ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޕޮލިޓިކަލް ބިއުރޯގެ އިސް މެމްބަރު ލީ ޗެން ޗުން ރާއްޖެވަޑައިގެންފި

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޕޮލިޓިކަލް ބިއުރޯގެ އިސް މެމްބަރެއް ކަމަށްވާ ލީ ޗެން ޗުން މިއަދު މެންދުރު ރާއްޖެ ވަޑައިގެންފިއެވެ.
ލީ ޗެން ޗުން މިދަތުރުފުޅަކީ ޗައިނާއާއި ރާއްޖެއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރިތާ 40 އަހަރު ފުރުމުގެ މުނާސަބަތުގައި ދެދުވަހުގެ މުއްދަތަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.
ލީ ރާއްޖެ ވަޑައިގަތުމުން މާލޭ އިންޓަރނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ ފޮރިން މިނިސްޓަރ ޑރ އަބްދުއް ސަމަދު އަބްދުﷲ އާއި އެމިނިސްޓްރީގެ އިސް ބައެއް ބޭފުޅުންނާއި ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީގެ އިސް ބޭފުޅުންނެވެ.
މިދަތުރުފުޅުގައި ލީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙަންމަދު ވަހީދު ޙަސަން މަނިކާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މިބައްދަލުކުރެއްވުން އޮންނާނީ މާދަމާ ހެދުނުއެވެ.
ލީއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ފަރިއްކޮޅެއް މިރޭ ބަނޑޮސް އައިލެރންޑު ރިސޯޓުގައި އޮންނާނެއެވެ.
ޗައިނާއިން ރާއްޖެ އައި ވަފްދުގައި 63 ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. މިދަތުރު ނިންމަވާލެއްވުމަށްފަހު ލީ އެނބުރި ޤައުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ