މަދަނީ އަބްދުﷲ އަނެއްކާވެސް މަގާމުން ވަކިކުރައްވައިފި

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) ވަކިކުރައްވައިފި އެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަންކުރައްވާފައިވާ އަބްދުﷲ މަގާމުން ވަކިކުރެއްވީ އިއްޔެގެ ވަގުތެއްގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. ނަމަވެސް އަބްދުﷲ ވަކިކުރެއްވި ވަކި ސަބަބެއް ރައީސް އޮފީހުން ބުނެފައެއް ނުވެ އެވެ.
މީގެ ކުރިން މިދިޔަ މަހުގެ 22 ވަނަ ދުވަހު ވެސް އަބްދުﷲ މަގާމުން ވަކިކުރެއްވި އެވެ. ނަމަވެސް އޭގެ އަނެއް ދުވަހު އޮފީހަށް ނިކުތުމަށް އަބްދުﷲ އެންގެވުމުން އޭނާ ގެންދެވީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުންނެވެ. މަގާމުން ވަކިކުރެއްވި ނަމަވެސް ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން އަބްދުﷲ ވަކިކުރެއްވިއިރު އޭނާ ގެންދަވަނީ ސަރުކާރު ކޯލީޝަނާ ނުގުޅި އަދާލަތު ޕާޓީގެ ޓިކެޓުގައި ހދ. ނޮޅިވަރަމް ދާއިރާގެ މަޖިލިސް މެންބަރު ކަމަށް ކުރިމަތިލައްވާ އެ ދާއިރާގައި ކެމްޕޭން ކުރައްވަމުންނެވެ. ސަރުކާރު ކޯލީޝަނުން ނޮޅިވަރަމް ދާއިރާއަށް ވާދަކުރައްވަނީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު ހުސައިން އަރީފް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ