މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުނުވި ސަބަބު ގާސިމް އޮޅުންފިލުއްވައިދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ވޭތުވެދިޔަ ދޮޅު އަހަރުގެ ތެރޭގައި ހާޒިރުނުވި ސަބަބު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިގިލީ ދާއިރާމެ މެމްބަރު ގާސިމް އިބްރާހީމް އޮޅުއްފިލުއްވައިދީފިއެވެ.
ކޮވިޑް-19ގެ ބަލިމަޑުކަން ރާއްޖޭގައި ފެތުރެން ފެށުމުން މަޖިލީހުގެ ޖަލްސާތައް ކުރިޔަށްގެންދިޔުން މެދުކަނޑާލިއެވެ. އެހެންނަމަވެސް ކޮވިޑްގެ ކޭސްތައް މަދުވުމުން ޖަލްސާތައް އަލުން ފަށައިގެން ކުރިޔަށްގެންދަން ފެށިފަހުން ގާސިމް ޖަލްސާތަކުގައި ބައިވެރިނުވާތީ އެކަމާއި ގިނަ ބަޔަކު ދިއައީ ފާޑުކިޔަމުންނެވެ.
ފާޑުކިޔާ ފަރާތްތަކަށް ރައްދުދެއްވާ ގާސިމް ވިދާޅުވީ، އެދުވަސްވަރު މަޖިލީހުން އެކަހެރިވެ ހުންނެވީ ކޮވިޑް ފެތުރެން ފެށި ދުވަސްވަރަށް ވުމުން، އެމަނިިކުފާނަކީ ބަލީގެ ހައި ރިސްކް ކެޓަގަރީއަށް ނިސްބަތްވާ ބޭފުޅަކަށް ވާތީކަމަށެވެ. މީގެއިތުރުން މަޖިލީހުގައި ގިނަ ދުވަސްތަކެއް ހޭދަކޮށް، ރިޔާސަތުގައި އިންނަވައިގެންވެސް މުހިންމު އެތައް ޚިދުމަތްތަކެއް ކޮށްދީފައިވީނަމަވެސް، މިހާރު މަޖިލީހުގައި އެމަނިކުފާނަށް އެފުރުސަތުވެސް ނެތްކަން ފާހަގަކުރައްވާ ގާސިމް ވަނީ މިހާރުގެ މަޖިލީހުގައި އެމަނިކުފާނުގެ އެހާބޮޑު ބޭނުމެއް އޮތްކަމަށް ގަބޫލު ނުކުރައްވާކަން ހާމަކުރައްވާފައެވެ.
ގާސިމް މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު، މަޖިލީހުގައި އެތައް އަހަރެއްގެ ތަޖުރިބާ ހުރުމުގެ އިތުރުން އެތައް ހިދުމަތްތަކެއް އެމަނިކުފާނު ކުރައްވާފައިވާއިރު 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކޮމިޓީއެއްގެ ޒިންމާދާރު މަގާމަކަށްވެސް އެމަނިކުފާނު އައްޔަންކުރައްވާފައެއް ނުވެއެވެ.
ގާސިމް ވިދާޅުވީ، އާދައިގެ މެމްބަރެއް މަޖިލީހުގެ ޖަލްސާއަކަށް މަދުވެގެން، އޭބޭފުޅާގެ ވޯޓު ނުލިބިގެން ނުނިންމޭނެ ކަމެއް ނޯންނާނެކަމަށެވެ. އެހެންކަމުން، އޮންލައިންކޮށް ބޭއްވި ޖަލްސާތަކުގައި ބައިވެރިވެ ވަގުތު ހުސްކުރަން އިނުމުގެ ބޭނުމެއް އޮތްކަމަކަށް ގަބޫލު ނުކުރެވޭކަމަށް ގާސިމް ވިދާޅުވިއެވެ. އަދި މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވެވަޑައިނުގަތީ އެއްޗެއް ވިދާޅުނުވެ ހުންނެވުމަށްވުރެ މޮޅުގޮތެއް ނުފެންނަވާތީކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް މަޖިލީހުގެ ޖަލްސާތަކަށް ވަޑައިނުގަންވާތީ، އެކަމަށް ފާޑުވިދާޅުވެ، ބައެއް މެމްބަރުން ޓުވީޓްވެސް ކުރައްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ