ކެފޭތަކުން ހިދުމަތް ހޯދާ މީހުން މާސްކް އެޅުމުން އިސްތިސްނާ ވާނެ

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ހޮޓާ، ކެފޭ، ރެސްޓޯރަންޓު ފަދަ ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަންތަނުން ހިދުމަތް ހޯދާ މީހުން މާސްކް އެޅުމުން އިސްތިސްނާކޮށް، އުސޫލު އިސްލާހުކޮށްފި އެވެ. މާލެ ސަރަހައްދުގައި ބޭރަށް ނުކުންނަ އިރު އަނގައާއި ނޭފަތާއި ދަތްދޮޅި ނިވާވާގޮތަށް މާސްކްއެޅުން ލާޒިމުކުރީ މި މަހުގެ ފުރަތަމަ ދުވަހު އެވެ. މާސްކް ނާޅާ ނަމަ މިހާރު 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. މި މަހުގެ ފުރަތަމަ ދުވަހު އެޗްޕީއޭއިން އާންމުކުރި އެންގުމެއްގައި ބުނީ މާލެ ސަރަހައްދުގައި ބޭރުގައި އުޅޭ އިރު އަނގަ އާއި ނޭފަތް އަދި ދަތްދޮޅި ނިވާވާ ގޮތަށް މާސްކް އަޅަން ޖެހޭނެ ކަމަށެވެ. އެކަމުން އިސްތިސްނާ ވާނީ، އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި ކަސްރަތު ކުރާ ވަގުތުގައި ކަސްރަތު ކުރާ މީހުން އަދި އެހެން މީހެއްގެ އެހީއާ ނުލާ މާސްކް އަޅައި ނަގާ ނުހެދޭ ހާލަތުގައި ތިބޭ މީހުން ކަމަށް އެޗްޕީއޭގެ އެންގުމުގައިވެ އެވެ. ނަމަވެސް ރޭ އެޗްޕީއޭއިން ނެރުނު އެންގުމެއްގައި ބުނީ އެ ފަރާތްތަކުގެ އިތުރުން، މާލެ ސަރަހައްދު(މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅު އަދި ހުޅުލޭ)ގައި އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ހޮޓާ، ކެފޭ، ރެސްޓޯރަންޓު ފަދަ ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަންތަނުން ހިދުމަތް ހޯދާ މީހުން މާސްކް އެޅުމުން އިސްތިސްނާ ވާނެ ކަމަށެވެ. އެ ފިޔަވަޅު ތަންފީޒުކޮށް، ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހުރިހާ އިދާރާތަކަށް ވަނީ އަންގައިފަ އެވެ. އަދި އެ ފިޔަވަޅުތައް ތަންފީޒުކުރުމަށް ދައުލަތުގެ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާ އަދާކުރުމަށް ދޭ އިރުޝާދުތަކަށް އަމަލުކުރުމަށް ހުރިހާ ރައްޔިތުންނަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އެޗްޕީއޭއިން ބުނީ މާސްކް އެޅުން މަޖުބޫރު ކުރީ، އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ރައްކާތެރި ކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން އެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ކަމަށެވެ. މީގެ ކުރިން ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ވަނީ މާސްކް ނާޅާ އާންމު ތަންތާގައި ނޫޅުމަށް އިލްތިމާސްކޮށްފަ އެވެ. އެހެން ނަމަވެސް ބައެއް ފަރާތްތަކުން އެ އިލްތިމާސަށް ބޯ ލަނބާފައެއް ނުވެ އެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 4،164 އަށް އަރާފަ އެވެ. އަދި 18 މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ