ހޫނު ފެނުން ދޮވެވޭ ހިޓާޗީ ދޮންނަ މެޝިނަކާއި ކަރަންޓުގެ ހަރަދު ކުޑަ އެއާކޯނެއް އެސްޓީއޯ އިން ބާޒާރަށް ނެރެފި

ހޫނު ފެނާއި އާދައިގެ ފެނުން ވެސް ދޮވެވޭ ހިޓާޗީ ދޮންނަ މެޝިނަކާއި ކަރަންޓު ހަރަދު ކުޑަކޮށްދޭ އެއާކޯނެއް އެސްޓީއޯ އިން އިއްޔެ ބާޒާރަށް ނެރެފި އެވެ. ހިޓާޗީގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓާ އެސްޓީއޯ އިން ރާއްޖޭގެ ބާޒާރަށް ނެރުނު ލޯޑް އޮޓޮ ދޮންނަ މެޝިނަކީ ތަފާތު 15 ގޮތަކަށް ޕްރޮގްރާމްކޮށްފައިވާ އަދި ކަރަންޓުގެ ހަރަދު 60 ޕަސެންޓް ކުޑަ މެޝިނެކެވެ. އެހެން މެޝިންތަކާ ހިލާފަށް މި މެޝިނުގެ ފެނުގެ ޚަރަދު 58 ޕަސެންޓް ކުޑަކޮށްދޭއިރު، 90 ޑިގްރީ ހޫނުމިނުގައި ފެން އުފައްދައިގެން ދޮވުމުގެ ގާބިލްކަން ލިބިފައިވާ ކަމަށް އެސްޓީއޯ އިން ބުނެ އެވެ. އެ ކުންފުނިން ބުނި ގޮތުގައި ބޭނުންކުރާ އިރު މެޝިންގެ އަޑު މަޑުވެފައި ވައިބްރޭޝަން ވެސް ކުޑަވާނެ އެވެ. އެސްޓީއޯ އިން ތައާރަފުކުރި ހިޓާޗީ އިންވާޓާ އެއާކޮންޑިޝަނާ އަކީ ވައި ސާފުކޮށްދޭ ނިޒާމަކާ އެކު މިހާރު ރާއްޖޭގެ ބާޒާރުގައި ހުރި ކަރަންޓު ހަރަދު އެންމެ ކުޑަ އެއާކޯން ކަމަށް އެ ކުންފުނިން ބުނެ އެވެ. އެސްޓީއޯގެ ޖެނެރަލް މެނޭޖަރު ސޭލްސް އެންޑް މާކެޓިން އާދަމް އާޒިމް ވިދާޅުވީ ހިޓާޗީގެ އާ އުފެއްދުންތަކަކީ މިހާރު ބާޒާރުގައި ހުރި ތިމާވެއްޓާ ވެސް އެންމެ ރަހުމަތްތެރި އުފެއްދުންތައް ކަމަށެވެ. "މީގެން ކަރަންޓު ހަރަދު ކުޑަކޮށްދޭ. މުދަލެއް ގަތުމަށް ފަހު އެއަށް އެހާ ގިނަ ހަރަދުތަކެއް ކުރުމަކީ ރަނގަޅު ކަމެއް ނޫން. އަޅުގަނޑުމެންގެ އާ މި ޕްރޮޑަކްޓްތަކުން ކަރަންޓު ބިލާއި ފެން ބިލް ވެސް ކުޑަކޮށްދޭ،" އާޒިމް ވިދާޅުވި އެވެ. އެސްޓީއޯ އިން ބުނީ މި އުފެއްދުންތައް އެ ކުންފުނީގެ ހޯމް އިންޕްރޫވްމަންޓުން މިހާރު ލިބެން ހުންނާނެ ކަމަށެވެ. އެސްޓީއޯ އިން މި އުފެއްދުންތަކަށް އާފްޓާ ސޭލް ސާވިސް ދޭނެ ސާވިސް ސެންޓަރެއް ހުޅުވާފައިވާއިރު، އެއް އަހަރު ދުވަހުގެ ވޮރަންޓީ ދިނުމުގެ އިތުރުން މި އުފެއްދުންތަކުގައި ހިމެނޭ ކޮންޕްރެސަރަށް ފަސް އަހަރުގެ އިންޓަނޭޝަނަލް ވޮރަންޓީއެއް ވެސް ދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ