އެމްޑީޕީ އިއްތިހާދުގެ ނޫސްކޮންފަރެންސް: ރައްޔިތުންގެ މަޖިލީހަށް ރައީސް މައުމޫން އައްޔަންކުރައްވާފައި އަށް މެމްބަރުން ބަދަލުވާނެ: ޒަކީ

ރައްޔިތުން މަޖިލީހުގައި ތިއްބަވާ ރައީސުލްޖުމްހޫރިއްޔާގެ އަށް މެމްބަރުން ބަދަލުކުރައްވާނެކަމަށް އެމްޑީޕީ އިއްތިހާދުން މިއަދު ބުނެފި އެވެ.
ދަރުބާރުގޭ ފަންސަވީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހިމް ހުސެއިން ޒަކީ ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އަލުން އިންތިހާބު ވަންދެން، ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން މިހާރު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ އަށް މެމްބަރުން ތިއްބަވަންޖެހޭ ކަމަށެވެ.
"އެ އަށް މެމްބަރުން ތަމްސީލްކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ. އަޅުގަނޑުމެން ގަބޫލްކުރަނީ ރައީސުލްޖުމްހޫރިއްޔާ ބަދަލުވީމާ އެ އަށް މެމްބަރުން ވެސް ބަދަލުވާނޭ. އޭރަކު ރައީސުލްޖޫމްހޫރިއްޔާ ތަމްސީލުކުރައްވަން ހަވާލުކުރައްވާނީ އެ ރައީސުލްޖުމްހޫރިއްޔާ އެންމެ އިތުބާރުކުރެއްވޭ ބަޔަކަށް،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް ގާނޫނު އަސާސީގެ 294 ވަނަ މާއްދާގެ ހ.ގައި ވަނީ "ރައްޔިތުންގެ މަޖިލީހެއް ހޮވުމަށް މި ގާނޫނު އަސާސީގެ ދަށުން އޮންނަ ފުރަތަމަ އިންތިހާބު ބާއްވައި މި ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން އެ މަޖިލީހަށް މެމްބަރުން އިންތިހާބުކޮށް އެ މީހުން މެމްބަރުކަމާ ހަވާލުވަންދެން، މި ގާނޫނު އަސާސީއަށް އަމަލުކުރަން ފަށާއިރު އޮތް ރައްޔިތުންގެ މަޖިލިސް ދެމި އޮންނަންވާނެ" ކަމަށެވެ.
ޒަކީ ވިދާޅުވީ އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަން ދެމެހެއްޓުމަށް ކޯލިޝަން އެޑްވައިޒަރީ ކޮމިޓީއެއް އުފައްދަވާފައިވާ ކަމަށެވެ. އަދި އެ ކޮމިޓީގެ މަސްއޫލިއްޔަތަކީ ސަރުކާރާ ހަވާލުވާއިރު ކޯލިޝަނުން ނިންމަންޖެހޭ ކަންތައްތައް ކުރުން ކަމަށެވެ.
"މި ކޯލިޝަން އަބަދުވެސް ދަމަހައްޓަންޖެހޭ. މި ސަރުކާރުގެ ހުރިހާ ކަމެއް ނިމިގެންދާނީ އެ ކޯލިޝަން ކޮމިޓީގެ މަޝްވަރާގެ މަތިން،" އެމްޑީޕީ އިއްތިހާދުގެ ފަރާތުން ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.
ރައީސް މައުމޫންގެ ސަރުކާރުގައި ޓޫރިޒަމާއި ޕްލޭނިން މިނިސްޓަރުކަން ކުރައްވައިފައިވާ ޒަކީ ވިދާޅުވީ އެމްޑީޕީ އިއްތިހާދުގެ ސަރުކާރެއްގައި ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި އިއްޒަތްތެރިންގެ އަގު އަބަދުވެސް ވަޒަންކުރާނެ ކަމަށެވެ. އަދި އެ ބޭފުޅުންނަށް ދޭން ޖެހޭ އިހުތިރާމާއި ގަދަރު އަބަދުވެސް ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ