މެރީބްރައުން ޓެނިސް ޗެމްޕިއަންޝިޕްސް 2018 ފަށައިފި
ހަވަނަ މޭރީ ބްރައުން ޓެނިސް ޗެމްޕިއަންޝިޕް ފެށިއްޖެއެވެ. އިއްޔެ ހަވީރު ފެށި މުބާރާތް އިފްތިތާހް ކޮށްދެއްވީ އެކްޓިން ސްޕޯޓްސް ކޮމިޝަނަރު އިބްރާހިމް އިސްމާއީލެވެ. މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގެވެސް ގިނަ އުމުރުފުރާތަކެއްގެ ކުޅުން ކުރިއަދާއިރު މުބާރާތުގައިވަނީ ޖުމްލަ 95 ކުޅުންތެރިން ބައިވެރިވެފައެވެ. އެއީ މި 51 ފިރިހެން ކުޅުންތެރިންނާއި 44 އަންހެން ކުޅުންތެރިންނެވެ. ހަވަނަ މޭރީ ބްރައުން ޓެނިސް ޗެމްޕިއަންޝިޕްގެ ތެރެއިން --- ފޮޓޯ/ ޓެނިސް އެސޯސިއޭޝަން އިއްޔެ ހަވީރު އަދި ރޭވެސް މުބާރާތުގެ މެޗުތައް ކުރިއަށް ގޮސްފައިވާއިރު، މުބާރާތުގައި ފުރަތަމަ ކުޅެފައިވަނީ މިކްސް ޑަބަލްސްގެ މެޗެކެވެ. ވާދަކުރީ ކިނާޒް މަންޝޫރުއާއި ހަޝްމާ ހާނިމްގެ ޕެއާ އަދި އަލީ ފާރިސް މުހައްމަދާއި މަލީލާ ސާލިހުގެ ޕެޔާއެވެ. މެޗުގެ ސެޓުތައް 6-2، 6-2 އިން ގެންގޮސް ކާމިޔާބުކުރީ އަލީ ފާރިސް މުހައްމަދާއި މަލީލާ ސާލިހުގެ ޕެޔާއެވެ. ދެން އިއްޔެ ކުރިއަށް ގޮސްފައިވަނީ މެންސް އޯޕަން އަދި ފިރިހެން އަދި އަންހެން އެކި އެކި އުމުރުފުރާތަކުގެ މެޗުތަކެވެ. އަހުމަދު ފާރިސްއާއި ރިލްވާން އިބްރާހީމް އަދި އަލީ އިބްރާހީމްވެސް ވަނީ އެ ކުޅުންތެރިން މެންސް އޯޕަން ކެޓަގަރީގައި ކުޅުނު މެޗުތައް ކާމިޔާބުކޮށްފައެވެ. ހަވަނަ މޭރީ ބްރައުން ޓެނިސް ޗެމްޕިއަންޝިޕްގެ ތެރެއިން --- ފޮޓޯ/ ޓެނިސް އެސޯސިއޭޝަން އަށް އަހަރުން ދަށުގެ މެޗުތަކުގައި ލާރާ އަހުމަދު ޔަޒީލްގެ އިތުރުން ލީއާ ތަމޫހް ސައީދު އަދި ލާރާ މުހައްމަދު ޝާމިންވެސްވަނީ އެ ކުޅުންތެރިން ކުޅުނު މެޗުތައް ކާމިޔާބުކޮށްފައެވެ. 14 އަހަރުން ދަށުގެ ކެޓަގަރީގައި ކުޅުނު މެޗުތައް ކާމިޔާބުކުރި އިސްމާއީލް ނުހައިކް އިރުޝާން، ރައްޔާން ޔޫސުފް ރިޒާގެ އިތުރުން އައިމިނަތު އަނާން ސައީދު އަދި އަލްޔާ ރަޝީދެވެ. ރޭވަނީ މުބާރާތުގެ 10 އަހަރުން ދަށުގެ ކެޓަގަރީވެސް ކުރިއަށް ގެންގޮސްފައެވެ. އެ ކެޓަގަރީގައި އާދަމް އާލް ނިޔާޒް، މުހައްމަދު ނޫހު ނާޒިމްގެ އިތުރުން އުމަރު އަހުމަދު އަކުރަމް އަދި ކައިޒާން އިއްޒަތު ރަޝީދުވެސް ވަނީ އެ ކުޅުންތެރިން ކުޅުނު މެޗުތައް ކާމިޔާބުކޮށްފައެވެ. ހަވަނަ މޭރީ ބްރައުން ޓެނިސް ޗެމްޕިއަންޝިޕްގެ ތެރެއިން --- ފޮޓޯ/ ޓެނިސް އެސޯސިއޭޝަން ލިލީ އިންޓަނޭޝަލް ޕްރައިވެޓް ލިމިޓެޑް އިން ސްޕޮންސަރ ކޮށްގެން ބާއްވަމުން އަންނަ މޭރީ ބްރައުން ޓެނިސް ޗެމްޕިއަންޝިޕްސް ފެށިފައިވަނީ 2013 ވަނަ އަހަރުގައެވެ. މިއީ އެ ކުންފުނީގެ ސްޕޮންސާގެ ދަށުން ސްޕޮންސަރު ކޮށްގެން ބާއްވާ ހަވަނަ ޓެނިސް ޗެމްޕިއަންޝިވެ. ޓެނިސް އެސޯސިއޭޝަނުން ބުނެފައިވަނީ މުބާރާތުގެ ސަބަބުން އުމުރުފުރާތަކުގެ މެދުގައި އޮންނަ ވާދަވެރިކަން އިތުރުވެ އެކުދިންގެ ކުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް އެހީތެރި ވެދޭކަމަށާއި ޓެނިހުގެ މަގުބޫލުކަން ރާއްޖޭގައި ބޮޑުވަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ