ފްލެޓުގެ ފައިސާ ހޯދަން މިނިސްޓްރީން ނުގުޅާނެ: ހައުސިން މިނިސްޓްރީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ފުލެޓް ލިބުނު ފަރާތްތަކުގެ އަތުން ފްލެޓަށްވާ ފައިސާ ހޯދުމަށް ކަމަށް ބުނެ ބަޔަކު ހައުސިން މިނިސްޓްރީގެ ނަމުގައި މީހުންނަށް ގުޅަމުން ގެންދާތީ އެފަދަ ކޯލުތަކަށް ސަމާލުވާން ހައުސިން މިނިސްޓްރީން ގޮވާލައިފި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ފުލެޓް ލިބުނު ފަރާތްތައް އަތުން ފުލެޓަށްވާ ފައިސާ ހޯދުމަށް ކަމަށް ބުނެ ފޯނު ކޯލުތަކެއް ކުރަމުންދާ ކަމުގެ އަޑު ފެތުރުމުން ހައުސިން މިނިސްޓްރީން މިއަދު ވަނީ އެކަމާ ގުޅެ ނޫސް ބަޔާނެއް ނެރެފަ އެވެ.
މިބަޔާނުގައި ބުނެފައި ވަނީ އެފަދަ ކޯލެއް އެ މިނިސްޓްރީން ނުކުރާނެ ކަމަށާއި އެއީ ބަޔަކު މީހުން ރާވައިން ކުރަމުން ގެންދާ ކަމެއް ކަމަށެވެ.
މީގެ އިތުރަށް މިނިސްޓްރީން ފައިސާގެ މުއާމަލާތްތައް ފަށާނީ ފްލެޓުގެ ވެރިފަރާތަށް ފްލެޓު ލިބުނު ކަމުގެ ލިޔުން ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހުގައި ކަމަށްވެސް މި ބަޔާނުގައި ބުނެފައިވެ އެވެ. އެހެންކަމުން މިފަދަ ކޯލްތަކާއި މެސެޖުތަކާއި އީމެއިލްތަކަށް ވަރަށް ބޮޑަށް ސަމާލުވެ އެފަދަ ބައެއްގެ ދަލުގައި ނުޖެހުމަށް ގޮވާލާ ކަމަށްވެސް ބަޔާނުގައިވެ އެވެ.
މީގެ އިތުރަށް މި ބަޔާނުގައި ވަނީ އޮޅުވާލައިން ލާރި ހޯދުމަށް ކުރަމުންދާ މަސައްކަތް ވަރަށް ބޮޑަށް ކުށްވެރިކޮށް އެ އަމަލަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށްވެސް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ