މޫސަ، މަހްލޫފްގެ މޫނުމަތީގައި ޖައްސަވާފައިވާ ކަމަށް ޑީއާރުޕީން ތުހުމަތުކޮށްފި

19:00ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާއަށް ފަހު ހުޅުހެންވޭރު ދާއިރާގެ މެންބަރ ރީކޯ މޫސާ މަނިކު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރ އަހުމަދު މަހްލޫފްގެ މޫނުމަތީގައި ޖައްސަވާފައިވާ ކަމަށް ޑީއާރުޕީން ތުހުމަތުކޮށްފި އެވެ.މިކަމާ ބެހޭ މައުލޫމާތު ދިނުމަށް ޑީއާރުޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ މަޖިލީހުގެ ޖަލްސާ ހުއްޓާލުމާ އެކު ގެމަނަފުށީ ދާއިރާގެ މެންބަރ އިލްހާމް އަހުމަދާއި މޫސަ ކޮންމެވެސް ޒުވާބެއް ކުރައްވަން ހުއްޓާ ފެނިވަޑައިގެން އޭނާ އެތަނަށް ވަޑައިގެންނެވި ކަމަށާއި އަދި މޫސައާ ޑީއާރުޕީގެ ބައެއް މެންބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ދެމުން ދަނިކޮށް ކުއްލިއަކަށް މަހްލޫފްގެ މޫނު މަތީގައި މޫސަ ޖެއްސެވި ކަމަށެވެ. އަދި އެ މަންޒަރު އެ ވަގުތު އެތަނުގައި ހުންނެވި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަފީގް ހަސަނަށް ފެނިވަޑައިގެންނަވާނެ ކަމަށްވެސް މަހްލޫފް ވިދާޅުވި އެވެ.ރަފީގް ވިދާޅުވީ މަހްލޫފާއި މޫސައާ ދެމެދުގައި އެ ހަމަނުޖެހުންތައް ހިނގައިދިޔައިރު އޭނާ ހުންނެވީ އެ ދެ މެންބަރުންނާއި ގާތްގަނޑަކަށް ފަސް ވަރަކަށް ފޫޓު ކައިރީގައި ކަމަށާއި އެވަގުތު މޫސަ ކުއްލިއަކަށް މަހްލޫފްގެ މޫނުމަތީގައި ޖެއްސެވިތަން ފެނިވަޑައިގެންނެވި ކަމަށެވެ.މަހްލޫފް އިތުރަށް ވިދާޅުވީ އެ ހަމަނުޖެހުންތަކަށްފަހު މަޖިލީހުގައި ހިނގައިދިޔަ އެ ހަމަނުޖެހުންތަކާ ގުޅޭ ވީޑިއޯ ހޯދުމަށް މަޖިލީހުގެ ޖަލްސާތައް ވީޑިއޯ ކުރަމުންދާ ޓީވީގެ ކޮންޓްރޯލް ރޫމަށް ވަދެވަޑައިގެން އެ ވީޑިއޯ ބެއްލެވިއިރު ވެސް އޭނާގެ މޫނުގައި މޫސަ ޖެއްސެވިތަން ފެނިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް ފަހުން އެ ވީޑޯ ހޯދުމަށް މަޖިލީހުގެ އަމީން އާއްމުއަށް ދަންނަވައިގެން ލިބިވަޑައިގެންނެވި ވީޑިއޯގައި އެބައި ވަނީ ކަނޑާލާފައި ކަމަށް ވެސް މަހްލޫފް ތުހުމަތުކުރެއްވި އެވެ.މަޖިލީހުން ލިބިވަޑައިގެންފައިވާ ކަމަށް މަހްލޫފް ވިދާޅުވި އެ ވީޑިއޯ މިއަދު ޑީއާރުޕީގެ އޮފީހުގައި ވަނީ ނޫސްވެރިންނަށް ދައްކާފަ އެވެ. ނަމަވެސް އެވީޑިއޯ އިން ދައްކާ ގޮތުން ނަމަ އޭގެން ވަރަށް ބޮޑު ބައެއް ވަނީ ކަނޑާލާފަ އެވެ.އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް މިއަދު ވިދާޅުވީ އޭނާ ސައިކޮޓަރީގައި އިންނަވަނިކޮށް މަހްލޫފްގެ މޫނުމަތީގައި މޫސަ ޖެއްސެވިތަން ސައިކޮޓަރީގައި ހުންނަ ޓީވީން ފެނިވަޑައިގެންފައިވާ ކަމަށެވެ.ނަމަވެސް އެ ވާހަކަތައް ދޮގުކުރައްވާ މޫސަ ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހުއްޓާލީއްސުރު ނިލަންދޫ ދާއިރާގެ މެންބަރ އަބްދުލް މުހުސިން ހަމީދު މޫސަގެ މޫނުމައްޗާއި ދިމާލަށް އޭނާގެ ފޯނު ދިއްކުރައްވައިގެން އުދަނގޫ ކުރައްވަމުންދިޔަ ކަމަށެވެ. އަދި މޫސަގެ މޫނުގައި އޭނާގެ ފޯނުން ޖެހުނު ވަގުތު އެ ފޯނާއެކު އޭނާގެ އަތް ފޮޅުވާލެއްވި ކަމަށާއި ހަމަ އެވަގުތު މަހްލޫފް ވަޑައިގެން މޫސަގެ ކަށިމަތީގައި ވަރަށް ބާރަށް ފައިން ޖެއްސެވި ކަމަށް ވެސް މޫސަ ވަނީ ތުހުމަތުކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ