ކުޅުދުއްފުށީ ރައްޔިތުން ބޯ ވާރޭގައި ތިބެގެން ރައީސް ޔާމީނަށް ހޫނު މަރުހަބާއެއް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ހދ. ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެރަށު ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.ސަރުކާރުން ކުޅުދުއްފުށީގައި އެޅި ޑޮމެސްޓިކް އެއާޕޯޓް ހުޅުވައިދެއްވުމަށްޓަކާ އެމަނިކުފާނު ކުޅުދުއްފުއްޓަށް ވަޑައިގަތީ މިއަދު ހަވީރުއެވެ. މޫސުން ވަރަށް ގޯސްވެފައިވާ ވަގުތެއްގައި ރައީސް ޔާމީން އެރަށަށް ވަޑައިގެންނެވި އިރު އެއާޕޯޓް ސަރަހައްދަށް ގިނަ ރައްޔިތުން ވަނީ ޖަމާވެފައެވެ. ކުދިބޮޑު އެންމެން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ބޯ ވާރޭގައި ތިބެގެންނެވެ. ރައީސް ޔާމީންވެސް އެބޭފުޅުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދެއްކެވީ ވާރޭގައި ތެމިގެން ހުންނަވައިގެންނެވެ. ވަރަށް ފޯރިގަދަ ބައްދަލުވުމެއް ކުރިއަށް ދިޔައިރު، ހދ. އަތޮޅުގެ ރައްޔިތުންގެ ފަރާތުން ޢާންމު ރައްޔިތުން ގެންދިޔައީ ރައީސް ޔާމީނަށް ޝުކުރު ދަންނަވަމުންނެއެވެ. ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ 23 ވަނަ ދުވަހު ނަގާ ވޯޓްގައި އެމަނިކުފާނަށް ވޯޓް ދިނުމަށް އިލްތިމާސްކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ތަރައްގީއާ ކުރިއެރުން ދަމަހައްޓަން އެދޭ ނަމަ، ދެވަނަ ފުރުސަތެއް ދެއްވަންޖެހޭ ކަމަށެވެ. ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވަނީ 2013 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގައެވެ. ރައީސްގެ ވައުދު ފުއްދަވައިދެއްވުމުން ކުޅުދުއްފުށި ރައްޔިތުން ވަނީ އުފަލުން ފޮޅިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ