ސްޓޭޓް މިނިސްޓަރު މޮނާޒާ ނައީމްގެ މައްޗަށް މައުމޫން ދައުވާ ކުރައްވަން ނިންމަވައިފި

މިދިޔަ އާދީއްތަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ބައްދަލުވުމުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ އަބުރަށް ހުތުރުވާ ގޮތަށް މެދު އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނައީމް (މޮނާޒާ ނައީމް) ވާހަކަ ދައްކަވާފައިވާ ކަމަށް ވިދާޅުވެ އޭނާގެ މައްޗަށް އަބުރުގެ ދައުވާ ކުރައްވަން ރައީސް މައުމޫން ނިންމަވައިފި އެވެ.
މައުމޫނުގެ ގާނޫނީ ވަކީލު އައްބާސް ޝަރީފު ބުރާސްފަތި ދުވަހު ވިދާޅުވީ އެމްއެމްއޭގެ އިސްވެރިއަކަށް ކުރިން ހުންނެވި ހަދީޖާ ހަސަން ރައީސް މައުމޫނަށް ފައިސާ ދެއްވައިގެން ނައީމުގެ ރިސޯޓެއް އަތުލައްވާފައިވާ ކަމަށް ވިދާޅުވެ ނައީމް އެރޭ ދެއްކެވި ވާހަކަފުޅުގެ ސަބަބުން ރައީސް މައުމޫން ރިޝްވަތު ހިއްޕަވައި އަދި ހިޔާނާތްތެރިވެފައިވާ ކަމަށް ދޭހަވާތީ އަބުރުގެ ދައުވާ ކުރައްވަން ނިންމެވީ ކަމަށެވެ.
ކުރިން އެމްއެމްއޭގެ ގަވަރުނަރުގެ އެޑްވައިޒަރުކަން ވެސް ކުރެއްވި ހަދީޖާ ހަސަނަކީ ނައީމްގެ ކުރީގެ އަނބިކަނބަލުންނެވެ.
އައްބާސް ވިދާޅުވީ އަބުރާ ބެހުމުގެ ބަދަލު ނަގައި ދިނުމުގެ ގަވާއިދުގެ ދަށުން ނައީމްގެ މައްޗަށް ރައީސް މައުމޫން ކުރައްވާ އަބުރުގެ ދައުވާގެ މައްސަލަ އަންނަ ހަފުތާގެ ކުރީކޮޅު ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.
"ނައީމްގެ ސަބަބުން ރައީސް މައުމޫނުގެ ގަދަރަށާއި އަބުރަށް އުނިކަން އައިސްފައިވާތީ އަބުރުގެ ދައުވާ މި ކުރަނީ،" އައްބާސް ވިދާޅުވި އެވެ. "ނައީމް އެ ގޮތަށް ވާހަކަ ދެއްކެވި ޖަލްސާ ޓީވީއެމުން ވަގުތުން ދައްކާފައިވާތީ އެ ދޮގު ހަބަރު ފެތުރުމުގައި ޓީވީއެމްގެ ޒިންމާއެއް ވޭތޯ ނުވަތަ ނޫންތޯ ވެސް ބަލައި އެތަނުގެ މައްޗަށް ވެސް ދައުވާ ކުރުމާ މެދު އަޅުގަނޑުމެން މިދަނީ ވިސްނަމުން."
އައްބާސް ވިދާޅުވީ އަބުރުގެ ބަދަލުގެ ގޮތުގައި ނަގަނީ ކިހާ ވަރެއް ކަމެއް އަދި ކަނޑަނާޅުއްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ