ދޯނީގައި ހުޅުޖަހަން އުޅެނިކޮށް ގައިގައި ރޯވުމުން އަމިއްލަ އަށް ވަޅިއަޅައި ހަގީގަތް ފޮރުވަން އުޅުނު ކަމަށް ސާޖިދު އެއްބަސްވެއްޖެ

މިދިއަ އަހަރު އއ. ހިމަންދޫ ފިރިހެން ކުއްޖެއްގެ ގައިގައި ތަޅައި، ކަޓަރު އަޅައި ޒަހަމްކޮށްލުމަށް ފަހު އުފުލާލައިގެން ގެންގޮސް ރޯކޮށްލާފައި އޮތް ދޯންޏަކަށް އެއްލައިލި ކަމަށް އެ ކުއްޖާ ބުނި ހާދިސާއަކީ އެއްވެސް ބަޔަކާ ގުޅުމެއްނެތް، އޭނާ އަމިއްލަ އަށް ހިންގާފައިވާ އަމަލުތަކެއް ކަމަށް ފުލުހުންގެ އިދާރާ އިން މިއަދު ހާމަކުރައްވައިފި އެވެ.
ފުލުހުންގެ މައި އިދާރާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސަބް އިންސްޕެކްޓަރު އަބްދުﷲ ނަވާޒު މިއަދު ވިދާޅުވީ މިދިއަ އަހަރުގެ އޮކްޓޫބަރުގެ މަހުގެ 23 ވަނަ ދުވަހުގެ ރޭ މެންދަމު 30: 12 އާއި 00: 1 އާ ދެމެދު ހިންގި ހާދިސާއަކީ އޭނާ އަމިއްލަ އަށް ހިންގި ހާދިސާއެއް ކަމަށް އިއުތިރާފުވެފައިވާ ކަމަށެވެ.
ހިމަންދޫ ދިލްކުޝާގޭ، ސާޖިދު ހުސެން، ،17 ގޭގައި ހުއްޓާ މީހަކު އޭނާ އަށް ގޮވައި ނެރުމަށް ފަހު އިތުރު ތިން މީހަކު ވެގެން އުފުލާލައިގެން ގެންގޮސް ރޯކޮށްލާފައި އޮތް ދޯންޏެއްގެ ތެރެއަށް އެއްލައިލުމުން ގައިގެ ބޮޑު ބައެއް ފިހި، ބޮޑެތި ޒަހަމްތައް ލިބިފައިވާ ކަމަށް އޭނާ ބުނާ ހާދިސާގެ އެންމެ ފުރަތަމަ މަރުހަލާގައި ވެސް އެއީ އޭނާ ބުނާ ގޮތަށް ހިނގާފައިވާ ކަމެއް ނޫން ކަމަށް ފުލުހުންގެ ތަހުގީގު ޓީމަށް ގަބޫލުކުރެވުނު ކަމަށް ނަވާޒު ވިދާޅުވި އެވެ.
ނަވާޒު ވިދާޅުވި ގޮތުގައި މި މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރުމަށް ސާޖިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާލުތައް ކުރުމުން ވެސް މިކަމުގައި އޭނާގެ ފަރާތުން ކަންތައްތަކެއް ފޮރުވިފައިވާކަން އެނގުނެވެ.
"މި ތަހުގީގު ކުރުމުން އެކަން ހިނގާފައި ވަނީ ސާޖިދު އެ ބުނާ ގޮތަށް ނޫންކަން ވެސް ސާޖިދުގެ އިއުތިރާފުންނާއި ހެކީގެ އަލީގައި މިހާރު ވަނީ އެނގިފައި،" ނަވާޒު ވިދާޅުވި އެވެ. "އޭނާ ހައްޔަރުކޮށް ތަހުގީގު ކުރުމުގައި އޭނާ ވަނީ ކުށަށް އިއުތިރާފުވެފައި. އޭނާ ބުނަނީ އެއީ ބަޔަކު މީހުން ބައިވެރިވެގެން ކުރި ކަމެއް ނޫން ކަމަށް. އަދި އެއީ އޭނާ އަމިއްލަ އަށް ހިންގި އަމަލެއް ކަމަށް އިތުރާފުވެ މިހާރު ވަނީ ބަޔާނެއް ދީފައި."
ނަވާޒު ވިދާޅުވީ ސާޖިދުގެ އިއުތިރާފާ އެކު މިހާރު އޭނާ ޖަލުގައި ބަންދުކޮށްފައިވާ ކަމަށެވެ.
ނަވާޒު ވިދާޅުވީ ސާޖިދު އެ ހާދިސާ ހިންގާފައި ވަނީ ހާއްސަ ކަމެއް އޮވެގެން ނޫން ކަމަށާއި އެރޭ އޭނާ މަގުމައްޗަށް ނުކުމެ އުޅުނު އުޅުމުގައި ގެއަކުން ޕެޓްރޯލު ހޯދައިގެން ގޮސް ދޯނީގައި ރޯކޮށްލީ ކަމަށެވެ.
"ދޯނީގައި ރޯކޮށްލުމުގެ ތެރޭގައި އަލިފާން ހުޅުގަނޑުން އޭނާގެ ހަށިގަނޑުގެ ކަނާތް ފަރާތުން ބޮޑުބައެއް ފިހުނީ. އެކަން އެގޮތަށް ހިނގުމުން އެކަން ސިއްރު ކުރުމަށްޓަކައި އޭނާ ދުވެފައި ގެއަށް ގޮސް، ގޭގެ ބަދިގެތެރޭގައި އޮތް ވަޅިއެއް ނަގައި އަމިއްލަ އަށް ވާތު އުޅަނބޮށި ކައިރީގައި ވަޅި އަޅައި ޒަހަމްކޮށްލީ. އޭނާ އޮތީ ދޯނީގެ ތެރެއަށް އެއްލާލައިފައެއް ވެސް ނޫން. އޭނާ އޮތީ ގޭ ކައިރީގައި. އެތަނުން އޭނާ އަށް ފުލުހުން އެހީތެރިވެދިނީ."
މިފަދަ ބޮޑު ހާދިސާއެއް އޭނާ އަމިއްލަ ހިންގަން ޖެހޭ ސަބަބަކީ ކޮބައިތޯ ހަވީރުން ސުވާލު ދެންނެވުމުން ނަވާޒު ވިދާޅުވީ މި ހާދިސާ ހިނގިއިރު ވެސް ސާޖިދު ހުރީ ވައްކަމުގެ މައްސަލައަކާ ގުޅިގެން ގޭބަންދުގައި ކަމަށާއި ދޭތެރެ ދޭތެރެއިން ރަށުތެރެއަށް ނުކުމެ ވައްކަންކޮށް އުޅޭ ކަމަށް ސާޖިދު ބުނާ ކަމަށެވެ. ރޯކޮށްލި ދޯނީގެ ވެރިފަރާތުގެ އާއިލާ އާއި ސާޖިދުގެ އާއިލާއާ ދެމެދު ޒަމާންވީ ރުޅިވެރި ކަމެއް އޮންނަ ކަމަށް ވެސް އޭނާ ބުނާ ކަމަށް ނަވާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސާޖިދުގެ މައްސަލައިގެ ތަހުގީގު މިހާރު ވަނީ ފުރިހަމަކޮށް ބަންޑާރަ ނައިބު އޮފީހަށް ފޮނުވުމުގެ މަގުމަތީގައި ކަމަށާއި އެ އޮފީހަށް ދިއުމުގެ ކުރިން ވެސް މި މައްސަލައާ ގުޅޭ ގޮތުން ލިބެން ހުރި ހުރިހާ މައުލޫމާތެއް ހޯއްދަވައި ހިމަނުއްވާނެ ކަމަށެވެ.
"މި ފައިލް އަދި ނުއެއް ލައްޕަން. )އެޓާނީ އަށް( މައްސަލަ ފޮނުވުމުގެ މަގުމަތީގައި އިތުރު މައުލޫމާތެއް ލިބުނަސް )އެބައި( ހިމަނައިފައި ފޮނުވާނީ. އަންނަ ހަފުތާގެ މެދެއްހާ ހިސާބުގައި މި މައްސަލަ ފޮނުވާލެވޭތޯ މި ބަލަނީ،" ނަވާޒު ވިދާޅުވި އެވެ.
ސާޖިދުގެ މި ހާދިސާ އާއި އެ ރަށުގައި ހިނގަމުންދާ ދީނީ އަރައިރުންތަކާ އެއްވެސް ގުޅުމެއްވޭތޯ އާއި މިކަމުގައި އޭނާގެ އާއިލާގެ އެއްވެސް ބަޔަކު ބައިވެރިވޭތޯ ސުވާލުކުރުމުން ނަވާޒު ވިދާޅުވީ މި ތަހުގީގު މިހާތަނަށް ފުރިހަމަކުރިއިރު އޭނާގެ އާއިލާގެ އެއްވެސް އަތެއް މިކަމުގައި ވާ ކަމަކަށް އެނގިފައި ނުވާ ކަމަށާއި އެ ރަށުގެ ދީނީ ހަމަނުޖެހުންތަކާ އެއްވެސް ގުޅުމެއް ހުރި ކަމުގެ މައުމޫމާތެއް ވެސް ލިބިފައިނުވާ ކަމަށެވެ.
"މި މައްސަލައިގައި އިތުރު ބައެއްގެ އަތެއް ވާކަމަށް އަދި އޭނާ އަށް ެއެހީވެދިފައިވާ ކަމުގެ އެއްވެސް ހެއްކެއް ގަރީނާއެއް އަދިއެއް ނެތް. އަދި ސާޖިދާއި އެ ރަށުގައި މަރާލާފައި އޮއްވާ ފެނުނު ޒުވާނާ އާއި ދެ މީހުންނަކީ އެއް އާއިލާއެއްގެ ދެ މީހުން ކަމަށް ވިޔަސް މި ތަހުގީގުގައި މި ދެ ކަންތައް ގުޅުވާފައެއް ނުވާނެ. ގުޅުމެއް އޮތް ކަމަކަށް އެއްވެސް ފެކްޓެއް އެސްޓަބްލިޝް ކުރެވިފައެއް ވެސް ނުވޭ،" ނަވާޒު ވިދާޅުވި އެވެ.
މި ހާދިސާގައި ސާޖިދުގެ ހަށިގަނޑުގެ 35 ޕަސެންޓް ފިހި، ބޮޑެތި ޒަހަމްތައް ލިބުމުން އޭނާ އަށް އައި.ޖީ.އެމް.އެޗުގައި ވަނީ ފަރުވާ ދީފަ އެވެ.
އެ ހާދިސާއާ ގުޅިގެން ސާޖިދާ ހަވާލާދީ އޭނާގެ އާއިލާ އިން އޭރު ބުނީ ސާޖިދަށް ހަމަލަދިނީ ދަންވަރު، ގޭގެ ދޮރާށި ކައިރީގައި ހުއްޓައި ބަޔަކު އޭނާ އަށް ގޮވައި ކަންފަތްމަތީގައި ވަރަށް ބާރަށް ޖަހައި، ހޭނައްތާލާފައި ކަމަށެވެ. ޒަހަމްކޮށްލުމަށް ފަހު އުފުއްލާލައިގެން ގެންގޮސް، ރޯކޮށްލާފައި އޮތް ދޯންޏަކަށް އެއްލާލީ ކަމަށާއި އޭނާ ސަލާމަތްވާން މަސައްކަތްކުރީ އަމިއްލަ އަށް ކަމަށެވެ.
ސާޖިދުގެ ގައިގައި ރޯކޮށްލި ކަމަށް ލަފާކުރެވެނީ، ހިމަންދޫގައި އުފެދިފައިވާ ދީނީ މައްސަލަތަކާ ގުޅިގެން ކަމަށް ވެސް އޭރު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ