ސަރުކާރާއި އެމްޑީޕީން މަޝްވަރާ ކުރަމުންދާ ކަމަށް އެއްވެސް މީޑިއާއެއްގައި ނުބުނަން: މައުމޫން

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމަށް ސަރުކާރުގެ ފަރާތުން ދެވޭނީ ކޮންކަހަލަ ލުޔެއްތޯ ބެލުމަށް ސަރުކާރާއި އެމްޑީޕީ އާއި ވަކިން މަޝްވަރާ ކުރަން ސަރުކާރުން ދައުވަތު ދީފައިވާ ކަމަށް ބޭރުގެ މީޑިއާއެއްގައި ވިދާޅުވެފައިވާނެ ކަމަށާއި ނަމަވެސް މަޝްވަރާ ކުރަމުންދާ ކަމަށް އެއްވެސް މީޑިއާއެއްގައި ވިދާޅުވެފައި ނުވާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ. އިންޑިއާގެ މަޝްހޫރު ތިންކް ޓޭންކް، އޮބްޒާވާ ރިސާޗް ފައުންޑޭޝަންގެ ދަޢުވަތަކަށް އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި "އިސްލާމްދީން، ސުލްޙައިގެ ދީނެއް" މައުޟޫއުގައި ތަޤްރީރުކުރެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ އޮބްޒާވާ ރިސާޗް ފައުންޑޭޝަންގައި "އިސްލާމް ދީނަކީ ސުލްހައިގެ ދީން" މި މައުޟޫއަށް ކުރެއްވި ތަގުރީރަށްފަހު ބައެއް ނޫސްވެރިން އެމަނިކުފާނާއި ތަފާތު ސުވާލުތައް ކުރެއްވި ކަމަށެވެ. އަދި އޭގެތެރޭގައި ގިނައިން ކުރެއްވީ ސިޔާސީ ސުވާލުތައް ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. ރައީސް މައުމޫން ވިދާޅުވީ އެ ސުވާލުތައް އެމަނިކުފާނާ ކުރެއްވުމުން ހަގީގަތުގެ މައްޗަށް ބުރަވެ ހުރެ، ޖަވާބު ދެއްވި ނަމަވެސް، ޖަވާބު ދެއްވި ގޮތާއި ހިލާފަށް ބައެއް ފަރާތްތަކުން ލިޔުންތައް ލިޔުއްވާފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ވިދާޅުނުވާ ބައެއް ވާހަކަފުޅުތައް ބުނުއްވި ކަމަށް ވެސް އިންޑިއާގެ ބައެއް ނޫސްތަކުގައި ލިޔުއްވާފައިވާ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ. "އަޅުގަނޑު ނުބުނަން އެ މަޝްވަރާތައް (ސަރުކާރާއި އިދިކޮޅު އެމްޑީޕީގެ މަޝްވަރާ) ހިނގަމުން އެބަ ދެ އެކޭ. އެއީ ދެން އެ ލިޔުއްވި ބޭފުޅާ ނޭނގި ނުވަަތަ ބުނިކަމަށް ހަދާލައިގެން ބުނި ވާހަކައެއް. އަޅުގަނޑު ބުނީ ރައީސް އޮފީހުން ކުރިން ދުވަހު ނެރުއްވި ބަޔާނުގައި ބުނެފައި އޮތް ގޮތަށް." ރައީސް މައުމޫން ވިދާޅުވި އެވެ. އެކަމާ ގުޅޭ ގޮތުން ޕީޕީއެމް އިން ވެސް ވަނީ ބަޔާނެއް ނެރުއްވާފަ އެވެ. ޕީޕީއެމް އިން އެގޮތަށް ބަޔާން ނެރުނީ ރައީސް މައުމޫން އެގޮތަށް އެ ވާހަކަފުޅު ދައްކަވާފައިވާ ކަމަށް ބުނެ އެކަން ކުށްވެރިކޮށް އިިދިކޮޅު އެމްޑީޕީން ބަޔާނެއް ނެރުމުން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ