މިއަދު ހަވީރު 6:00 ގެ ފަހުން ކެމްޕެއިން ނުކުރަން އަންގައިފި

މާދަމާ ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމުގެ އެންމެ ފަހު ވަގުތަކީ މިއަދު ހަވީރު 6:00 ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދު ހަވީރު 6:00 އިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަވާ ފަދަ ކަމެއް ނުވަތަ އިންތިހާބަށް ނުފޫޒު ފޯރާ ފަދަ ކަމެއް ނުކުރަން އަންގާ ކަމަށެވެ.
އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 44 ވަނަ މާއްދާގައި ވާގޮތުން އިންތިހާބެއްގައި ވޯޓުނަގާ ދުވަހުގެ ކުރީ ދުވަހު ހަވީރު 6:00 ން ފެށިގެން ވޯޓުނަގާ ދުވަހުގެ ފަހު ދުވަހުގެ ހެނދުނު 6:00 އާއި ދެމެދު، ތާއީދު ހޯދުމަށް އެއްވެސް ހަރަކާތެއް ނުވަތަ ތާއީދު ހޯދުމަށް މަގުފަހިވާފަދަ އެއްވެސް އަމަލެއް ހިންގުމަކީ މަނާކަމެކެވެ.
އެގޮތުން އަޑުގަދަ ކުރާ އެއްވެސް ވަސީލަތެއް ބޭނުން ކޮށްގެން ތާއީދު ހޯދަން މަސައްކަތް ކުރުމާއި ދުއްވާ އުޅަނދުތަކުގައި ވަކި ކެންޑިޑޭޓަކަށް ނިސްބަތްވާ ޕޯސްޓަރާއި ސްޓިކާ ފަދަ ތަކެތި ހަރު ކޮށްގެން ދުއްވުމަކީ ވެސް މަނާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ