ތައުލީމީ ދާއިރާގެ ބަޖެޓުން އިންގިލާބީ ބަދަލުތަކެއް ނާންނާނެ: އެމްޑީޕީ

ތައުލީމީ ދާއިރާ އަށް އަންނަ އަހަރު ސަރުކާރުން ކަނޑައެޅި ބަޖެޓުން އިންގިލާބީ ބަދަލުތަކެއް އެ ދާއިރާ އަށް އަންނާނެ ކަމަށް ނުބެލެވޭ ކަމަށް އެމްޑީޕީން ބުނެފި އެވެ. އެ ޕާޓީގެ ތައުލީމާ ބެހޭ ކޮމިޓީން ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެމްޑީޕީ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރުކަން ކުރެއްވި ޑރ. މުސްތަފާ ލުތުފީ ވިދާޅުވީ މި އަހަރަށް ވުރެ ބޮޑު ބަޖެޓެއް އަންނަ އަހަރު ތައުލީމީ ދާއިރާ އަށް ސަރުކާރުން ކަނޑައެޅި ނަމަވެސް، އެންމެ މުހިއްމު ބޭނުންތަކަށް އެ ބަޖެޓުގައި އިސްކަން ދީފައި ނުވާ ކަމަށެވެ. އަދި ޕީޕީއެމްގެ ވައުދުތަކާއި ބަޖެޓާ އެއްވެސް ގުޅުމެއް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ތައުލީމީ ދާއިރާ އަށް އަންނަ އަހަރު ކަނޑައަޅާފައިވާ ބަޖެޓާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން މުސްތަފާ ވިދާޅުވީ އަންނަ އަހަރު ތައުލީމީ ދާއިރާއިން ހާސިލް ކުރަން ބޭނުންވާ މަގްސަދުތަކާއި ސްޓެޓަޖީތައް އަދި ހާސިލް ކުރަން ބޭނުންވާ މިންވަރު ބަޖެޓުން އެނގެން ނެތް ކަމަށެވެ. "ނައިބު ރައީސް ޑރ. ޖަމީލު ވިދާޅުވެފައިވޭ އަންނަ އަހަރު ތައުލީމީ ދާއިރާ އަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް. އެކަމަކު މި ބަޖެޓުން އެ ބަދަލުތަކެއް އަންނާނެ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ،" މުސްތަފާ ވިދާޅުވި އެވެ. އަންނަ އަހަރަށް ކަނޑައެޅި ތައުލީމީ ދާއިރާގެ ބަޖެޓާ ބެހޭގޮތުން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ ވާހަކަ ދައްކަވަނީ.-- ހަވީރު ފޮޓޯ: ނިޝާން އަލީ އޭނާ ވިދާޅުވީ އަންނަ އަހަރު ތައުލީމީ ދާއިރާގައި އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ އަލަށް ތައާރަފް ކުރާ ގައުމީ މަންހަޖަށް ކަމަށާއި އެ ޕާޓީން އުއްމީދު ކުރީ ތައުލީމީ ބަޖެޓްގެ އެންމެ ބޮޑު ފޯކަސް އަކަށް މަންހަޖު ވެގެން ދާނެ ކަމަށެވެ. އެކަމަކު މި މަޝްރޫއުގެ އެއްވެސް އަސަރެއް ބަޖެޓުން ފެންނަން ނެތް އިރު މަންހަޖާ ގުޅޭ އުނގަންނައިދިނުމުގެ ވަސީލަތްތައް ތައްޔާރުކުރަން ޖެހޭ، ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)ގެ ބަޖެޓް ވެސް މިދިޔަ އަހަރަށް ވުރެ މި އަހަރު ކުޑަ ކޮށްފައިވާ ކަމަށް މުސްތަފާ ވިދާޅުވި އެވެ. ބަޖެޓްގައި އިންފްރަސްޓްރަކްޗާ އަދި އިމާރާތްކުރުމުގެ ބަޔަށް ކަނޑައަޅާފައިވާ ފައިސާގެ ތަފްސީލު ދެއްވަމުން އޭނާ ވިދާޅުވީ ރަށްރަށުގައި ކްލާސްތައް އިމާރާތް ކުރުމަށް ބަޖެޓް ކަނޑައަޅާފައި ހުރީ އެކި ރަށްރަށުގައި އެކިވަރަށް، އިންސާފުކުޑަކޮށް ކަމަށެވެ. "މި ބަޖެޓުގައި ބ. ކުޑަރިކިލު ސްކޫލުގައި ހަތަރު ކްލާސް ރޫމު އެޅުމަށް ހަތަރު ލައްކަ ރުފިޔާ ކަނޑައަޅާފައިވޭ. އެ އަތޮޅު ކެންދޫ ސްކޫލުގައި ހަތަރު ކްލާސް ރޫމު އެޅުމަށް ހަތް ލައްކަ ރުފިޔާ އެބަ ހަރަދު ކުރޭ. އެކަމަކު ނ. އަތޮޅު މަދަރުސާގައި ދިހަ ކްލާސްރޫމާއި ހޯލާއި ފާހަނާ ހެދުމަށް ވެސް މި ހަރަދު ކުރަނީ ހަތަރު ލައްކަ ރުފިޔާ. ފާހަގަ ކޮށްލަން ބޭނުންވަނީ ނ. އަތޮޅު މަދަރުސާގައި ދިހަ ކްލާސް ރޫމު އަޅަން ވެސް ހަތަރު ލައްކަ ހަރަދު ކުރާއިރު ކެންދޫގައި ހަތަރު ކްލާސް ރޫމު އެޅުމަށް ހަތް ލައްކަ ރުފިޔާ ހަރަދު ކުރާކަން. މީގެ އެއްވެސް ތަފްސީލެއް ބަޖެޓުން ފެންނަން ނެތީމަ ސުވާލު އުފެދޭ،" މުސްތަފާ ވިދާޅުވި އެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުރީގެ އެޑިއުކޭޝަން މިނިސްޓަރުކަން ކުރެއްވި ޝިފާ މުހައްމަދު ވިދާޅުވީ ސަރުކާރުގެ އާމްދަނީ އާއި ގައުމުގެ އިގްތިސޯދު ރަނގަޅުވިހާ އަވަހަކަށް ޓީޗަރުންގެ މުސާރަ ބޮޑުކޮށްދޭނެ ކަމަށް ރައީސާއި ނައިބު ރައީސް ވިދާޅުވެފައިވީ ނަމަވެސް އަންނަ އަހަރު ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަށް ބަޖެޓް ކަނޑައަޅާފައި ނެތް ކަމަށެވެ. އެމްޑީޕީން ލަފާ ކުރާގޮތުގައި ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށް 532 މިލިޔަން ރުފިޔާ ބޭނުންވާނެ އެވެ. އެކަމަކު އެޑިއުކޭޝަން މިނިސްޓްރީއަށް އަށް ސިޔާސީ މީހުންނާއި 2159 މުވައްޒަފުން އިތުރު ކުރުމަށް، އެ މިނިސްޓްރީގެ ރިކަރަންޓުގެ ހަރަދުގެ ގޮތުގައި 481 މިލިޔަން ރުފިޔާ އިތުރު ކޮށްފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ. މުސްތަފާ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީ ހިންގުމަށް ކަނޑައެޅި ބަޖެޓް މިދިޔަ އަހަރަށް ވުރެ މި އަހަރު 140 ޕަސެންޓް ބޮޑުވެފައިވާއިރު މިއީ ސިޔާސީ ވެރިން ބޭނުންވާ ކަންތައްތަކަށް ހަރަދު ކުރުމަށް ކަނޑައެޅި ފައިސާކަމަށް ދޭހަވާ ކަމަށެވެ. އޭގެ އިތުރުން ވެސް ގުރުއާން ޓީޗަރުން ތަމްރީނު ކުރުމަށާއި ސްކޫލުތަކުގައި ވަސީލަތްތައް ގާއިމުކުރުމަށާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ސްކޫލުތައް އެޅުމާއި ޕްރީ ސްކޫލުތައް ހިންގުމަށާއި ބީޓެކާއި ދަސްވާރު ފަދަ ޕްރޮގްރާމްތައް ހިންގުމަށް ބަޖެޓެއް ނެތް ކަމަށް އެމްޑީޕީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ