މައުމޫނާއި ގާސިމް ބައިވެރިވެވަޑައިގަންނަވާ ކުނޫޒް ޖަލްސާ މިރޭ 9:30ގައި

ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގަންނަވާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ޚާއްސަ ޖަލްސާއެއް މިރޭ އޮންނާނެކަމަށް އެޕާޓީތަކުން ބުނެފިއެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ތަރްޖަމާން އަލީ ސާލިހު ވިދާޅުވީ ދުވަސްކޮޅެއްގެ މެދުކެނޑުމަކަށްފަހު މިރޭ އަލުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޚާއްސަ ޖަލްސާއެއް މިރޭ ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.
މި ޖަލްސާގައި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގަންނަވާނެކަމަށް އަލީ ސާލިހު ވިދާޅުވިއެވެ.
މިރޭ 9:30 ގައި މާފަންނު ކުނޫޒްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާއަށް ޖުމްހޫރީ ޕާޓީއާއި އެމްޑީޕީގެ އިތުރަށް އަދާލަތު ޕާޓީއާއި ރައީސް މައުމޫނަށް ތާއީދުކުރައްވާ ވީހާވެސް ގިނަ ބަޔަކު ވަޑައިގެންދެއްވުމަށް ގުޅިފައިވާ ޕާޓީތަކުން ވަނީ އެދިފައެވެ.
ތިން ހަތަރު ދުވަސްވަންދެން ފުލުހުން ކުނޫޒް ހިސާރުކޮށް ބަންދުކުރުމާއި ގުޅިގެން ކުނޫޒްގައި ހިންގަމުންދިޔަ ގިނަ ހަރަކާތްތަކެއް ވަނީ މެދުކަނޑާލަން ޖެހިފައެވެ.
އަލީ ސާލިހު ވިދާޅުވީ އިސްލާހީ މަސައްކަތަށް ކުޑަވެސް މަޑުޖެހުމެއް ނާންނަކަމަށާ މިރޭގެ ޖަލްސާއިން އެކަން ހާމަވެގެންދާނެކަަމަށެވެ.
މީގެ ކުރިންވެސް ރައީސް މައުމޫނާއި ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގެން ފޯރިގަދަ ޖަލްސާއެއް ކުނޫޒްގައި ވަނީ ބާއްވާފައެވެ. އެންމެ ފަހުން ކުނޫޒްގައި ބޭއްވި ޖަލްސާގައިވެސް ރައީސް މައުމޫން ވަނީ ބައިވެރިވެވަޑައިގެން ވާހަކަދައްކަވާފައެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މައުމޫން ވަނީ ރައީސް ޔާމީންވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުނީތީ ހިތާމަކުރައްވާކަމަށް ވިދާޅުވެ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފައެވެ.
އަދި ރައީސް ޔާމީންގެ ސަރުކާރުން މިއަދު ގާނޫންތަކާއި ޚިލާފަށް އެތަށްކަމެއް ކުރަމުންދާކަމަށާ ދެން ދުވަހަކުވެސް ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް މަސައްކަތް ނުކުރައްވާނެކަމަށް މައުމޫން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ