުވި ގ. ކީމާ، އަބްދުﷲ ރަޝީދުގެ މަރުވުމުގެ ޒިންމާ އޭނާގެ މައްޗަށް ހުކުމް ކުރި ފަނޑިޔާރު ނަގަން ޖެހޭނެ ކަމަށް މަޝްހޫރު ގާނޫނީ ވަކީލާ ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.
ހިސާން މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީ ތަކުން އައްޑޫ ސިޓީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އަބްދުﷲ ޖަލަށްލީ މޭޑޭގައި ފުލުހަކަށް ހަމަލާދިނުމުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ. އަބްދުﷲ ހުކުމް ތަންފީޒު ކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހު އެވެ. އޭނާގެ ހުކުމް ތަންފީޒުކޮށް ނިމެން އޮތީ 2019 ވަަނަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އެވެެ.
އަބްދުﷲގެ މަރުގެ މައްސަލާގައި ވާހަކަދައްކަވަމުން ހިސާން ވިދާޅުވީ އަބްދުﷲގެ ކުއްލި މަރާ ގުޅިގެން ޒިންމާވާން ޖެހޭ ގިނަ ފަރާތްތަކެއް އެބަތިބި ކަމަށެވެ. އެގޮތުން ވިދާޅުވީ އަބްދުﷲއާ ދެކޮޅަށް ހިންގުނު ދޮގު ތަހުގީގާއި، ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން އުފުލި ދޮގު ދައުވާއާއި، އެމައްސަލާގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރެއްވި ވަކީލުންނާއި، ހުކުމް ކުރި ފަނޑިޔާރާއި، ޖަލު ބަލަހައްޓަމުން ގެންދާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އެ މަރުގެ މައްސަލާގައި ޒިންމާ ނަގަންޖެހޭނެ ކަމަށެވެ.
"ތިމަންނާމެން އަދާ ކުރީ ތިމަންނާމެންގެ ވަޒީފާއޭ ބުނެ މީހެއްގެ މައްޗަށް ނުހައްގުން ދައުވާއެކޮށް ނުހައްގުން އަދަބެއްދީ މިފަދަ ޖަރީމާއެއް ހިންގައި އަތް އުރާލައިގެން ހުރުމުގެ ފުރުސަތެއް އަޅުގަނޑުމެން ދޭކަށް ބޭނުމެއް ނޫން،" ހިސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިފަދަ މައްސަލަތައް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި އަބްދުﷲގެ މަރުގެ ޒިންމާ ނަގަންޖެހޭ އެންމެން ޖަވާބުދާރީ ކުރުވަންޖެހޭނެ ކަމަށެވެ. އެގޮތުން މިފަދަ ކަންކަމުގައި ބައިވެރިވާ އެންމެ މަތީ މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ ޖަލުގައި މީހުން މަރުވަމުންދާއިރު އެ މައްސަލަތައް ބަލައި އެކަމުގެ ވާހަކަދައްކަންޖެހޭ މުއައްސަސާގެ ގޮތުގައި އޮތް ހިއުމަން ރައިޓްސް ކޮމިޝަނުން މިފަދަ މައްސަލަތަކުގައި އެއްވެސް އެއްޗެއް ބުނާތަން ފެންނަމުން ނުދާ ކަމަށެވެ. އެހެންކަމުން ހިއުމަން ރައިޓްސް ކޮމިޝަނަކީ މިއަދު ޒިންމާ އަދާކުރުމުގައި ވަރަށް ބޮޑަށް އިހްމާލުވެފައިވާ މުއައްސަސާއެއް ކަމަށްވެސް ހިސާން ވަނީ ވިދާޅުވެފަ އެވެ.
އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އަބްދުﷲ ކުއްލި ގޮތަކަށް މަރުވީ މިމަހުގެ 10 ވަނަ ދުވަހު އެވެ. އަބްދުﷲގެ މަރުގެ މައްސަލަ މިނިވަން އިންސާފުވެރި ފަރާތަކުން ތަހުގީގު ކުރުމަށް އެތައް ބަޔަކު ގެންދަނީ ގޮވާލަމުންނެެވެ.
އަބްދުﷲގެ މަރުގެ ޒިންމާ ހުކުމްކުރި ގާޒީ ނަގަންޖެހޭނެ: ހިސާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ