3 ނޮވެމްބަރު މަހު 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އެންމެ އިސްކޮށް ހުރި ހ. ހާޖަރާގެ އަބްދުﷲ ލުތުފީ ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު ރާއްޖެ ގެނެވިފައިނުވަނީ އޭރުގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ދޭންޖެހޭ ހުއްދައެއް ނުދިނުމުން ކަމަށް މިހާރުގެ ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ސްރީލަންކާގައި ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި މިވަގުތު ހުރި އަބްދުﷲ ލުތުފީ ރާއްޖެ ގެނައުން ލަސްވާ ސަބަބަކާ ގުޅޭގޮތުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ކުރެއްވި ސުވާލުގެ ޖަވާބަށް ފަހު އިތުރު ސުވާލަށް ހުޅުވާލުމުން ވިލުފުށީ ދާއިރާގެ މެމްބަރު ހަސަަން އަފީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު އިމްރާން ވިދާޅުވި 2014 ވަނަ އަހަރުގެ ތެރޭގައި ލުތުފީ ފިލައިގެން ހުރި ތަނާއި އެހެނިހެން ބައެއް މުއާމަލާތްތަކުގެ މައުލޫމާތު ފުލުހުންނަށް ލިބިފަިއވާ ކަމަށެވެ. އަދި ލުތުފީ ގެނައުމުގެ މަސައްކަތް ވަރަށް ފަހު މަރުހަލާއަކާ ހަމައަށް މައްސަލަ ކުރިއަށް ދިޔަ ކަމަށާއި އެކަމަކު އޭރު ލުތުފީ ނުގެނެވުނީ އޭރުގެ ހޯމް މިނިސްޓްރީން ނުވަތަ ހޯމް މިނިސްޓަރު ދޭންޖެހޭ ހުއްދައެއް ނުދީ ލަސްކުރުމުން ކަމުގައި ވިދާޅުވި އެވެ.
ލުތުފީ ކުރިން ރާއްޖެ ގެނެވިފައި ނުވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ހުއްދަ ނުދެއްވުމުން ކަމަށް މިހާރުގެ ހޯމް މިނިސްޓަރު ވިދާޅުވެފައިވާއިރު ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީ ގައި މަސް ދުވަހަށް ވުރެ ގިނަ ދުވަހު ހުރި ފަހުން ލުތުފީ އެތަނުގައި ހުރިކަން ފަޅާއަރުވާލި ބޭފުޅަކީވެސް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރެވެ.
މެމްބަރުންގެ އިތުރު ބައެއް އެހެން ސުވާލުތަކަަށް ޖަވާބު ދެއްވަމުން ޝައިހް އިމްރާން ވިދާޅުވީ ލުތުފީ ބޭސްފަރުވާއަށް ފޮނުވާފަައިވަނީ އޭރުގެ މެޑިކަލް ބޯޑުން ހުއްދަ ދީގެން ތިން މަސްދުވަހުގެ މުއްދަތަކަށް 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށެވެ. ލުތުފީ އެނބުރި ނައުމުން އޭނާ ގެނައުމަށް ކަރެކްޝަނުން ކަމާގުޅޭ މުއައްސަސާތަކާ ލިޔެކިޔުންތައް ބަދަލުކޮށްފައިވާކަން އެނގޭ ކަަަމަށްވެސް ވިދާޅުވި އެވެ. ލުތުފީ ރާއްޖެ ގެނައުމަށް ބޭނުންވާތީ ޕޮލިސް އިންޓަޕޯލަށް އެމައްސަލަ ވާނީ ހުށަހަޅާފައި ކަމަށާއި އިންޓަޕޯލުން ލުތުފީ ގެނައުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަންވެސް އިމްރާން ވަނީ ފާހަގަކުރައްވާފަ އެވެ.
ލުތުފީ އަނބުރާ ރާއްޖެ ގެނައުމަށް ލަންކާގެ ވަކި މުއައްސަސާއެއްގެ އެއްވެސް މައްސަލަައެއް ނެތް ކަމަށާއި ލަންކާގެ ޑިފެންސް މިނިސްޓްރީގެ ލިޔުމެއް ލިބުނުހާ އަވަހަށް ލުތުފީ ރާއްޖެ ގެނެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކުރިން ނުލިބި އޮތް ލަންކާގެ ބަންޑާރަނައިބުގެ ލިޔުންވެސް މިހާރު ދިވެހި ސަރުކާރަށް ލިބިފައިވާ ކަންވެސް މިިނިސްޓަރު އިމްރާން ވަނީ ޔަގީންކޮށްދެއްވާފަ އެވެ.
އިމްރާން އިތުރަށް ވިދާޅުވީ އެއްވެސް ރައްޔިތަކު ފިލައިގެން އުޅުމަށް އެހެން އެއްވެސް ގައުމަކުން އެއްބާރުލުން ނުދޭނެ ކަމަށެވެ. އެގޮތުން ލުތުފީގެ ވިސާގެ މުއްދަތު ހަމަވުމަށްފަހު ވިސާ އައު ނުކޮށް އުޅުމުން ދައްކަންޖެހޭ ޖޫރިމަނާ ދެއްކުމަށް ލަންކާގެ އިމިގްރޭޝަނުން މިހާރު ވެސް އަންގަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. އަދި ޖޫރިމަނާގެ ގޮތުގައި 2852 ޑޮލަރު ދައްކަންޖެހޭ ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފަ އެވެ.
ލުތުފީ ކުރިން ރާއްޖެ ގެނެވިފައި ނުވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ހުއްދަ ނުދިނުމުން: އިމްރާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ