ޕީޕީއެމްގެ މައްސަލައިގެ ތެރެއަށް މައުމޫން ތަދައްޚުލްވާން ނިންމައިފި

ޕީޕީއެމްގެ ހިންގުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލު ކުރަން އެ ޕާޓީގެ އާންމު މެންބަރަކު ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ތަދައްޚުލްވާން މައުމޫން ނިންމަވައިފިއެވެ.
ޕީޕީއެމްގެ ހިންގުން މައުމޫނާ ހަވާލު ކުރަން އެ ޕާޓީގެ އާންމު މެންބަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓަށް މިހާރު ގެންގޮސްފައިވާއިރު، އެ މައްސަލައިގެ ތެރެއަށް ތަދައްޚުލްވާން ނިންމާފައިވާ ކަން އެނގިފައި ވެއެވެ. އެ މައްސަލައިގެ އިބްތިދާއީ ބައްދަލުވުމެއް ސުޕްރީމް ކޯޓުގައި މިއަދު ބޭއްވިއެވެ.
ޕީޕީއެމްގެ ހިންގުން މައުމޫނާ ހަވާލު ކުރަން އެދި ހުށަހެޅި މައްސަލައެއް ސުޕްރީމް ކޯޓުގައި ހިނގަމުންދާއިރު، އެ ޕާޓީގެ ރައީސް ކަމަށް އެންމެ ފަހުން އިންތިހާބު ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ލީޑާޝިޕް އިސްވެ ތިއްބަވައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އެފެއްދުމުގެ މަސައްކަތް ދަނީ ކުރައްވަމުންނެވެ.
އޭގެ އިތުރުން، ޕީޕީއެމްގެ ރައީސް ކަމަށް ޔާމީން އިންތިހާބު ކުރި އެ ޕާޓީގެ ކޮންގްރެސްގެ މައްސަލަ ވެސް މިހާރު ވަނީ ސުޕްރީމް ކޯޓުގައެވެ. އެ ކޮންގްރެސްއާއި ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމުމުން، ހައި ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން ހުކުމް ކުރީ ކޮންގްރެސް ބަލައިގަތުމަށެވެ. އެ މައްސަލަ އީސީގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ