މަސްވެރިނަށް ފައިސާ ދިނުމަށް މިފްކޯއަށް 30 މިލިއަން ރުފިޔާ ދީފައިވާނެ- ފިނޭންސް

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއިން މަސްވެރިންގެ އަތުން ނަގަމުންދާ މަހަށް ފައިސާ ދިނުމަށް މި ސަރުކާރުގެ ތެރެއިން އެ ކުންފުންޏަށް 30 މިލިއަން ރުފިޔާ ދީފައިވާނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރުކަމާ ހަވާލުވެ ލެއްވުމަށްފަހު ފުރަތަމަ ފަހަރަށް މިއަދު މީޑިއާތަކާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން މަސްވެރިންގެ އަތުން މަސް ނަގަމުން ދަނީ ބިލަށް ފައިދާ ނުދީ ކަމަށާއި، އެކަމަށް ހައްލެއް ގެނެސްދީ މިފްކޯގެ މާލީ ހާލަތު ރަގަނޅުކުރުމަށް މި ސަރުކާރުގެ ތެރެއިންވެސް މިފްކޯއަށް 30 މިލިއަން ރުފިޔާ ދީފައިވާނެ ކަމަށެވެ.
"މިފްކޯއިން އޭރު އެސްޓީއޯގެ ދަށަށް ގެނެސް ކޮންމެ ދުވަހަކުހެންމެ މަސްވެރިންގެ އަތުން މަސް ނަގަމުން ދަނީ ހަމަ ބިލަށް ފައިސާ ނުދެއްކި. މިކަން ހައްލުކުރުމަށް އެސްޓީއޯގެ ބޭފުޅުންނާއި ވާހަކަދެކެވި އަދި މިފްކޯގެ ބޭފުޅުންވެސް އަޅުގަނޑުމެންގެ މިނިސްޓްރީއަށް ގެނެވި އަޅުގަނޑުމެން ސިޔާސަތުތަކެއް ރާވަމުން އެބަ ގެންދަން. އޭގެ ތެރެއިން އަޅުގަނޑުމެން ސަރުކާރާއި ހަވާލުވުމަށް ފަހުވެސް 30 މިލިއަން ރުފިޔާ މިފްކޯއަށް ދީފައިވާނީ" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީގެ އަމާޒަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދާ އެއްގޮތަށް މަސްވެރިންނަށް އެމީހުން ބާނާ މަހުގެ އަގު ވަގުތުން ދެވޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުން ކަމުގައިވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
މަސްވެރިންނަށް އެމީހުން ބާނާ މަހުގެ ހަމައަގު ވަގުތުން ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ