ގާނޫނު އަސާސީ އިސްލާހް ކުރަން ސުޕްރީމް ކޯޓުން ލަފާ ދީފި
މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދަންމާލަން ގާނޫނޫ އަސާސީއަށް އިންތިގާލީ މާއްދާއެއް އިތުރުކޮށް ގާނޫނު އަސާސީ އިސްލާހް ކުރަން ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް ލަފާ ދެއްވައިފިއެވެ.ކައުންސިލަރުންގެ ދައުރު ދަންމާލަށް ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅާފައިވީ ނަމަވެސް، އެ މައްސަލައިގައި މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ މެދުގައި ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވުން އުފެދިފަ އެވެ.މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު އަދި ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވަނީ ލަފާދެއްވައިފައެވެ. އޭޖީ އަދި ކައުންސެލް ޖެނެރަލް ވެސް ވިދާޅުވެފައި ވަނީ މައްސަލައިގައި އޮތް ހަމައެކަނި ހައްލަކީ ގާނޫނު އަސާސީ އިސްލާހުކުރުން ކަމަށެވެ.މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު އިތުރު ކުރަން ގާނޫނު އަސާސީ އިސްލާހު ކުރުމާމެދު ހިޔާލު ކަފިވެ ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދި ރައްޔިތުންގެ މަޖިލީހުން ފޮނުވީ މިދިޔަ ބުދަ ދުވަހު އެވެ.ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މައްސަލަ ދިރާސާކުރައްވައި މިއަދު ވަނީ، މަޖިލީހުން އެދުނު އިސްތިޝާރީ ލަފާ މަޖިލީހާ ހިއްސާކޮށްފައެވެ. މި ލަފާގައި ބުނެފައި ވަނީ ކައުންސިލަރުންގެ ދައުރު ދަމަލާން މަޖިލީހަށް ހުށަހަޅާފައިވާ ގޮތަށް ގާނޫނުގެ މާއްދާއަކަށް އިސްލާހު ގެނައުމުގެ ބަދަލުގައި އެހެން ބިލަކުން ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނެސް ނުވަތަ އެ މާއްދާގެ ނައްސަށް ބަދަލު ގެނައުމުގެ ބަދަލުގައި އެ މަގްސަދަށްޓަކައި ގާނޫނުއަސާސީގެ 13 ވަނަ ބާބުގެ ފަހަތަށް އިންތިގާލީ މާއްދާއެއް ހިމަނަން ފެންނަ ކަމަށެވެ.އަދި މިހާރު ތިބި ކައުންސިލަތުންގެ މަގާމު، އިންތިހާބު ފަސްވިޔަސް ދެމި އޮންނާނެކަން ސާފުކޮށް އެ އިސްލާހުގައި ބަޔާންވެފައި އޮންނަން ޖެހޭނެ ކަމަށް ވެސް ލާފައި ވެއެވެ. ފަސް ފަނޑިޔާރުންގެ އިއްތިފާގު ލަފާގައި ބުނެފައިވަނީ މިގޮތަށް އިސްލާހު ގެނެސްގެން ނޫނީ "...އާ އިންތިހާބެއް ބޭއްވުމާ ހަމަ އަށް ދިމާވާ ގާނޫނީ ހުސްކަން ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ފޫބެއްދޭނެ ކަމަށް ނުފެންނަ" ކަމަށެވެ. ކައުންސިލް އިންތިޚާބު ބާއްވަން ހަމަޖެހިފައި އޮތީ މިދިޔަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހުއެވެ. ނަމަވެސް އެ އިންތިޚާބު ނުބޭއްވުނީ ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން ރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާއި ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ