މެމްބަރު ރަޝީދު ހައްޔަރުކުރިކަން ފުލުހުން މަޖިލީހަށް އެންގި: މަޖިލީހުގެ އިދާރާ

މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ އައްޑޫގައި ހިންގި ހަމަނުޖެހުންތަކުގައި ތަންތަން ރޯކޮށް ގެއްލުންދިން ކަމުގެ ތުހުމަތުގައި، ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހަންމަދު ރަޝީދު ހައްޔަރުކުރިކަން މަޖިލީހުގެ އިދާރާ އަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ރަސްމީކޮށް އަންގާފައިވާ ކަމަށް އެ އިދާރާއިން މިއަދު ބުނެފި އެވެ.
އެކަމަކު މަޖިލީހުގެ ގަވާއިދުގައިވާ 202 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ރަޝީދު ހައްޔަރުކުރުމުގެ ކުރިން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް އެންގެވި ކަމެއް، މަޖިލީހުގެ އިދާރާއިން ވަނީ ސާފު ނުވެފަ އެވެ. އެ އިދާރާއިން ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވީ، އެކަން އެނގޭނީ މަޖިލީހުގެ ރައީސަށް ކަމަށެވެ. ނަމަވެސް ރައީސް ފޯނު ނުނަންގަވާތީ އެކަން ސާފެއް ނުވި އެވެ.
މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ، "ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްގެން ނޫނީ، ތަހުގީގު ކުރިއަށް ގެންދެވެން ނެތް ހާލަތެއްގައި، މެމްބަރަކު ބަންދުކުރަން ޖެހިއްޖެ ހިނދެއްގައި، މެމްބަރަކު ބަންދުކުރަންވާނީ، މަޖިލީހުގެ ރައީސަށް އެންގުމަށްފަހުގަ އެވެ،" މިހެންނެވެ.
ފުލުހުން ރޭ ބުނެފައި ވަނީ، ރަޝީދު ހައްޔަރުކުރީ، މަޖިލީހުގެ ރައީސަށް އެންގުމަށް ފަހު ކަމަށެވެ. އަދި ފަހުން މަޖިލީހުގެ އިދާރާއަށް ސިޓީއަކުން ވެސް އެންގި ކަމަށް ފުލުހުން ބުނެ އެވެ. ރަޝީދު ރޭ ގޭ ބަންދަށް ދޫކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ޖިނާއީ މައްސަލައެއްގެ ތުހުމަތުގައި މެމްބަރަކު ހައްޔަރުކުރިކަން މަޖިލީހުގެ ރައީސަށް އަންގާތާ، ލަސްވެގެން 24 ގަޑިއިރު ތެރޭގައި، އެކަން އިމްތިޔާޒު ކޮމެޓީއަށް އަންގަންޖެހެ އެވެ. އަދި އެކަން އެންގުމާއެކު، ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި އެ މައްސަލަ ބެލުމަށްޓަކައި އެ ކޮމެޓީ ބާއްވަންވާނެ ކަމަށް ވެސް ގަވާއިދުގައިވެ އެވެ.
ރަޝީދު ހައްޔަރުކުރި މައްސަލަ ބެލުމަށްޓަކައި މިއަދު މެންދުރު 00: 1 ގައި އިމްތިޔާޒު ކޮމެޓީ ބޭއްވުމަށް ވަނީ ޝެޑިއުލްކޮށްފަ އެވެ.
ރަޝީދު ހައްޔަރުކޮށްފައި ވަނީ ޕްރޮސީޖަރާ ހިލާފަށް ކަމަށް އެމްޑީޕީގެ މެމްބަރުން ތުހުމަތު ކުރައްވަ އެވެ. އެހެންވެ އެކަމާ މެދު ގޮތެއް ނިންމުމަށް އިއްޔެ ހަވީރު ވަނީ މަޖިލީހުގެ އިދާރާގައި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން ބައްދަލުކޮށްފަ އެވެ. އަދި ރަޝީދު ހައްޔަރުކުރުމުގައި އަމަލުކޮށްފައިވާ އުސޫލު އަންގަވައި ދެއްވުމަށް އެދި ޕާލަމެންޓްރީ ގުރޫޕުން ވަނީ މަޖިލީހުގެ ރައީސަށް ރޭ ސިޓީއެއް ފޮނުވައިފަ އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ބައްދަލުވުން މަޖިލީހުގެ އިދާރާ ކައިރީގައި ކުރިއަށް ގެންދިޔައިރު، ރަޝީދު ދޫކުރުމަށް ގޮވާލައި އެ ޕާޓީގެ ސަޕޯޓަރުން ވަނީ އެ އިދާރާ ކައިރިއަށް އެއްވެ އަޑު އުފުލައިފަ އެވެ. އަދި މަޖިލީހުގެ މެމްބަރުން ހައްޔަރުކުރުމުގައި ހަމަހަމަ އުސޫލުން އަމަލު ކުރުމަށް ވެސް އެމްޑީޕީގެ މެމްބަރުންގެ އިތުރުން ސަޕޯޓަރުން ވަނީ ގޮވާލައިފަ އެވެ.
ރޭ އިރާކޮޅު މަޖިލީހުގެ އިދާރާ ކައިރީގައި ފެށި މުޒާހަރާ ފުލުހުން ނުކުމެ ރޫޅާލީ 30: 9 ހާއިރު އެވެ. މުޒާހަރާ ރޫޅާލި ފަހުން ވެސް ސޯސަންމަގުގެ އެކި ސަރަހައްދުތަކަށް އެމްޑީޕީގެ ސަޕޯޓަރުން އެއްވެ އަޑުގަދަ ކުރި އެވެ. މަޖިލީހުގެ އިދާރާ ކައިރިން މުޒާހަރާ ރޫޅާލިއިރު، ބައެއް މީހުން ތިބީ ރުފިޔާ އާއި ޑޮލަރު ނޫޓުތަކެއް ވެސް ބިންމަތީގައި ބަހައްޓައިގެންނެވެ. އެ މީހުން ބުނަމުންދިޔައީ އެ ފައިސާ އަކީ "ފުލުހުންނަށް ދޭ އެއްޗެއް" ކަމަށެވެ. އަދި އެ މީހުން އެ ސަރަހައްދުން ފޮނުވާލުމާއެކު، ބައެއް އާންމުން ވަނީ ގޮސް އެ ފައިސާތައް ހިފައިގެން ގޮސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ