އިއްޔެގެ ވޯޓުން އެނގުނީ ސަރުކާރަށް ތާއީދު ނެތް ނަމަވެސް މަޖިލީހުގައި ބޭނުންކަމެއް ކުރާނެކަން: އުމަރު

ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް އިސްލާހު ގެނައުމަށް މަޖިލީހުގައި އިއްޔެ ވޯޓު ނެގިއިރު އެޖަލްސާއަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ހާޒިރުނުކުރުމަކީ މަޖިލިސް މެންބަރުން ފުލުހުންގެ ހައްޔަރުގައި ބައިތިއްބައިގެން މިސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ފާސްކުރުމަށް ހުޅުވާލެވުނު ނުރައްކާތެރި ދޮރެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ކަންކަން ހިނގާދިޔަ ގޮތާއި ގުޅޭގޮތުން އެމަނިކުފާނުގެ ހިޔާލުހުރި ގޮތް ހާމަކުރައްވާ އެމަނިކުފާނު ކުރެއްވި ވައިބާ މެސެޖެއްގަ އެވެ.
އުމަރުގެ މެސެޖުގައި ވިދާޅުވީ މަޖިލީހުގެ ގަވައިދަށް އިސްލާހު ގެނައުމަށްޓަކައި އިއްޔެ މަޖިލިސްގައި ނެގުނު ވޯޓަށް ގާސިމް އިބްރާހީމް ހާޒިރު ނުކުރުމަކީ މަޖިލިސްގެ ބާރުތަކާއި މަޖިލިސްގެ މިނިވަންކަން މުޅިން ގެއްލި އެވަގުތެއްގައި އޮންނަ ސަރުކާރަކަށް މަޖިލިސް މެޖޯރިޓީ ނެތް ނަމަވެސް މެންބަރުން ފުލުހުންގެ ހައްޔަރުގައި ބައިތިއްބައިގެން އެފަދަ ސަރުކާރަކަށް މަޖިލިސް ތެރެއިން ކަންކަން ކުރެވިދާނެކަން އަންގައިދިން ކަމަށެވެ.
އުމަރު ވިދާޅުވީ މަޖިލީހުގެ މެންބަރަކު ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަވަނިކޮށް މަޖިލީހުގެ ރައީސް ވޯޓަށް އެހުމަކީ އެއީ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުތަކާ ބެހޭ ގާނޫނާ ހިލާފަށް މަޖިލީހުގެ ރައީސް ކުރެއްވި ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ މެންބަރަކު މަޖިލީހަށް ހާޒިރުކޮށްދޭނީ މަޖިލީހުގެ އިދާރާއިން އެކަން ކޮށްދިނުމަށް ފުލުހުންނަށް އެންގުމުން ކަމަށެވެ.
އުމަރު ވިދާޅުވީ 2011 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި އަބްދުﷲ ޝާހިދު ހުންނެވި ދުވަސްވަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުންވެސް މިސަރުކާރުން މިއަމަލުކުރި ގޮތަށް އަމަލުކުރުމަށް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެކަމާ ދެކޮޅަށް އިހުތިޖާޖުކުރައްވާ އެކަން އޭރު ހުއްޓުވި ބޭފުޅުން އިއްޔެ ތިއްބެވީ އެކަން ކުރެއްވުމަށް ނިކުންނަވާ ހިނިފުޅުޑުވަން ކަމަށްވެސް ވިދާޅުވި އެވެ.
"މިއީ މަޖިލިސް މެންބަރުން އެބޭފުޅުންގެ އަމިއްލަ ގަޔަށް ހަރާލާ 'ހަންޖަރެއް' ކަމެއް ނޭނގުނެވެ،" މެންބަރުންނަށް ފާޑު ވިދާޅުވަމުން އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އިއްޔެގެ ނިންމުން އެއީ ކުރިއަށް އޮތް ތަނުގައި މަޖިލީހުގައި އަމަލުކުރާނެ ގޮތް ކަމުގައިވާނަމަ ބޭނުން އަދަދަކަށް ބޭނުން މެންބަރުން ތަކެއް ހައްޔަރުކުރުމަށްފަހު މަޖިލީހުގައި ވޯޓަށް އެހުމުގެ ބާރު އެ އިރަކު އޮންނަ ސަރުކާރަކަށް ލިބިގެންދާނެ ކަމަށެވެ. އަދި އެއީ މަޖިލީހުގެ މުސްތަގިއްލު ކަން އަބަދަށް ގެއްލިގެން ދިއުން ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ. މީގެއިތުރުން އިއްޔެގެ ޖަލްސާގައި އަމަލުކުރި ގޮތަކީ މެޖޯރިޓީ ނެތަސް މެންބަރުން ހައްްޔަރުކޮށްގެން ބޭނުން އެއްޗެއް ފާސްކޮށްލުމުގެ ދޮގު ކުރިއަށް އޮތް ސަރުކާރުތަކަށް ހުޅުވާލަދިނުން ކަމަށްވެސް އުމަރު ވަނީ ވިދާޅުވެފަ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ