ސޯފާ އެގްރިމެންޓަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް: އަލީ ވަހީދު

އެމެރިކާ ސަރުކާރާ ދިވެހި ސަރުކާރާ ދެމެދު ސޮއިކުރުމަށް މަސައްކަތް ކުރަމުންގެންދާ ސޯފާ އެގްރިމެންޓަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ބުނެފިއެވެ.
އެކޮމިޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ކޮމިޓީގެ މުޤައްރިރު އަދި އެމްޑީޕީގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ ސޯފާ އެގްރިމެންޓާއި ގުޅޭގޮތުން މިހާތަނަށް ކޮމިޓީއަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެގްރިމެންޓްގެ މައްސަލައިގައި ކޮމިޓީގެ މެންބަރުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ސޯފާ އެގްރިމެންޓާމެދު ކަންބޮޑުވުން ފާޅުކޮށް އަލީ ވަހީދު ވިދާޅުވީ އެމައްސަލަ ބެލުމަށް ކޮމިޓީން ނިންމާފައިވާތީ މިރޭ 10 ޖަހާއިރު ޑިފެންސް މިނިސްޓަރު މުޙައްމަދު ނާޒިމްއާއި، ބަންޑާރަނައިބު އައިޝަތު ބިޝާމްއާ އަދި ޚާރިޖީ ވަޒީރު އަބްދުއް ސަމަދު ކޮމިޓީއަށް ހާޒިރުވުމަށް ދަންނަވާފައިވާނެ ކަމަށެވެ.
ނަމަވެސް މިނިސްޓަރު ސަމަދު ރައީސް ވަހީދުއާއެކު މިވަގުތު ފަލަސްތީނުގައި ހުންނެވުމާއި ގުޅިގެން އެމިނިސްޓްރީ ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި އެންމެ އިސް ބޭފުޅަކު މިރޭ ކޮމިޓީއަށް ހާޒިރުވުމަށް ދަންނަވާފައިވާނެ ކަމަށްވެސް ޢަލީ ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސޯފާ އެގްރިމެންޓްގެ މައްސަލައިގައި ތިން ވުޒާރާއެއްގެ އެންމެ އިސްވެރިން އެއްބައްދަލުވުމަކަށް ހާޒިރުވުމަށް އެންގެވީ މައްސަލަ އަވަހަށް ނިންމުމަށް ބޭނުންވާތީ ސައްހަ މައުލޫމާތު ކޮމިޓީއަށް ބޭނުންވާތީ ކަމަށެވެ.
"އަޅުގަނޑު ފާހަގަކުރަން މިގޮތަށް ނިންމެވީ ކޮމިޓީގައި ހިމެނޭ ސަރުކާރަށް ތާއިދުކުރާ މެންބަރުންގެވެސް ތާއީދާއެކު ކޮމިޓީގެ އަޣުލަބިއްޔަތުންކަން" އަލީ ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސޯފާ އެގްރިމެންޓްގެ މައްސަލައިގައި ކޮމިޓީއަށް ހާޒިރުވާން އެންގެވި ވަޒީރުންގެ ތެރެއިން ބަންޑާރަނައިބާއި، ޑިފެންސް މިނިސްޓަރު ނާޒިމް ކޮމިޓީއަށް ވަޑައިގަތުމާއި ގުޅޭގޮތުން ކޮމިޓީއަށް އަދި ވަކި އެއްޗެއް އަންގަވާފައި ނުވާ ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ ވަޒީރުން ކޮމިޓީއަށް ހާޒިރުވެވަޑައި ނުގެންނެވި ނަމަވެސް ސޯފާ އެގްރިމެންޓްގެ މައްސަލަ ކޮމިޓީން ކުރިއަށް ގެންދާނެ ކަމަށާ، އެމައްސަލައަކީ ސީރިއަސް މައްސަލައެއް ކަމަށެވެ.
އަލީ ވަހީދު އިތުރަށް ވިދާޅުވީ ސޯފާ އެގްރިމެންޓަކީ އެމެރިކާ ސަރުކާރާއެކު ސޮއިކުރާ އެއްބަސްވުމަކަށް ވިޔަސް މިހާރު އެއްބަސްވުން އޮތް ގޮތަށް އެކަން ނުކުރެވޭނެ ކަމަށާ، ކަންބޮޑުވާ މާއްދާތަކެއް އެ އެއްބަސްވުމުގައި ހުރުމުން އެކަން ހުއްޓުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ